ގައުމަށް ލިބުނު ފަހުރެއް: ތާރީހީ ތަގުރީރު މައުމޫން ދެއްވީ ދިވެހި ބަހުން

ރައީސް މައުމޫން ޔޫއެންގެ 61 ވަނަ ޖެނެރަލް އެސެމްބްލީގައި ތަގުރީރްކުރައްވަނީ--- ފޮޓޯ: ޔޫއެން މަލްޓިމީޑިއާ

"މިއަދު އަޅުގަނޑު މި މަޖިލީހުގައި މުހާތަބްކުރަމުންދަނީ އަޅުގަނޑުމެންގެ މާދަރީ ބަހުން. އާދެ ދިވެހި ބަހުން. މީގެ އެތަކެއް ސާސްކަފެއް ކުރިއްސުރެ އައިސްފައިވާ ދިވެހިންގެ ސަގާފަތާ އާދަކައިދަިއގެ މުައްސަނދި ތަރިކައެއް މިފަދަ މުއްސަނދި ތަރިކަތައް ރައްކާތެރިކުރުމަކީ އދ. ގެ ކާމީޔާބީ ފާހަގަކުރެވޭނެ އިމްތިހާނެއްް ނޫންތޯ؟ އަދި ކުދި ނާޒުކު ގައުމުތަކަކީ ހިމާޔަތް ގައުމުތަކަށް އދ. އަށް ހެދިއްޖެނަމަ ނުރައްކަށް ހުޅުވިފައިވާ ހަމަ އެއްމެ ގައުމެއްވެސް އޮންނާނެތޯ؟"

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް މީގެ 13 އަހަރު ކުރިން އދ. ގެ ޖެނެރަލް އެސެމްބްލީގައި ދެއްވީ ތާރީހީ ތަގުރީރެކެވެ. ދިވެހި ތާރީހުގައިވެސް އދ ގައި ދިވެހި ބަހުން ތަގުރީރެއް ދެއްވުމަކީ ގައުމަށް ލިބިގެން ދިޔަ ޝަރަފެކެވެ. ރާއްޖެ ފަދަ ކުޑަކުޑަ ގައުމަކުން އދ. ގައި މާބޮޑު ހައިސިއްޔަތެއް ނެތް ކަމަށް ހީވެފައި އޮތް އޮތުން އެއީ ކުށްހީއެއްކަން ރައީސް މައުމޫން ސާބިތުކޮށްދެއްވި އެވެ.

ރައީސް މައުމޫންގެ ތަގުރީރުގައި ހިމެނޭ ބައެއް ވާހަކަތައް

ރައީސް މައުމޫންގެ ތަގުރީރުގައި ރާއްޖެއާއި ބައިނަލްއަގުވާމީ މައްސަލަތަކަށް އަލި އަޅުވާލެއްވި އެވެ. އެ މައްސަލަތަކަކީ އަޅާ ނުލައި ދޫކޮށްލެވެން ނެތް މައްސަލަތަކެއް އެމަނިކުފާނު ފަހަގަކުރްވައި ބައިނަލްއަގުވާމީ ސަމާލުކަން ހޯއްދެވި އެވެ.

ރާއްޖެ ފަދަ ކުދި ގައުމުތަކަށް ދިމާވެފައިވާ ތިމާވެށީގެ މައްސަލަތައް ބައިނަލްއަގުވާމީ ސަމާލުކަމަށް ގެނައުމަށް އަބަދުވެސް މަސައްކަތް ކުރެއްވި ރައީސް މައުމޫން އދ. ގައިވެސް ތަކުރާރުކުރެއްވިއެވެ.

ދުނިޔޭގެ ތިމާވެށި ހަލާކުވުމުގެ ސަބަބުން ޖައްވު ހޫނުވުމާއި މޫސުމަށް އަންނަ ބަދަލުތަކާ ކަނޑުގެ ލޮނުގަނޑު ބަދަލުތަކުގެ ސަބަބުން އިންސާނީ ދަރިފަސް ކޮޅަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

"ކަނޑުގެ ލޮނުގަނޑު އުފުލުމާ ގުޅިގެން ނުރައްކާވެފައިވާ ގައުމުތަކުގެ ތެރެއިން ރާއްޖެ ފަދަ ކުދި ގައުމުތަކާއި އެފަދަ ޖަޒީރާ ގައުމުތައް. ފަހަކަށް އައިސް ދުނިޔެ ދެކެފައިވާ ތޫފާންތަކާއި ނާމާންކަމާއި ކުރިއަށް ވުރެ ބޮޑަށް ގެއްލުންވެފައި ކަންތައްތައް. އެކަންކަމުގެ ސަބަބުން މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ލިބެމުންދާ ގެއްލުންތަކަކީ މުޅި ދުނިޔެއަށް ދިމާވެފައިވާ ގެއްލުންތަކެއް." މައުމޫން ވިދާޅުވި އެވެ.

