މަކުނުދޫގައި ކުޑަކުއްޖަކާ ބެހުނު މައްސަލައެއް އަލުން ބަލަން ހައިކޯޓުން ހުކުމްކޮށްފި

ހައިކޯޓު: ކުޑަކުއްޖަކާ ބެހުނު މައްސަލައެއް އަލުން ބަލަން އެ ކޯޓުން އިއްޔެ ވަނީ ހުކުމްކޮށްފައި --- ސަން ފޮޓޯ

ކުޑަކުއްޖަކާ މެދު ޖިންސީ އަމަލެއް ހިންގި މައްސަލައެއްގައި ކުރި ދައުވާއެއް ނުބަލަން ހދ. މަކުނުދޫ މެޖިސްޓްރޭޓު ކޯޓުން ކޮށްފައި އޮތް ހުކުމެއް ބާތިލުކޮށް އެ މައްސަލަ އަލުން ބަލަން ހައިކޯޓުން ހުކުމްކޮށްފި އެވެ.

މަކުނުދޫގައި 2013 ވަނަ އަހަރުގެ ތެރޭގައި ކުޑަކުއްޖަކާ މެދު އެކި ފަހަރު މަތިން ޖިންސީ އަމަލު ހިންގި ކަމުގެ ތުހުމަތުގައި މީހަކަށް ކުރި ދައުވާއެއް އެ ރަށު މެޖިސްޓްރޭޓު ކޯޓުން ކުރިއަށް ނުގެންދެވޭނެ ކަމަށް ނިންމީ، ދައުލަތުގެ ދައުވާގެ ސީޣާގައި މައްސަލައެއް އުޅޭ ކަމަށް ބުނެ އެވެ. އެ ދައުވާ އެ މީހާގެ މައްޗަށް ކުރީ ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންނާ މެދު ހާއްސަ އުސޫލުތަކުން އަމަލުކުރުމުގެ ގާނޫނުގެ ތިން ވަނަ މާއްދާގެ (ހ)އާ ހަވާލާދީ އެ މާއްދާގެ (ނ)ގެ ދަށުންނެވެ.

މަކުނުދޫ މެޖިސްޓްރޭޓު ކޯޓުން އެ މައްސަލާގައި ކުރި ހުކުމުގައި ބުނެފައި ވަނީ ދައުލަތުގެ ދައުވާ ސީޣާގައި ބަޔާންކޮށްފައިވާ ކުށާއި ދައުވާގައި ހަވާލާދޭ މާއްދާގައި ބުނާ ކުށާ ނުގުޅޭ ކަމަށެވެ. އަދި ދައުވާގެ ސީޣާގައި ކުށް ބަޔާން ކުރެވެން ޖެހޭނީ ގާނޫނުގައި އެ ކުށަކަށް ވަކި ނަމެއް ދީފައިވާ ނަމަ އެ ނަމަކުން ކަމާއި އަދި ވަކި ނަމެއް ދީފައި ނުވާ ނަމަ ގާނޫނުގައި އެ ކުށް ބަޔާންކޮށްދީފައިވާ އިބާރާތުން ކަމަށް މަކުނުދޫ ކޯޓުގެ ހުކުމުގައިވެ އެވެ. އެ މައްސަލައިގެ ދައުވާގެ ސީޣާގައި ޕީޖީއިން ކުށަށް ދިން ނަމަކީ "ކުޑަކުއްޖަކާ މެދު ޖިންސީ އަމަލެއް ހިންގުން" އެވެ. ދައުވާގައި ހަވާލާދިން މާއްދާގައި ކުށުގެ ނަމަކީ "ކުޑަކުއްޖަކާ އެކު ޖިންސީ އަމަލެއް" ހިންގުމެވެ.

މަކުނުދޫ މެޖިސްޓްރޭޓު ކޯޯޓުން 27 ސެޕްޓޭމްބަރު 2016ގައި އެ މައްސަލަ ނުބެލޭނެ ކަމަށް ނިންމައި ކުރި ހުކުމް ދައުލަތުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން އިއްޔެ ހައިކޯޓުން ވަނީ އެ މައްސަލާގައި ގޮތެއް ނިންމައި ހުކުމްކޮށްފަ އެވެ.

މި މައްސަލަ ދައުލަތުގެ ފަރާތުން މަކުނުދޫ ކޯޓަށް ހުށަހެޅީ ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އަމަލު ކުރަން ފެށުމުގެ ކުރިންކަން ހައިކޯޓުން ފާހަގަކޮށްފައިވެ އެވެ. އެހެންކަމުން އެ މައްސަލަ ބަލާ އިރު ބަލަން ޖެހޭނީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ކުރިން އަމަލު ކުރަމުން ދިޔަ ގާނޫނުތަކާއި ގަވައިދުތަކާއި އުސޫލުތަކަށް ކަމަށް ބުނެފައިވެ އެވެ.

