ރޮނާލްޑޯ ފީފާގެ އެވޯޑް ހަފްލާއަށް ހާޒިރު ނުވީ ކީއްވެ؟

ޔުވެންޓަސްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ --- ފޮޓޯ// ޑެޔަން ކަލިނިޗް

ފުޓުބޯޅައިގެ މައި އިދާރާ ފީފާއިން ކޮންމެ އަހަރަކު ވެސް، އަހަރުގެ މޮޅު ކުޅުންތެރިޔާއާއި އެހެނިހެން މަގާމުތަކަށް އިނާމު ދިނުމަށް ބާއްވާ ހަފްލާއިން މިފަހަރު ގެއްލުނީ މީގެ ކުރިން ފަސް ފަހަރަކު ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ.

އުމުރުން 34 އަހަރުގެ ރޮނާލްޑޯއަށް މިދިޔަ އަހަރުގެ އެންމެ މޮޅު ކުޅުންތެރިޔާގެ ލިސްޓުން ލިބުނީ ތިންވަނަ އެވެ. އޭނާ ވަނީ ފީފާގެ މޮޅު ކުޅުންތެރިޔާގެ އެވޯޑް 2008، 2013، 2014، 2016 އަދި 2017 ވަނަ އަހަރު ހޯދައިފަ އެވެ. އޭނާއާއި އެންމެ ވާދަވެރި ލިއޮނެލް މެސީއަށް ރޭ ވަނީ ހަވަނަ ފަހަރަކަށް އެ އެވޯޑް ލިބިފަ އެވެ.

ރޮނާލްޑޯ ރޭގެ އިނާމް ދިނުމުގެ ބޮޑު ހަފްލާއަށް ނައި ސަބަބު އޭނާ ބަޔާންކޮށްފައެއް ނުވެ އެވެ. ނަމަވެސް އޭނާ ވަނީ އެ އެވޯޑް ރަސްމިއްޔާތުގައި އިނާމު ދީ ނިމުމުން އިންސްޓަގުރާމުގައި އަސަރުގަދަ ޕޯސްޓެއް ކޮށްފަ އެވެ. ރޮނާލްޑޯ މިވަގުތު އަނިޔާގައި ހުރުމުން އޭނާ ޔުވެންޓަސް މި ހަފްތާގައި ބްރެސްކިއާއާ ދެކޮޅަށް ކުޅޭ މެޗުގައި ނުފެންނާނެ ކަމަށް ޔުވެންޓަސް ވަނީ ބުނެފަ އެވެ.

ރޮނާލްޑޯ އިންސްޓަގުރާމުގައި ކުރި ޕޯސްޓުގައި ފީފާގެ އެވޯޑަށް ނިސްބަތްކޮށް ވާހަކަ ދައްކާފައި އޮތް ނަމަވެސް އޭނާ އެވާހަކަ ދައްކާފައި ވަނީ ވަރަށް ދުރުދުރުންނެވެ.

"ކެތްތެރިކަމާއި އެއްގޮތެއްގައި ދެމި ހުރުމަކީ ފުޓުބޯޅައިގެ ޕްރޮފެޝަނަލިޒަމްގައި މުޅިން ތަފާތު ދެކަމެއް. ކުޅުންތެރިންގެ މެޗުއަރިޓީ އަންގައިދެނީ އެ ދެކަމުން،" ރޮނާލްޑޯ ކުރި ޕޯސްޓްގައި ބުންޏެވެ.

އޭނާ ބުނީ، މިއަދު ބޮޑެތިކޮށް މިފެންނަ ހުރިހާ ކަމަކީ ވެސް، އަދި އެއްޗަކީ ވެސް އެއް ދުވަހަކު ކުޑަކޮށް ހުރި އެއްޗެކެވެ. އެއްވެސް މީހަކަށް ހުރިހާ ކަމެއް ނުކުރެވޭނެ ކަމާއި އަމާޒަކަށް ވާންވީ ކުރެވެން ހުރި ކަމެއް ކުރުމަށް ކަމަށް ވެސް ރޮނާލްޑޯ އެ ޕޯސްޓުގައި ބުނެފައިވެ އެވެ.

"އަބަދުވެސް ހަނދާނުގައި ބަހައްޓަންވީ ކޮންމެ އަނދިރި ރެއަކާ އެކު ވެސް ދުވަސް ފެށޭނީ ފަތިހަކުން ކަން."

ރޮނާލްޑޯ ރޭގެ ރަސްމިއްޔާތަށް ހާޒިރު ނުވި އިރު މީގެ ކުރީ ފަހަރެއްގައި ލިއޮނެލް މެސީ ވެސް އެ ރަސްމިއްޔާތަށް ހާޒިރު ނުވުމުން ގިނަ ފާޑު ކިޔުންތަކެއް ލިބިފައިވެއެވެ.

comment ކޮމެންޓް