އިންޑިއަން އައިޑަލް ޖަޖުންގެ ޕެނަލުން ވަކިކުރި އަނޫ ފެންނާނެ

އަނޫ މާލިކް---

ޖިންސީ ގޯނާގެ ތުހުމަތުތަކެއް ކުރެވުމާ ގުޅިގެން މިދިޔަ އޮކްޓޯބަރު މަހު އިންޑިއަން އައިޑަލްގެ ޖަޖުން ޕެނަލުން ވަކިކުރި އަނޫ މާލިކް އަނެއްކާވެސް ޖަޖިން ޕެނަލް އާ ގުޅިއްޖެ އެވެ.

އިންޑިއަން އައިޑަލް 10ގެ ޖަޖިން ޕެނަލުން އޭނާ ވަކިކުރި ނަމަވެސް އައިޑަލްގެ 11 ވަނަ ސީޒަނުން އޭނާ ފެންނާނެ ކަމަށް މިހާރު ވަނީ ކަށަވަރުވެފައެވެ. އިންޑިއަން އައިޑަލް ރަސްމީކޮށް "ސުޕަސްޓާ ސިންގާ" ޝޯގައި އަނޫ ވަނީ ބައިވެރިވެސްވެފައެވެ.

އަދި އޭނާ އާ އެއްކޮށް އިންޑިއަން އައިޑަލްގެ ޕްރޮމޯވެސް މިހާރުވަނީ ޝޫޓްކޮށް ނިމިފައެވެ. އައިޑަލް ފަށާނީ އަންނަ މަހުގެ 12 ގަ އެވެ. ޖަޖިން ޕެނަލްގައި ހިމެނޭނީ އަނޫ މާލިކް، ނެހާ ކައްކަރު އަދި ވިޝާލް ދަދުލާނީއެވެ.

އަނޫގެ މައްޗަށް އެފަދަ ތުހުމަތުތަކެއް ކުރެވުނު ނަމަވެސް އޭނާ ބުނީ އޭނާގެ މައްޗަށް ކުރަނީ ހަގީގަތެއް ނެތް ދޮގު ތުހުމަތުތަކެއްކަމަށެވެ.

ލަވަކިޔުންތެރިޔާ ޝްވޭތާ ޕަންޑިތު އާއި ސޯނާ މަހާޕަޓްރާގެ އިތުރުން ގިނަ އަންހެނުންތަކެއް ވަނީ އޭނާގެ މައްޗަށް ޖިންސީ ތުހުމަތުކޮށްފައެވެ.

ސޮނީ އެންޓަޓެއިންމެންޓް އިން ގެނެސްދޭ މި ޝޯގެ ފުރަތަމަ ސީޒަން ދައްކާފައި ވަނީ 2004 ގަ އެވެ. ފުރަތަމަ އިންޑިއަން އައިޑަލް އަކީ އަބީޖީތު ސާވަންތް އެވެ.

comment ކޮމެންޓް