ހައިކޯޓުގެ ހުކުމުގައި ބުނެފައި ވަނީ ޖިނާއީ ދައުވާތަކަށް ނަން ދިނުމަކީ ޕީޖީއަށް ލިބިގެންވާ ބާރެއް ކަމަށެވެ. ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ކުރިން އަމަލު ކުރަމުން ދިޔަ އުސޫލަކީ، ކުށް ކަނޑައަޅާ މާއްދާގެ ސުރުހީގައި އޮންނަ ނަމުން ދައުވާއަށް ނަން ދިނުމާއި، ކުށް ކަނޑައަޅާ މާއްދާގައި ކުށް ކަމަށް ބަޔާންކޮށްފައި ހުންނަ ވަކިވަކި އަމަލުތަކުން ދައުވާއަށް ނަން ދިނުންކަން ހައިކޯޓުގެ ހުކުމުގައި ފާހަގަކޮށްފައިވެ އެވެ. އެ ދެ ގޮތުގެ ތެރެއިން ޕީޖީއިން ރިއާޔަތް ކުރާނީ ދައުވާ ކުރެވޭ ކުށް ބަޔާންކޮށްފައިވާ ގާނޫނުގެ އިބާރާތްތަކާއި ސުރުހީތަކަށް ބަލައި، ދައުވާ ލިބޭ ފަރާތަށް ދައުވާ ސާފުވުމުގެ މަސްލަހަތު ބޮޑު ގޮތަށް ކަމަށް ޕީޖީއިން ބުނާކަން ވެސް ފާހަގަކޮށްފައިވެ އެވެ.

ޖިނާއީ ދައުވާތަކަށް ނަން ދިނުމުގައި އަމަލު ކުރަން ޖެހޭ ގާނޫނެއް ނުވަތަ ގަވައިދެއް ވުޖޫދުވެފައި ނެތީސް ގާނޫނު އަސާސީގައި ކަނޑައަޅާފައިވާ ރޫހާއި ކުރިން އަމަލު ކުރަމުން ދިޔަ އުސޫލުތަކާ އެއްގޮތަށް ޕްރޮސެކިއުޓާ ޖެނެރަލްއަށް ލިބިގެންވާ ބާރުގެ ތެރެއިން ދައުވާއަށް ނަން ދިނުމަކީ ގާނޫނާ ހިލާފު ކަމެއްކަމުގައި ބެލެވޭނެ ކަމެއް ނޫންކަމަށް ވެސް ހުކުމުގައި ބުނެފައިވެ އެވެ.

އަދި އެ މައްސަލާގައި ދައުވާ ސީޣާގައި ހަވާލާދީފައިވާ މާއްދާއަށް ބެލުމުން ޖިންސީ ނިޔަތެއް އޮވެގެން ގަސްދުގައި ކުޑަކުއްޖެއްގެ ގައިގައި އަތްލައިފި ނަމަ ސާފުކޮށް އެއީ ކުށެއްކަން އެނގޭކަން ވެސް ހުކުމުގައި ފާހަގަކޮށްފައިވެ އެވެ. އަދި ދައުވާ ލިބޭ ފަރާތުން ދައުވާ އޮތް ގޮތުން، އެއްވެސް ކަމެއް ސާފު ނުވެގެން ކޯޓުގައި އެއްވެސް ޝަކުވާއެކޮށްފައި ނުވާ ކަމާއި، ދައުވާއަށް ނަން ކަނޑައެޅި ގޮތާ ގުޅޭ ގޮތުން ދައުވާ ލިބޭ ފަރާތުން ދެކޭ ގޮތަކީ ކޮބައިކަން ކޯޓުން ބަލާފައި ނުވާކަން ވެސް ހުކުމުގައި ފާހަގަކޮށްފައިވެ އެވެ.

ހައިކޯޓުގައި މައްސަލަ ބެއްލެވި ފަނޑިޔާރުންގެ އިއްތިފާގުން ހުކުމް ކުރީ، މަކުނުދޫ މެޖިސްޓްރޭޓު ކޯޓުގެ ހުކުމް ބާތިލުކޮށް، ދައުލަތުން ހުށަހެޅި ސީޣާގައި މައްސަލަ ބަލަން އަލުން މަކުނުދޫ ކޯޓަށް ފޮނުވުމަށެވެ.

comment ކޮމެންޓް