އީރާނުން ގޮތް ދޫކޮށްފި، އަންހެނުންނަށް ވެސް ސްޓޭޑިއަމްއަށް ވަދެވޭނެ

އަންހެނުންތަކެއް ސަޕޯޓް ކުރަނީ ---

އަރަބި ބައެއް ގައުމުތަކުގައި އަންހެނުން ފުޓުބޯޅަ ސްޓޭޑިއަމްތަކަށް ވަނުން އަދިވެސް އޮތީ މަނާވެފަ އެވެ. އެގޮތުން 1979 ވަނަ އަހަރުން ފެށިގެން އަންހެނުންނަށް ފުޓުބޯޅަ ދަނޑުތަކަށް ވަދެ ސްޕޯޓް ކުރުން މަނާ ކުރެވިފައިވާ އެއް ގައުމަކީ އީރާނެވެ. ނަމަވެސް މިފަހުން ހިނގާ ދިޔަ ބައެއް ހާދިސާތަކާ ގުޅިގެން އަލުން އަންހެނުންނަށް ސްޓޭޑިއަމްތަކަށް ވަނުމުގެ ހުއްދަ ދޭން އެގައުމުން ނިންމާފައިވާ ކަމަށް ފުޓުބޯޅައިގެ މައި އިދާރާއިން މިހާރު ވަނީ ބުނެފަ އެވެ.

މި ޙަބަރަކީ އީރާނުގައި ފުޓުބޯޅައަށް ލޯބި ކުރާ ގިނަ އަންހެން ކަނބަލުންތަކަކަށް ލިބިގެންދިޔަ އުފާވެރި ޙަބަރެކެވެ. ސާޅީސް އަހަރު ވަންދެން އަންހެން ވެރިންނަށް ނުލިބިފައި އޮތް ހައްގު ކުއްލި ގޮތަކަށް އީރާނުން ދޭން ނިންމީ އެ ގައުމަށް ފީފާއިން ކުރަމުން ދިޔަ ބޮޑު ޕްރެޝަރެއްގެ ސަބަބުންނެވެ.

އީރާނުގައި މީގެ އެތަކެއް އަހަރުތަކެއް ކުރިން ހެދިފައި އޮތް ގަވާއިދު މުގުރާލަން ދިމާވި އެންމެ ބޮޑު އެއް ސަބަބަކީ މިފަހުން އެ ގައުމުގައި އަންހެން ފުޓުބޯޅަ ސަޕޯޓަރެއް އަމިއްލައަށް މަރުވުމެވެ. ޙޮދަޔަރީ ނަމަކަށް ކިޔާ އަންހެނެއް ސިފަ ބަދަލުކޮށްގެން އޭނާގެ ފެވަރިޓް ކުލަބު ކަމަށްވާ އިސްތިގްލާލް ކުޅުނު މެޗެއް ބަލަން ސްޓޭޑިއަމަށް ވަތް ނަމަވެސް ސަލާމަތީ ބާރުތަކުން ވަނީ އޭނާ ހޯދުމަށްފަހު ހައްޔަރުކޮށްގެން ގެންގޮސް ޖަލަށް ލައިފަ އެވެ. އޭގެ ހަފްތާއެއް ފަހުން އެ އަންހެނާ ވަނީ ކޯޓުގެ ކުރިމަތީ އަމިއްލަ އަށް ގައިގައި ރޯ ކޮށްލުމަށްފަހު މަރުވެފަ އެވެ.

މި ޙާދިސާގެ ސަބަބުން ފީފާއިން އީރާނަށް ބޮޑު ޕްރެޝަރެއް ކުރިމަތި ކުރުވި އެވެ. އެ ގައުމުގެ އަންހެންވެރިންގެ އިތުރުން ޔޫރޮޕުގެ ބޮޑެތި ބައެއް ގައުމުތަކުން ވެސް އަންހެނުންނަށް ވެސް ސްޓޭޑިއަމްތަކަށް ވަނުމަށް ހައްގު ލިބެން ޖެހޭނެ ކަމަށް ބުނާ އަޑު އެތައް ގުނައަކަށް އިތުރު ކުރި އެވެ. އެހެން ކަމުން އީރާނަށް އެންމެ ފަހުން ޖެހުނީ ގޮތް ދޫކޮށްފައި ފިރިހެނުންނެކޭ އެއް ހަމަޔަކުން އަންހެނުންނަށް ވެސް އެ ފުރުސަތު ދޭށެވެ.

އެގޮތުން އަންނަ މަހު އީރާނުން ކުޅޭ ވޯލްޑް ކަޕު ކޮލިފައިންގައި 40 އަހަރަށްފަހު އަންހެނުންނަށް ވެސް ސްޓޭޑިއަމަށް މެޗު ބަލަން ވަދެވޭނެ ކަމުގެ ޔަގީންކަން ފީފާ އިން ވަނީ ދީފަ އެވެ.

"އަންނަ މަހުގެ 10 ވަނަ ދުވަހު ކެމްބޯޑިއާއާ ދެކޮޅަށް އީރާނުން ކުޅޭ މެޗަށް އަންހެނުންނަށް ވެސް ސްޓޭޑިއަމްތަކަށް ވަދެވޭނެ. އެ ދުވަސް ވެގެން ދާނީ އީރާނަށް ތާރީހީ ދުވަހަކަށް." ފީފާ އިން ބުނެފައިވެއެވެ.

އީރާނަކީ ވޯލްޑް ކަޕުގައި ވެސް އެތައް ފަހަރަކު ވާދަކޮށް ރަނގަޅު ކާމިޔާބީތަކެއް ވެސް ހޯދައިފައިވާ ގައުމެކެވެ. އެގައުމުގެ އަންހެނުންނަށް ފުޓުބޯޅަ ސްޓޭޑިއަމްތަކަށް ވަނުން މީގެ ކުރިން މަނާކޮށްފައި އޮތް ނަމަވެސް އެހެން ގައުމުތަކުގެ އަންހެނުންނަށް އެގައުމުގެ ސްޓޭޑިއަމްތަކަށް ވަނުމުގެ ހުއްދަ އޮވެ އެވެ.

comment ކޮމެންޓް