މިނިސްޓަރު ޝާހިދު އެމެރިކާގެ ހާރިޖިއްޔާގެ އިސް ބޭފުޅުންނާ ބައްދަލުކުރައްވައިފި

މިނިސްޓަރު އަބްދުﷲ ޝާހިދު އެމެރިކާގެ ހާރިޖިއްޔާގެ އިސް ބޭފުޅުންނާ ބައްދަލުކުރެއްވުމުގެ ތެރެއިން ---

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އެމެރިކާގެ ހާރިޖިއްޔާގެ އިސް ބޭފުޅުންތަކަކާ ރޭ ބައްދަލު ކުރައްވައިފިއެވެ.

އދގެ އާންމު މަޖިލީހުގައި ބައިވެރިވެވަޑައިގަތުމަށް އެމެރިކާގެ ނިއުޔޯކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ފޮރިން މިނިސްޓަރު ޝާހިދު ވަނީ އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓްގެ އަންޑަސެކްރެޓަރީ އޮފް ސްޓޭޓް، ޑޭވިޑް ހޭލްއާއި އެކްޓިން އެސިސްޓަންޓް ސެކްރެޓަރީ ފޯ ސައުތު އެންޑް ސެންޓްރަލް އޭޝިއާ، އެލިސް ވެލްސްއާ ބައްދަލުކުރައްވާފައެވެ.

މިނިސްޓަރު ޝާހިދު ވިދާޅުވި ގޮތުގައި އެ ބައްދަލުކުރެއްވުމުގައި އިންޑިއާ ކަނޑުގެ ސަލާމަތާއި، ސުލްހައާއެކުގައި މަސައްކަތްކުރުމުގެ މުހިންމުކަމާ ބެހޭގޮތުން ވަނީ މަޝްވަރާކޮށްފައެވެ. އޭގެ އިތުރުން، ދިވެހިރާއްޖޭގައި ޑިމޮކްރަސީ ވަރުގަދަކުރުމާއި، އިގްތިސާދީ ތަރައްގީގެ އިތުރުން ޓެރަރިޒަމާއި ދެކޮޅަށް މަސައްކަތްކުރުމުގައި އެމެރިކާގެ އެހީތެރިކަން ދިނުމާއި ގުޅޭ ގޮތުން މަޝްވަރާކުރި ކަމަށް ވިދާޅުވިއެވެ.

މިއީ މި އަހަރު މިނިސްޓަރ ޝާހިދު އެމެރިކާގެ ހާރިޖިއްޔާގެ އިސް ބޭފުޅުންނާއި ބައްދަލުކުރެއްވި ދެވަނަ ފަހަރެވެ.

މީގެ ކުރިން މިނިސްޓަރު ޝާހިދު ވަނީ އެމެރިކާއަށް ވަޑައިގެން އެގައުމުގެ ހާރިޖީ ވަޒީރު މައިކް ޕޮމްޕެއޯއާވެސް ބައްދަލުކުރައްވައިފައެވެ.

comment ކޮމެންޓް