އަލިފާނުގެ ހާދިސާއަކީ ޓެރަރިޒަމްގެ އަމަލެއް ކަމަށް ތުހުމަތުކުރުމުން އިިދިކޮޅުގެ ކަންބޮޑުވުން!

ޝަރީފު(މ): ޓެރިރަމްގެ އަމަލެއް ކަމަށް ތުހުމަތު ކުރުމުން އިދިކޮޅުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިދިޔަ ހުކުރު ދުވަހު ހިނގި އަލިފާނުގެ ހާދިސާއަކީ ޓެރެރިޒަމްގެ އަމަލެއް ކަމަށް ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީގެ މަޖިލިސް މެމްބަރެއް ތުހުމަތު ކުުރުމުން އިދިިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

އަބަދަށްފެހި މަގުގައި ހުންނަ ހ. ތިލަފުށީ ގޭގެ ކެމިކަލް ގުދަނެއްގައި ރޯވެ ހިނގި އަލިފާނުގެ ހާދިސާ އަކީ، ޓެރަރިޒަމްގެ އަމަލެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު އުތުރު ދާއިރާގެ އެމްޑީޕީ މެމްބަރު އިބްރާހިމް މުއިއްޒު ވަނީ ތުހުމަތު ކުރައްވާފައެވެ. އެކަމާ ގުޅިގެން ފުލުހުން ބުނެފައިވަނީ، މިހާތަނަށް އެއީ ޓެރެރިޒަމްގެ އަމަލެއް ކަމަށް ނުބެލެވޭ ކަމަށެވެ.

މިއަދު ހަވީރު އިދިކޮޅު ކޯލިޝަނުން ބޭއްވި ނޫސްވެރިން ބައްދަލުވުމުގައި ޕީއެންސީގެ ނައިބު ރައީސް އަދި މަޑުއްވަރީ ދާއިރާ މެމްބަރު، އާދަމް ޝަރީފް އުމަރު ވިދާޅުވީ، މުއިއްޒު ދެއްކެވި ވާހަކަ އަކީ ނުރައްކާތެރި ވާހަކައެއް ކަމަށާއި އެކަން ބެލެން ޖެހޭ ކަމަށެވެ.

"ދައުލަތުގެ ކަމާ ބެހޭ މުއައްސަސާތަކުން އެމަނިކުފާނާ [މުއިއްޒުއާ] ސުވާލުކުރައްވައި، އޭގެ ހަގީގަތް ސާފު ކުރަން ޖެހިވަޑައިގަންނަވާނެ. ކަމާ ބެހޭ މުއައްސަސާތަކުން ސީދާ ގޮތެއްގައިވެސް ނުވަތަ ނުސީދާ ގޮތެއްގައިވެސް އެކަމާ ބެހޭ އެއްވެސް މައުލޫމާތެއް، ގައުމީ ސަލާމަތަށް ނުރައްކާ ނުވާ މިންވަރަށް ނުވަތަ އޮޕަރޭޝަނަށް ހިމެނޭ ކަމަށް އެ އޮޕަރޭޝަނަކަށް ދަތި ނުވާ މިންވަރަކަށް ރައްޔިތުންނަށް މައުލޫމަތު ހިއްސާ ކުރެވެން ޖެހޭ. ހާއްސަ ގޮތެއްގައި ރައްޔިތުންގެ މަޖިލީހަށް،" ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފު ވިދާޅުވިއެވެ.

ޕީއެންސީގެ ޕާލިމަންޓަރީ ގުރޫޕުގެ ލީޑަރުކަންވެސް ކުރައްވަމުން ގެންދަވާ އާދަމް ޝަރީފު ވިދާޅުވީ، މަޖިލިސް ތެރެއިން މުއިއްޒު ފާހަގަ ވަނީ މަޑުމަައިތިރި މެމްބަރެއްގެ ގޮތުގައި ކަމަށާއި މުއިއްޒު އެފަދަ ވާހަކަ އެއް ދައްކަވާނަމަ ދައްކަވާނީ ވަރަށް ޒިންމާދާރު ކަމާއެކު ކަމަށެވެ. އެހެން ކަމުން މުއިއްޒު ދެއްކެވި ވާހަކަ އަކީ އިތުބާރު ކުރެވޭ ވާހަކައެއް ކަމަށް އާދަމް ޝަރީފު ފާހަގަ ކުރެއްވި އެވެ.

ޝަރީފު ވިދާޅުވީ، މުއިއްޒުގެ ވާހަކަތަކާ ގުޅިގެން ސަލާމަތީ ބާރުތަކުން އަޅަންޖެހޭ ފިޔަވަޅު އަޅާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

"ޓެރަރިޒަމްގެ މިކަހަލަ އަމަލަކަށް ނުވަތަ ކަމަކަށް އެއްވެސް ކަމެއް ޑައިވާޓް ކުރަން ނުވަތަ ބަދަލު ނުކުރާނެ ކަމަށް އަޅުގަނޑުމެން އުންމީދު ކުރަން،" އާދަމް ޝަރީފު ވިދާޅުވިއެވެ.

"ޓެރަރިޒަމްގެ އަމަލުތައް ނުވަތަ ޓެރިޒަމަށް ތުހުމަތު ކުރެވޭ ކަންތައްތަކަކީ، އެއީ އެއްވެސް ބަޔަކު ސަމާސާ ކުރުމަށްވުރެ، ނުރައްކާތެރިކަމެއް. ހާއްސަ ގޮތެއްގައި މިކަތައްތަކާ ގުޅުންހުރި ފަރާތްތަށް [މުއައްސަސާތައް] ހުށިޔާރުވެ، ދުރާލާ ތައްޔާރުވެ، އަޅަންޖެހޭ ފިޔަވަޅުތައް އަޅުއްވާނެ ކަމަށް އުންމީދު ކުރަން،" ޝަރީފު ވިދާޅުވިއެވެ.

އާދަމް ޝަރީފު ވިދާޅުވީ، ދައުލަތުން ޓެރެރިޒަމް ހުއްޓުވުމަށް ކުރާ މަސައްކަތުގައި އެ ކޯލިޝަންގެ ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށެވެ.

މިއަދު ފުުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ފުލުހުން ބުނެފައިވަނީ، އަލިފާނުގެ ހާދިސާގެ ތަހުގީގު އަދިވެސް ދަނީ ކުރަމުން ކަމަށާއި، ތަހުގީގުގެ ކުރީކޮޅުވުމުން އަދިވެސް ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަނެވިފައި ނުވާ ކަމަށެވެ.

https://sun.mv/124760

އަބަދަށްފެހި މަގުގައި ކެމިކަލް ގުދަނުގައި ރޯވެ ހިނގި އަލިފާނުގެ ހާދިސާގައި އެކަކު މަރުވެ، 400 އަށްވުރެ ގިނަ މީހުން ވަނީ ހާލުގައި ޖެހިފައެވެ. އަދި އެފަރާތްތަށް މިހާރު ތިބީ ވަގުތީ ބޯހިޔާވަހިކަމެއްގައެވެ.

comment ކޮމެންޓް