ރަސްމީ ރިޒާވް ހައްތަހާ ދަށަށް، ދަރަނި 50 ބިލިއަނުން މައްޗަށް

ސިނަމާލެ ބްރިޖު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މި އަހަރުގެ ފުރަތަމަ ހަ މަސް ނިމުނުއިރު ރާއްޖޭގެ ރަސްމީ ރިޒާވް ހަތް ޕަސެންޓް ދަށަށް ގޮސްފައިވާ ކަމަށާއި އެ މުއްދަތުގައި ރާއްޖޭގެ ދަރަނި 50 ބިލިއަން ރުފިޔާ އަށް އަރާފައިވާކަމަށް މަރުކަޒީ ބޭންކް އެމްއެމްއޭގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

އެ އިދާރާއިން އާންމުކޮށްފައިވާ މިއަހަރުގެ ދެވަނަ ކުއާޓާގެ ރިޕޯޓުގައިވާގޮތުން ޖޫން މަސް ނިމުނުއިރު ރާއްޖޭގެ ރިޒާވް ހުރީ 677.4 މިލިއަން ޑޮލަރުގަ އެވެ. މިއީ މިދިޔަ ޑިސެމްބަރު މަސް ނިމުނުއިރު ރަސްމީ ރިޒާވު ހުރި މިންވަރާ އަޅާބަލާއިރު ފަސް ޕަސެންޓް ދަށް އަދަދެއް ކަމަށް ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.

ރިޕޯޓުގައި ބުނީ މިއަހަރުގެ ފެބްރުއަރީ މަހާއި ހަމައަށް ރިޒާވްއިތުރުވީ ނަމަވެސް މެއި މަހުން ފެށިގެން ރިޒާވް ދަށް ވާން ފެށި ކަމަށެވެ. ފެބްރުއަރީ މަހުގެ ނިޔަލަށް ރިޒާވްގައި 938.6 މިލިއަން ޑޮަލަރު ހުރިކަމަށް އެމްއެމްއޭގެ ތަފާސްހިސާބުތަކުން ދައްކަ އެވެ.

އެމްއެމްއޭ އިންބުނީ ރަސްމީ ރިޒާވް ދަށްވި އެއް ސަބަބަކީ ބޭންކު ތަކުން އެމްއެމްއޭގައި ބަހައްޓާފައިވާ ޑޮލަރު ޑެޕޮސިޓް ދަށްވުން ކަމަށެވެ.

އެމްއެމްއޭގެ ރިޕޯޓުގައިވާގޮތުން މިއަހަރު ރާއްޖޭގެ އިގްތިސާދީ ދުވެލި މަޑުޖެހޭނެ އެވެ. ރާއްޖޭގެ ދަރަނި 50 ބިލިއަން ރުފިޔާ އަށްވުރެ މައްޗަށް ޖެހިފައިވާކަމަށްވެސް އެ ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.

ރިޕޯޓުގައި ބުނީ މި އަހަރުގެ ޖޫން މަސް ނިމުނުއިރު ރާއްޖޭގެ ދަރަނި 50.9 ބިލިއަން ރުފިޔާ އަށް އަރާފައިވާކަމަށެވެ.

އެމްއެމްއޭގެ ތަފާސްހިސާބުތައް ދައްކާގޮތުން ޑިސެމްބަރު މަސް ނިމުނުއިރު ރާއްޖޭގެ ޖުމްލަ ދަރަނި ހުރީ 48 ބިލިއަން ރުފިޔާގަ އެވެ. މީގެ ތެރޭގައި އެންމެ ބޮޑު ހިއްސާއެއް އަދާކުރަނީ އެތެރޭގެ ދަރަނި ނުވަތަ ޑޮމެސްޓިކް ޑެޓް އެވެ.

ޖޫންމަހުގެ ނިޔަލަށް އެތެރޭގެ ދަރަނި 29.7 ބިލިއަން ރުފިޔާ އަށް އަރާފައިވާ ކަމަށާއި މިއީ ޖުމްލަ ދަރަނީގެ 58 ޕަސެންޓް ކަމަށް އެމްއެމްއޭ އިން ބުންޏެވެ. މިގެ ތެރޭ ބޮޑު ހިއްސާއެއް އަދާކުރަނީ ޓްރެޒަރީ ބޮންޑާއި ޓްރެޒަރީ ބިލެވެ.

އެމްއެމްއޭ އިން ބުނީ ކޮމާޝަލް ބޭންކުތަކަށާއި އެހެނިހެން ފައިނޭންޝަލް އިންސްޓިޓިއުޝަންތަކަށް ޓީ ބިލު ވިއްކައިގެން 1.1 ބިލިއަން ރުފިޔާ އަދި 819.2 މިލިއަން ރުފިޔާގެ އާމްދަނީ ސަރުކާރަށް ލިބިފައިވާ ކަމަށެވެ.

ސަރުކާރުން ވިއްކި ޓީ ބިލްގެ 63 ޕަސެންޓު ގަނެފައިވަނީ ކޮމާޝަލް ބެންކު ތަކުންނެވެ. އަނެއް 34 ޕަސެންޓު ޓީބިލާއި ބޮންޑު ގަނެފައިވަނީ އެހެނިހެން މާލީ އިދާރާތަކުންނެވެ.

މިއަހަރުގެ ފުރަތަމަ ހަ މަސް ނިމުނުއިރު ރާއްޖޭގެ ބޭރުގެ ދަރަނި ހުރީ 21.3 ބިލިއަން ރުފިޔާގައެވެ. މިދިޔަ އަހަރު ނިމުނުއިރު މި އަދަދު ހުރީ 20.4 ބިލިއަނުގައެވެ. ބޭރުގެ ދަރަނި އިތުރުވީ ބޭރުން ނެގި ލޯނުގެ އަދަދު އިތުރުވުމުންނެވެ. ފާއިތުވި ހަ މަސްތެރޭ 733.5 މިލިއަން ރުފިޔާގެ ލޯނު ސަރުކާރުން ނަގާފައިވެ އެވެ.

comment ކޮމެންޓް