ރައީސް މައުމޫން އދ. ގެ ކުރީގެ ސެކެޓްރީ ޖެނެރަލް ކޯފީ އަނާން -- ފޮޓޯ: ޔޫއެން މަލްޓިމީޑިއާ

ރައީސް މައުމޫން އެ ތަގުރީރުގައި ވިދާޅުވީ މޫސުމަށް އަންނަ ބަދަލުތަކާ ކަނޑުގެ ލޮނުގަނޑު ހުއްޓުވުމަށްޓަކައި ގައުމުތައް ގުޅިގެން ބައިނަލްއަގުވާމީ އެއްބަސްވުންތަކަކަށް އަންނަން ޖެހޭ ކަމަށެވެ.

އެމަނިކުފާނު އދ. ގައި ތަގުރީރު ކުރެއްވީ 2006 ވަނަ އަހަރު ސެޕްޓެމްބަރުމަހު އެވެ. ލުބްނާނާ އިސްރާއިލްއާއެކު ކުރެވުނު ވަރުގަދަ ހަނގުރާމަ ނިމުނުތާ ދެ މަސް އޭރު ވަނީ ވެފަ އެވެ. ލުބްނާނެކޭ އެއްފަދައިން ފަލަސްތީނުގެ މައްސަލަ އޭރުވެސް ވަރަށް ހޫނެވެެ. ފަަލަސްތީނުމުގެ މައްސަލައިގައި އަބަދުވެސް ވަކާލާތު ކުރުމުން ދިޔަ ދިޔުން މައުމޫން އެ އެސެމްބްލީގައިވެސް ތަކުރާރު ކުރެއްވި އެވެ. ރައީސްގެ އިލްތިމާސަކަށްވީ ބައިނަލްއަގުވާމީ ގާނޫނުތަކާ އެއްގޮތަށް އެ މައްސަލަ ހައްލުކޮށްދިނުމެވެ.

މައުމޫންގެ ތަގުރީރުގައި ޓެރަރިޒަމާ ދެކޮޅަށްވެސް ވަނީ އަލިއަޅުވާލައްވައިފަ އެވެ. އެގޮތުން އިސްލާމް ދީނަކީ މެދު މިނުގެ ދީނެއް ކަަމަށް ވިދާޅުވެ ޓެރެރިޒަމްއަށް އިސްލާމް ދީން ޖާގަ ނުދޭކަން ވަނީ ފާހަގަކުރައްވައިފަ އެވެ.

މައުމޫންގެ ތާރީހީ ތަގުރީރު މިއަދުގެ ހާލަތާވެސް ގުޅޭ

ރައީސް މައުމޫންގެ ތާރީހީ ތަގުރީރު ދެއްވިތާ މިހާރު 13 އަހަރުވެއްޖެ އެވެ. ނަމަވެސް އެ ތަގުރީރުގައި އަލިއަޅުވާލެއްވި ބައިނަލްއަގުވާމީ ބައެއް މައްސަލަތައް އަދިވެސް އޮތީ ހަމަ އޭރު އޮތް ގޮތަށެވެ. އެ މައްސަލަތަކާމެދު މައުމޫން ފަދަ ލީޑަރުން ދެއްކެވި ވާހަތައް އޮތީ ހަަމައެކަނި ހުސް ވާހަކަތަކެއްގެ ގޮތުގަ އެވެ. އެއަށް އަމަލީ މާބޮޑު ސިފައެއް އައިސްފައެއް ނުވެއެވެ.

ތިމާވެށީގެ ހައްގުގައި ދުނިޔޭގެ ގައުމުތަކުން އެކުލަވާލި ކިއޯޓޯ ޕްރޮޓޮކޯލުން އޭގެ އަސްލު ނަތީޖާއަށް ވާސިލެއް ނުވިއެވެ. ހުދު މައުމޫން އޭރުވެސް އެކަން ފާހަގަކުރެއްވިއެވެ. މޫސުމަށް އަންނަ ބަދަލުތަކަށް ދުނިޔޭގެ ހުރިހާ ގައުމުތަކުން ހަރުދަނާ ފިޔަވަޅު އެޅުމަށް މައުމޫން ގޮވާލި ގޮވާލެއްވުން މިހާރު އަނެއްކާވެސް ވަނީ ތަކުރާރު ކުރަން ޖެހިފައެވެ. މޫސުމަށް އަންނަ ބަދަލުތަކާއެކު އުދަ އެރުން ފަދަ ކާރިސާތައް ރާއްޖޭގައި އިތުރުވެފައިވާއިރު ރާއްޖެ ފަދަ ކުދި ގައުމުތަކުން މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް ކުރާ ހަނގުރާމަ ވަނީ އިތުރުކުރަން ޖެހިފައެވެ.

