ފީފާގެ މޮޅު ކުޅުންތެރިޔާ މެސީއަށް، މޮޅު ކޯޗަކަށް ކުލޮޕް

ފީފާގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ލިއޮނެލް މެސީ --- ޑެޔަން ކަލިނިޗް

މިލާން (ސެޕްޓެމްބަރު 24) - ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރައިން ހޮވާ އެންމެ މޮޅު ކުޅުންތެރިޔާ، "ފީފާ ބެސްޓް އެވޯޑް" އާޖެންޓީނާގެ ބާސެލޯނާ ތަރި ލިއޮނެލް މެސީއަށް ލިބުނު އިރު މިފަހަރުގެ އެންމެ މޮޅު ކޯޗަކަށް ހޮވުނީ މިދިޔަ ސީޒަނުގެ ޗެމްޕިއަންސް ލީގު ލިވަޕޫލަށް ހޯދައިދިން ޔާގޮން ކުލޮޕް އެވެ.

ދުނިޔޭގައި މިހާތަނަށް އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާ ކަމަށް ގިނަ ބަޔަކު އިއްތިފާގުވާ މެސީއަށް ރޭ ލިބުނު މޮޅު ކުޅުންތެރިޔާގެ އެވޯޑް އޭނާ ވަނީ މީގެ ކުރިން ވެސް ފަސް ފަހަރަކު ހޯދައިފަ އެވެ. އެއީ 2009، 2010، 2011، 2012 އަދި 2015 ވަނަ އަހަރު އެވެ. ފީފާއިން ދޭ މޮޅު ކުޅުންތެރިޔާގެ އެވޯޑް 2010 އިން 2015 ވަނަ އަހަރާ ހަމައަށް ދެމުން އައީ ފްރާންސް ފުޓްބޯލްގެ ބެލޮންޑިއޯ އެވޯޑާ އެއްކޮށްލައިގެންނެވެ. ފީފާ ބެސްޓް އެވޯޑްސް ދޭން ފެށީ 2016 ވަނަ އަހަރު އެވެ.

އުމުރުން 32 އަހަރުގެ މެސީއަށް މިއީ އެ އޯވޯޑް ނަން ބަދަލުކޮށްފައި ދޭން ފެށި ފަހުން ލިބުނު ފުރަތަމަ ފަހަރަށް ވީ އިރު މީގެ ކުރީ ތިން އަހަރު އެ އެވޯޑް ހޯދާފައި ވަނީ މެސީއާއި އެންމެ ވާދަވެރި ކްރިސްޓިއާނޯ ރޮނާލްޑޯއަށާއި ލޫކާ މޮޑްރިޗް އަށެވެ.

މިދިޔަ ސީޒަނަކީ މެސީއަށް އިންޑިވިޖުއަލްކޮށް ބަލާ ނަމަ ކާމިޔާބު އަހަރެކެވެ. އޭނާ ކުޅުނު ހުރިހާ މުބާރާތެއްގައި ވެސް ތަފާތު ކުޅުމެއް ދައްކައި ޔޫރޮޕުގެ ރަން ބޫޓް ހޯދި ނަމަވެސް އޭނާގެ ޓީމް ބާސެލޯނާއަށް ހޯދިފައި ވަނީ ސްޕެނިޝް ލީގު އެކަންޏެވެ. އެ ޓީމުން ވަނީ ކޮޕަ ޑެލްރޭ ގެ ފައިނަލުން ބަލިވެފަ އެވެ. އަދި ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުން ވެސް ވަނީ ހިތްދަތި ގޮތަކަށް ކަޓައިފަ އެވެ.

ފީފާއިން ހޮވާ މޮޅު ކުޅުންތެރިޔާ އަކީ ގައުމީ ޓީމުތަކުގެ ކެޕްޓަނުންނާއި މެނޭޖަރުންގެ އިތުރުން ފުޓުބޯޅަ ނޫސްވެރިންގެ ވޯޓުން ހޮވާ އެވޯޑަކަށް ވާ އިރު މިފަހަރުގެ އެވޯޑް ލިބޭނެ ކަމަށް އެންމެ ގިނަ ބަޔަކު ހީކޮށްގެން ތިބީ ލިވަޕޫލްގެ ޑިފެންޑަރު ވާޖިލް ވެންޑައިކްއަށެވެ.

ނަމަވެސް ވެންޑައިކްއަށް ލިބުނީ މެސީގެ ދަށުން ދެވަނަ އެވެ. ތިން ވަނައަށް ދިޔައީ ރޮނާލްޑޯ އެވެ.

އަހަރުގެ އެންމެ މޮޅު ކޯޗުގެ މަގާމް ހޯދީ ލިވަޕޫލަށް ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްދިން ޔާގެން ކްލޮޕެވެ. އޭނާ ވަނީ ޕްރިމިއާ ލީގުގެ ދެ ވަނަ ވެސް ލިވަޕޫލަށް ހޯދައިދީފަ އެވެ. މި އެވޯޑަށް ކްލޮޕް ވާދަކުރީ ޓޮޓެންހަމްގެ މައުރީސިއޯ ޕޮޗެޓިނޯ އާއި މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާއާ އެވެ.

މީގެ އިތުރުން މިދިޔަ އަހަރުގެ އެންމެ މޮޅު އަންހެން ކުޅުންތެރިޔަކަށް ހޮވުނީ މޭގަން ރެޕިނޯ އެވެ. އޭނާ ވަނީ މިއަހަރު އެމެރިކާއިން އަންހެނުންގެ ވޯލްޑް ކަޕު ހޯދުމުގައި ޓީމުގެ ކެޕްޓަނަކަށް ހުރެ މުހިއްމު ދައުރެއް އަދާކޮށް ގިނަ ގޯލުތަކެއް ވެސް ޖަހައިފަ އެވެ. އެންމެ މޮޅު އަންހެން ކޯޗަކީ އެމެރިކާގެ ޖިމް އެލިސް އެވެ.

އަދި އެންމެ މޮޅު ގޯލްކީޕަަރަކަށް ލިވަޕޫލްގެ އެލިސަން ބެކާ ހޮވުނުއިރު، އެންމެ މޮޅު އަންހެން ގޯލްކީޕަރަކީ ވެން ވީނަންޑާލް އަށެވެ. އެލިސަން ވަނީ ޕްރިމިއާ ލީގުގެ އެންމެ މޮޅު ކީޕަރުގެ މަގާމާއި ޔޫރަޕްގެ މޮޅު ކީޕަރުގެ މަގާމުގެ އިތުރުން ކޮޕަ އެމެރިކާގެ އެންމެ މޮޅު ކީޕަރުގެ މަގާމު ހޯދައިފަ އެވެ. އޭނާއާއި އެންމެ ގާތުން ދެން ވާދަ ކުރީ ބާސެލޯނާގެ ކީޕަރު ޓާ ސްޓެގަން އެވެ.

މިފަހަރުގެ ފީފާގެ ފިފްޕްރޯ ޑްރީމް ޓީމުގައި ހިމެނެނީ:

1. އެލިސަން ބެކާ

2. ސާޖިއޯ ރާމޯސް

3. މާސެލޯ ވިއެރާ

4. މެތިއަސް ޑި ލިޓް

5. ވާޖިލް ވެން ޑައިކް

6. ލޫކަ މޮޑްރިޗް

7. ޑި ޔޮން

8. ލިއޮނެލް މެސީ

9. އެޑެން ހަޒާޑް

10. ކިލިއަން އެމްބާޕޭ

11. ކްރިސްޓިއާނޯ ރޮނާލްޑޯ

comment ކޮމެންޓް