އޮސްޓްރޭލިއާގައި ރާއްޖެ އިޝްތިހާރުކުރަނީ

އެމްއެމްޕީއާރުސީ އިން އޮސްޓްރޭލިއާގައި ކުރިއަށްގެންދާ ރޯޑްޝޯގެ ތެރެއިން -- ފޮޓޯ: އެމްއެމްޕީއާރުސީ

ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރުމަށް އޮސްޓްރޭލިއާގައި ރޯޑް ޝޯއެއް ފަށައިފި އެވެ.

އިއްޔެ އިން ފެށިގެން މިމަހުގެ 27ގެ ނިޔަލަށް ކުރިއަށް ގެންދާ މި ރޯޑްޝޯ އޮސްޓްރޭލިއާގެ ޕާތުގައި ކުރިއަށް ގެންދާއިރު އެ ގައުމުގެ ޓޮޕް ޓުއާ އޮޕަރޭޓަރުން ބައިވެރިވާ ރޯޑް ޝޯއެއްގެ އިތުރުން ޓްރެވަލް ޓްރޭޑް މީޑިއާ އިވެންޓެއް ކުރިއަށް ގެންދާނެ އެވެ.

މިއީ އެމްއެމްޕީއާރުސީ އިން ކުރިއަށްގެންދާ "ޖާނީ ޓު ދަ ސަނީ ސައިޑް" ސިލްސިލާގެ ހަތް ވަނަ ރޯޑް ޝޯ އެވެ.

މި ރޯޑްޝޯގެ މަގުސަދަކީ އޮސްޓްރޭލިއާގައި ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކޮށް އޮސްޓްރޭލިއާގެ ޓުއާ އޮޕަރޭޓަރުންނަށް ރާއްޖެއާ ބެހޭ މައުލޫމާތު ދިނުމެވެ. ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ބައެއް ކުންފުނިތަކުން ވެސ މި ރޯޑްޝޯގައި ބައިވެރިވެ އެވެ.

މި ރޯޑްޝޯ ބާއްވާ ކޮންމެ ސިޓީއަކުން ވެސް ގުރުއަތުން ހޮވޭ ފަރާތަކަށް ރާއްޖޭގައި ޗުއްޓީ ހޭދަކުރުމުގެ ފުރުސަތުދެ އެވެ. މި ދަތުރުތައް ސްޕޮންސާކޮށްފައި ވަނީ ކްރައުން އެންޑް ޗަމްޕާ، ވިލާ ހޮޓެލްސް، ދަ ރެޒިޑެންސް މޯލްޑިވްސް، ވޮޔޭޖަސް މޯލްޑިވްސް، ލަކްސް ސައުތު އަރި އެޓޯލް، ލަކްސް ނޯތް މާލެ އެޓޯލް، އަދި ސިންގަޕޯ އެއާލައިންސް އިންނެވެ.

މި ރޯޑް ޝޯގެ ތެރެއިން އޮސްޓްރޭލިއާގެ މަޝްހޫރު ޓްރެވަލް މެގަޒިންތަކާއި މީދިއާތަކުގެ އިސްފަރާތްތަކާ ބައްދަލު ކުރާނެ ކަމަށް އެމްއެމްޕީއާރުސީ އިން ބުންޏެވެ. އޮސްޓްރޭލިއާ އަކީ ރާއްޖޭގެ ފަތުރުވެރިކަމުގައި ކުރިއަރަމުން އަންނަ މާކެޓެކެވެ. މި އަހަރުގެ ފުރަތަމަ ހަ މަސްތެރޭ 23785 ފަތުރުވެރިން އޮސްޓްރޭލިއާ އިން ރާއްޖެ ޒިޔާރަތްކޮށްފައިވެ އެވެ. މިއީ މިދިޔަ އަހަރާ އަޅާބަލާއިރު 12.2 ޕަސެންޓުގެ ކުރިއެރުމެކެވެ.

comment ކޮމެންޓް