ފުވައްމުލަކުގައި ބާކީހުރި 40 ފްލެޓަށް ކުރިމަތިލާން ހުޅުވާލައިފި

ފުވައްމުލަކުގައި ދެބުރިއަށް އިމާރާތްކުރެވިފައިވާ ހައުސިން ޔުނިޓްތަކެއް--- ފޮޓޯ: ޕީއެސްއެމް

ސަރުކާރުގެ ''ގެދޮރުވެރިކުރުން'' ޕްރޮގްރާމްގެ ދަށުން، ފުވައްމުލައް ސިޓީގައި އިމާރާތްކޮށްފައިވާ 200 ފްލެޓުގެ ތެރެއިން ބާކީ ހުރި 40 ފްލެޓަށް ކުރިމަތިލާން ހުޅުވާލައިފި އެވެ.

ފުވައްމުލަކު ސިޓީ ކައުންސިލުން ކުރި އިއުލާނެއްގައި ބުނީ އޭ ކެޓެގަރީގެ ދަށުން ފުވައްމުލަކު ރައްޔިތުންނަށް ހާއްސަކޮށްފައިވާ 35 ފްލެޓާއި އެ ސިޓީއަށް ދިރިއުޅުން ބަދަލުކުރަން ބެނުންވާ ފަރާތްތަކަށް ބީ ކެޓަގަރީގެ ދަށުން ދޫކުރާ ފަސް ފްލެޓަށް އެދޭ ފަރާތްތަކަށް ފޯމު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާ ކަމަށެވެ.

މިއަދުން ފެށިގެން އަންނަ މަހުގެ 23 ގެ ނިޔަލަށް މި ފުރުސަތު ހުޅުވާލާއިރު މީގެ ކުރިންވެސް ވަނީ ފްލެޓަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާ، އެ މުއްދަތުގައި ފްލެޓަށް އެދި ހުށަހެޅި މީހުންގެ ތެރެއިން ޝަރުތު ހަމަވާ މީހުންގެ ލިސްޓު އާންމުކޮށްފައެވެ.

ފުވައްމުލަކުގައި އިމާރާތް ކޮށްފައިވާ 200 ފްލެޓްގެ ތެރެއިން، 120 ފްލެޓް ހާއްސަ ކުރެވިފައި ވަނީ ފުވައްމުލަކު ރައްޔިތުންނަށެވެ. 20 ފްލެޓު ހާއްސަކޮށްފައި ވަނީ ފުވައްމުލަކަށް ހިޖުރަ ކުރަން ބޭނުންވާ ފަރާތްތަކަށެވެ.

މި ސަރުކާރުން ކުރިއަށްގެންދާ ހައުސިން މަޝްރޫއުގެ ދަށުން ފުވައްމުލަކުގައި އިތުރު 200 ހައުސިން ޔުނިޓު އަޅާނެކަމަށް ރައީސް ސޯލިހު ވަނީ ވިދާޅުވެފަ އެވެ.

comment ކޮމެންޓް