ދައުލަތުން ހަމަޖެއްސި ވަކީލު ހާޒިރު ނުވާތީ މަރުގެ މައްސަލައެއް ހުއްޓުމަކަށް

ހައިކޯޓު: ކާށިދޫގައި ފުލުހެއް މަރާލި މައްސަލައިގަ އިސްތިއުނާފް އަޑުއެހުން ހައި ކޯޓުގައި ހުއްޓިފައި ވަނީ ދައުލަތުން ހަމަޖެއްސި ވަކީލް ހާޒިރު ނުވުމުން --- ސަން ފައިލް ފޮޓޯ/ އިހްތިޝާމް މުހައްމަދު

ފުލުހުކު މަރާލި މައްސަލައިގެ ކުށް ސާބިތުވެ މެރުމަށް ހުކުމް ކޮށްފައިވާ ކ. ކާށިދޫ ސުވާސާގޭ މުހައްމަދު ސަމާހު މެރުމަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމުގެ އިސްތިއުނާފު މަރުހަލާއަށް ދައުލަތުގެ ފަރާތުން ހަމަޖެއްސި ވަކީލް ހާޒިރުނުވުމުން މައްސަލަ ކުރިއަށް ނުގެންދެވި މަޑު ޖެހިއްޖެ އެވެ.

ސަމާހުގެ މައްޗަށް، ގަސްތުގައި މީހަކު މެރުގެ ދައުވާ ސާބިތުވެފައިވަނީ، ފުލުހުންގެ ޑިއުޓީއަށް ދިޔަ މަގުމަތީގައި ވަޅި ހަރައި ކ. ކާށިދޫ ކެތި އާދަމް ހަލީމް މަރާލި މައްސަލައިގަ އެވެ. އެ ކުށަށް އޭނާ ވަނީ އިއުތިރާފް ވެސް ވެފަ އެވެ. ކްރިމިނަލް ކޯޓުން ސަމާހު މެރުމަށް ހުކުމް ކޮށްފައިވަނީ 2013 ވަނަ އަހަރުގެ ޖެނުއަރީ 14 ވަނަ ދުވަހު އެވެ.

ހަތް އަހަރު ވެފައިވާ އެ މައްސަލައިގެ އިސްތިއުނާފް އަޑުއެހުންތައް ހައި ކޯޓުގައި ފަށާފައިވަނީ މިދިޔަ އަހަރު އެވެ. މާލީ ތަނަވަސްކަން ނެތުމުން ސަމާހުގެ ފަރާތުން ވަނީ ދައުލަތުގެ ފަރާތުން ވަކީލަކު ހަމަޖައްސައިދިނުމަށް އެދިފަ އެވެ.

އެގޮތުން ސަމާހުގެ އެދުނު ގޮތަށް ދައުލަތުގެ ފަރާތުން އެޓާނީ ޖެނަރަލްގެ އޮފީހުން އޭނާ އަށް ވަނީ ވަކީލަކު ވެސް ހަމަޖައްސައިދީފަ އެވެ. އަދި ފުރަތަމަ އަޑުއެހުމަށް ވަކީލް މުހައްމަދު ޝާފިއު ހާޒިރުވި ނަމަވެސް ދެވަނަ އަޑުއެހުމަށް ހާޒިރު ވެފައިނުވާ ކަން މައްސަލަ ބައްލަވާ ބެންޗްގެ އިސް ފަނޑިޔާރު ވަނީ ވިދާޅުވެފަ އެވެ. އެ އަޑުއެހުމަށް އޭނާއަށް ޗިޓް ރައްދު ކުރެވުނު ނަމަވެސް މިއަދު އޮތް އަޑުއެހުމަށް ޗިޓް ރައްދު ކުރެވިފައި ނުވާކަން އިސް ފަނޑިޔާރު ފާހަގަ ކުރެއްވި އެވެ. އަދި ކޯޓުން ގުޅުމުން ވަކީލް، ފޯނަށް ޖަވާބު ނުދެއްވާ ކަމަށް އިސް ފަނޑިޔާރު ވިދާޅުވި އެވެ.

މިއަދުގެ އަޑުއެހުމުގައި ސަމާހު ބުނީ، މައްސަލައިގަ އޭނާ ކުރިއަށް ދާން ބޭނުންވަނީ ވަކީލެއްގެ ހާޒިރުގައި ކަމަށާއި އަމިއްލަ އަށް ވަކީލަކު ހަމަޖެއްސުމުގެ ތަނަވަސްކަން ނެތުމުން ދައުލަތުގެ ފަރާތުން ވަކީލަކު ހަމަޖެއްސުމަށް އަދިވެސް އެދޭ ކަމަށެވެ.

ސަމާހުގެ ވާހަކަތަކަށް ފަހު އިސް ގާޒީ ވިދާޅުވީ، ކޯޓުތަކުގައި މައްސަލަތައް ލަސްވާ ކަމަށް ވާހަކަ ދެކެވެމުންދާ މި ދުވަސްވަރުގައި ދައުލަތުން ހަމަޖެއްސި ވަކީލެއްގެ އިހުމާލުން އެ މައްސަލަ ލަސްވާ މައްސަލަ ބަލާނެ ކަމަށާއި އަދި އޭޖީ އޮފީހުން ވެސް އެކަން އޮޅުން ފިލުވާނެ ކަމަށެވެ.

comment ކޮމެންޓް