ރައީސް މައުމޫން އދ. ގެ ކުރީގެ ސެކެޓްރީ ޖެނެރަލް ކޯފީ އަނާން -- ފޮޓޯ: ޔޫއެން މަލްޓިމީޑިއާ

މޫސުމެކޭ އެއްފަދައިން ޓެރަރިޒަމްގެ ނުރައްކާވެސް ރާއްޖެއަށް މިހާރު ވަކި ކުޑައެއް ނޫނެވެ. ރާއްޖޭގައި ދީނީ ހައްދު ފަހަނައަޅައިދިއުން އިތުރުވެ ސީރިއާ ފަދަ ގައުމުތަކުގައި ހިނގާ ހަނގުރާމަތަކުގައި ބައިވެރިވުން އިތުރުވުން ފަދަ ކަންކަމުގެ ސަބަބުން ގައުމުގެ ރީތި ނަން ދަނީ ކިލަނބުވަމުންނެވެ. ރައީސް މައޫމުން ސިފަކުރެއްވި މެދު މިނުގައި ހިފަހައްޓި ދިވެހިން މިއަދު ވަކި އަތަކަށް ބަރުވާތަން ދަނީ ފެންނަމުންނެވެ. ހުދު ރައީސް އިބްރާހިމް މުހައްމަދު ސޯލިހްއަށްވެސް "ޓަރަރިޒަމް" ގެ ކުރީމަތީގައި ކުރިމަތިވެފައިވަނީ ވަރުގަދަ އިމްތިހާނެކެވެ.

ކުޑަ ގައުމެއްކަމަކު އިސްލާމީ ގައުމުތަކަށާއި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މުސްލިމުންނަށް ކުރިމަތިލާން ޖެހިފައިވާ އަނިޔާވެރިކަމާ ދެކޮޅަށް ރައީސް މައުމޫންވެސް ރާއްޖޭގެ ބަސް އިއްވިއެވެ. ފަލަސްތީނުގެ ހައްގުގައި ވަކާލާތުކުރެއްވި މައުމޫން މިއަދު ޖެނެރަލް އެސެމްބްލީގައި ތަގުރީރު ކުރެއްވިޔަސް ހަމަ އެ ވާހަކަތައް ޖެހޭނީ ތަކުރާރުކުރައްވާށެވެ. ފަަލަސްތީނުގެ މުސްލިމުންނަށް ދިމާވެފައިވާ މައްސަލައަކަށް ހައްލެއް ނައެވެ. ބައިނަލްއަގުވާމީ ގާނޫނު ތަކުގެ ތެރެއިން ފަލަސްތީނުގެ މައްސަލަ ހައްލުކުރުމަށް ރައީސް މައުމޫން ގޮވާލެއްވި ގޮވާލެއްވުން އަދިވެސް އޭރު އޮތް ގޮތަށް އޮތީއެވެ.

ރައީސް މައުމޫންގެ ތާރީހީ ތަގުރީރަށް ވީ ދުވަހެއް ވެއްޖެއެވެ. އެމަނިކުފާނުގެ ސިޔާދަތުގައި ރާއްޖޭގެ އަޑު އދ. އިން އިއްވީ ނުހަނު ސާބިތުކަމާއެކު ކެރިގެން އެންމެ ކުރީ ސަފުގަ އެވެ. ދިވެހި ގައުމާއި ސަގާފަތާއި އިސްލާމް ދީނާއި އިސްލާމީ އަޚުވަންތަކަން އެއް "ޅެމަކުން" ގެނެސްދިން ތަގުރީރުން އެމަނިފާނުގެ "ލެގަސީ" ވަރަށް ރީއްޗަށް ހާމަވެ އެވެ. އެމަނިކުފާނުފެ ފައިންޕުޅުގެ ފަހަތުން ފިޔަވަޅު އަޅައި ދިވެހި ގައުމު އެ ބީދައިން އދ. ގައި ތަމްސީލުކުރެއްވުމުގައި ރާއްޖޭގެ ރައީސުން ދެމިތިއްބަވާނެ ކަމުގެ އުންމީދު އަދިވެސް އެބަ އޮތެވެ.

comment ކޮމެންޓް