އެމެރިކާއިން މޯދީއަށް ބޮޑު ރެލީއަކާއެކު ހޫނު މަރުހަބާއެއް

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް މަރުހަބާ ކިޔުމަށް ޓެކްސަސްގައި ބޭއްވި ރެލީގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާ އެކު -- ފޮޓޯ: އޭއެފްޕީ

ވޮޝިންޓަން (ސެޕްޓެމްބަރު 23): އެމެރިކާގެ ޓެކްސަސްގައި ގިނަ އަދަދެއްގެ މީހުން ބައިވެރިވި ރެލީއަކާއެކު އެގައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕް، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް އިއްޔެ މަރުހަބާ ވިދާޅުވެއްޖެއެވެ.

އެމެރިކާގައި ބޭރުގެ ލީޑަރަކަށް މަރުހަބާ ކިޔުމަށް ބޭއްވި އެންމެ ބޮޑު އެއް އެއްވުމުގެ ގޮތުގައި ފާހަގަކޮށްލެވޭ އެ ރެލީގައި ގާތްގަނޑަކަށް 50،000 މީހުން ބައިވެރިވިއެވެ. އަދި ރައީސް ޑޮނަލްޑް ޓްރަމްޕްވެސް ހާޒިރުވެވަޑައިގެން ހުންނެވި އެ ރެލީ ފެށުމުގެ ކުރިން 400 ފަންނާނުން ބައިވެރިވި 90 މިނިޓުގެ ޝޯއެއް ކުރިއަށް ގެންދިޔައެވެ.

އެ އެއްވުމުގައި ޓްރަމްޕް ވަނީ މޯދީއަކީ "އެމެރިކާގެ އެންމެ ގާތް އަދި އެންމެ ވަފާތެރި އެއް އެކުވެރިޔާ" ކަމަށް ވިދާޅުވެފައެވެ. އަދި އެމެރިކާގައި ތިބޭ އިންޑިއާ ދަރިކޮޅުގެ މީހުންނަށް ތައުރީފު ކުރައްވާ، އެމީހުންނާ މެދު ފަހުރުވެރިވާ ކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން މޯދީވެސް ވަނީ ޓްރަމްޕަކީ އިންޑިއާގެ އެކުވެރިއެއްގެ ގޮތުގައި ސިފަ ކުރައްވާ، ރައީސަށް ސަނާ ކިޔުއްވާފަ އެވެ. އަދި ޓްރަމްޕް ފުރުއްވާފައިވާ ހުރިހާ މަގާމެއްގައިވެސް ގިނަ ދުވަހަށް ދެމިގެންދާނެ ފަދަ ހިދުމަތްތައް ކުރައްވާފައިވާ ކަމަށް މޯދީ ވިދާޅުވިއެވެ.

ބޮޑުވަޒީރު މޯދީއަށް މަރުހަބާ ކިޔުމަށް ބޭއްވި ރެލީގައި ގާތްގަނޑަކަށް 50،000 މީހުން ބައިވެރިވި -- ފޮޓޯ: ގެޓީ

ޓެކްސަސްގެ އެންއާރުޖީ ސްޓޭޑިއަމްގައި އެ ރެލީ ކުރިއަށް ދިޔަ ވަގުތު އެ ސްޓޭޑިއަމް ބޭރުގައި ބައެއް މީހުން މޯދީއަށް ދެކޮޅަށް މުޒާހަރާ ކުރަމުން ދިޔައެވެ. އަދި ކަޝްމީރަށް ދީފައިވާ ހާއްސަ އިމްތިޔާޒުތައް އުވާލަން އިންޑިއާއިން މިދިޔަ ޖުލައި މަހު ނިންމި ނިންމުމާ ދެކޮޅަށް އަޑު އުފުލިއެވެ.

ނަމަވެސް އެ ރެލީގައި ކަޝްމީރާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން މޯދީ ވިދާޅުވީ އެ ސަރަހައްދުގެ ހާއްސަ އިމްތިޔާޒުތައް އުވާލީ އިންޑިއާގެ އެހެން ސަރަހައްދުތަކާ އެއްވަރުގެ ތަރައްގީއެއް ކަޝްމީރަށްވެސް ގެނައުމަށްޓަކައި ކަމަށެވެ. އަދި އެ ނިންމުމާ ދެކޮޅަށް އަޑު އުފުލަމުންދާ ޕާކިސްތާނާ ދެކޮޅަށް ބަހުގެ ހަމަލާތައްވެސް މޯދީ ދެއްވިއެވެ.

"އިންޑިއާއިން މާއްދާ 370 އުވާލުމުން، އަމިއްލަ ގައުމުގެ ކަންތައްތައް ނުބެލެހެއްޓޭ ބައެއް ފަރާތްތަކަށް ވަރަށް އެބަ އުނދަގޫވޭ. އެމީހުން ވަނީ އިންޑިއާއަށް ނަފްރަތުކުރުމަކީ އެމީހުންގެ ސިޔާސީ އެޖެންޑާގެ މައިގަނޑު ބަޔަކަށް ހަދާފައި. އަދި އެމެރިކާގެ 9/11 އަށް ބެލިޔަސް އަދި މުމްބާއީގެ 26/11 އަށް ބެލި ނަމަވެސް އެ ހަމަލާތައް ދިން މީހުން ތިބީ ކޮންތާކު؟ މުޅި ދުނިޔެއަށްވެސް އެނގޭ އެއީ ކޮން ބަޔެއްކަން،" ޕާކިސްތާނާ ބެހޭ ގޮތުން ނުސީދާ ގޮތަކަށް ވާހަކަ ދައްކަވަމުން މޯދީ ވިދާޅުވިއެވެ.

އެއީ އެމެރިކާގައި 11 ސެޕްޓެމްބަރު 2001 ގައި ދިން ހަމަލާ ރޭވި އުސާމާ ބިން ލާދިން މަރާލީ ޕާކިސްތާނުގައި ހުއްޓާ 2011 ގައެވެ. އަދި މުމްބާއީގައި 2008 ގައި 166 މީހަކު މަރާލި ހަމަލާ ދިންކަމަށް ތުހުމަތުކޮށްފައި ވަނީ ޕާކިސްތާނުގެ ޓެރަރިސްޓު ޖަމާއަތެއްގެ މައްޗަށެވެ.

މޯދީ އެމެރިކާއަށް ކުރައްވާ ދަތުރުފުޅު ހަފްތާއަކަށް ދެމިގެންދާނެއެވެ. އަދި އެ ދަތުރުފުޅުގައި އެމެރިކާއާއެކު ވިޔަފާރީގެ ވާހަކަތައް ބާއްވާ، އދގެ އާންމު ބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވާނެއެވެ.

comment ކޮމެންޓް