އިސްރާއީލްގެ އަރަބި ޕާޓީތަކުގެ ތާއިދު އިދިކޮޅު ކެންޑިޑޭޓަށް

އިސްރާއީލްގެ އަރަބި ޕާޓީތަކުން ވަނީ އިދިކޮޅު ކެންޑިޑޭޓު ބެނީ ގަންޓްޒްއަށް ތާއިދު ކުރުމަށް ނިންމާފަ -- ފޮޓޯ: ރޮއިޓާސް

ގުދުސް (ސެޕްޓެމްބަރު 23): އިސްރާއީލްގެ މަޖިލިސް އިންތިހާބުގައި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާ އެންމެ ގާތުން ވާދަ ކުރެއްވި ކުރީގެ އަސްކަރިއްޔާގެ ވެރިޔާ، ބެނީ ގަންޓްޒްއަށް އެގައުމުގެ އަރަބި ޕާޓީތަކުން ތާއިދުކޮށްފި އެވެ.

އެއީ 1992ގެ ފަހުން، އިސްރާއީލްގެ އަރަބި ޕާޓީތައް ހިމެނޭ ޖޮއިންޓް ލިސްޓުން އެގައުމުގެ ބޮޑުވަޒީރު ކަމަށް ވާދަ ކުރައްވާ ކެންޑިޑޭޓަކަށް ތާއިދު ކުރި ފުރަތަމަ ފަހަރެވެ. އެ އެލަޔަންސްގެ ލީޑަރު އައިމަން އޫދާ ވިދާޅުވި ގޮތުގައި އެ ޕާޓީތަކުން ގަންޓްޒްއަށް ތާއިދު ކުރަން ނިންމީ އޭނާގެ ސިޔާސަތުތަކަށް ތާއިދު ކުރާތީ އެއް ނޫނެވެ. ނަމަވެސް އެއީ ނަތަންޔާހޫ ވެރިކަމުން ދުރު ކުރުމަށް ބޭނުންވާތީ އެވެ.

މިދިޔަ ހަފްތާގެ އަންގާރައިގައި އިސްރާއީލުގައި ބޭއްވި މަޖިލިސް އިންތިހާބުގައި އެއްވެސް ޕާޓީއަކަށް ސަރުކާރު އެކުލަވާލަން ބޭނުންވާ 61 ގޮނޑީގެ މެޖޯރިޓީއެއް ނުލިބެ އެވެ. އެގޮތުން ނަތަންޔާހޫގެ ލިކުދު ޕާޓީއަށް 31 ގޮނޑި ލިބުނު އިރު ގަންޓްޒްގެ ބްލޫ އެންޑް ވައިޓްއަށް ލިބުނީ 33 ގޮނޑި އެވެ. އަދި ޖޮއިންޓް ލިސްޓަށް ލިބުނީ 13 ގޮނޑި ކަމުން، އެޕާޓީތަކުގެ ތާއިދާއެކުވެސް ގަންޓްޒްއަށް މެޖޯރިޓީއެއް ނުލިބޭނެ އެވެ.

އިސްރާއީލްގެ މަޖިލިސް އިންތިހާބަށް ފަހު އެއްވެސް ޕާޓީއަކަށް ސަރުކާރު އެކުލަވާލެވޭނީ ރައީސް ރިއޮވިން ރިވްލިން، ސަރުކާރު އެކުލަވާލުމުގެ މަސައްކަތް އެޕާޓީއަކާ ހަވާލު ކުރެއްވުމުންނެވެ. އަދި މިހާރު ރައީސް ލަފާ ދެއްވާފައި ވަނީ ލިކުދް ޕާޓީ އާއި ބްލޫ އެންޑް ވައިޓް ޕާޓީން ގުޅިގެން ކޯލިޝަނެއް އުފެއްދުމަށެވެ.

ރައީސް ރިވްލިން އެކަމާ ބެހޭ ގޮތުން ރަސްމީ ގޮތެއް ނިންމަވާނެ ކަމަށް ބެލެވެނީ އަންނަ ބުދަ ދުވަހު އެއިންތިހާބުގެ ނަތީޖާ ރަސްމީކޮށް އިއުލާން ކުރުމުން ކަމަށް ބައެއް މީޑިއާތަކުން ބުނެ އެވެ.

އިސްރާއީލުގައި ވަނީ މިދިޔަ އޭޕްރިލް މަހު ވެސް މަޖިލިސް އިންތިހާބެއް ބާއްވާފަ އެވެ. އެއިންތިހާބުގައި ލިކުދް ޕާޓީ އާއި ބްލޫ އެންޑް ވައިޓް ޕާޓީއަށްވެސް ލިބުނީ 35 ގޮނޑި އެވެ. އަދި ޔަހޫދީ ހަރުކަށި ފިކުރުގެ "ޔިސްރެއިލް ބެއިޓެއިން" ޕާޓީން ނަތަންޔާހޫގެ ޕާޓީއާ ގުޅި ކޯލިޝަން ހެދުމުން، އެކޯލިޝަނަށް ސަރުކާރު އެކުލަވާލުމުގެ މަސައްކަތް ހަވާލު ކުރެވުނެވެ.

ނަމަވެސް ސަރުކާރު އެކުލަވާލުމާ ބެހޭ އެއްބަސްވުމަކަށް ކޯލިޝަނަށް ނާދެވުމުން، އެގައުމުގެ ޕާލިމެންޓުން ފާސް ކުރީ އާ އިންތިހާބެއް ބާއްވާށެވެ.

އަދި ރައީސް ރިވެލިން ވަނީ މިއަހަރު ތިން ވަނަ މަޖިލިސް އިންތިހާބެއް ނުބޭއްވުމަށް ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކުރައްވާނެ ކަމަށް ދާދި ފަހުން ވިދާޅުވެފަ އެވެ.

comment ކޮމެންޓް