ތައުލީމު ހާސިލު ކުރިޔަސް ގާބިލްކަން އެނގެނީ މަސައްކަތަށް ނިކުތުމުން: އަސްލަމް

ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ތައުލީމު އުނގެނިގެން ހުރި މީހެއް ނަމަވެސް އޭނާގެ ގާބިލުކަން އެނގޭނީ މަސައްކަތުގެ މައިދާނަށް ނިކުތުމުން ކަމަށް ޕްލޭނިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.

ރޭ ބޭއްވި އަމީނިއްޔާ ސްކޫލުގެ އަހަރީ އިނާމު ދިނުމުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވާ ވާހަކަ ދައްކަވަމުން މިނިސްޓަރު އަސްލަމް ވިދާޅުވީ މީހާއަށް ކާމިޔާބު ލިބެނީ ވަކިއެއްޗެއް ކިޔަވައިގެން ނޫން ކަމަށެވެ.

"މީހާއަށް ކާމިޔާބު ލިބެނީ ވަކި އެއްޗެއް ކިޔަވައިގެންނެއް ނޫން، ކިޔަވައި ނިމެގެން މަސައްކަތުގެ ދާއިރާ އަށް ނިކުތީމާ މީހާގެ ގާބިލް ކަން އެނގެނީ. މަސައްކަތުގެ ހަޔާތުގައި އެއުޅޭ ގޮތަކުން، އެންމެ ކުރާހިތްވާ ކަމެއް ދަސްވެފައި ހުރިއްޔާ އެކަން ކުރަން އެމީހަކަށް ފަސޭހަވޭ، އެކަމެއް ކުރަން މޮޅުވެސްވާނެ،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ކުރިއާ އަޅާ ބަލާއިރު ތައުލީމީ ދާއިރާ މިއަދު ވަރަށްބޮޑަށް ފުޅާވެގެން ގޮސްފި ކަމަށާއި ރާއްޖެއަކީ ދުނިޔޭގެ ނިސްބަތުން ބެލިނަމަވެސް ތައުލީމީ އާބާދީ ބޮޑު ގައުމެއް ކަމަށެވެ. ގައުމެއް ތަރައްގީވުމުގައި އެންމެ މުހިއްމު ކަމަކީ އިންސާނީ ވަސީލަތް ބިނާވެގެން ދިޔުން ކަން ފާހަގަ ކުރައްވާ މިނިސްޓަރު އަސްލަމް ވިދާޅުވީ ކަންކަން ކުރުމުގައި ރަނގަޅު ގޮތް ވިސްނެނީ ތައުލީމު އުނގެނި، ކަން ކުރާގޮތް ދަސްވެގެން ކަމަށެވެ.

އޯލެވެލް އިމްތިހާނު ނިންމާ، އޭލެވެލް އަށް ކިޔަވާ ދަރިވަރުންނާ މުހާތަބު ކުރައްވާ ޕްލޭނިން މިނިސްޓަރު ވިދާޅުވީ އޭލެވެލްއިން ރަނގަޅު ނަތީޖާއެއް ހޯދުމަށް މަސައްކަތް ކުރުމަށް ދަރިވަރުންނަށް އިލްތިމާސް ކުރައްވާ ކަމަށެވެ. އޭލެވެލް ހެދުމުގައި ރަނގަޅު ނަތީޖާ ހޯދިއްޖެނަމަ ޑިގްރީގައި ކިޔެވުންކުރިއަށް ގެންދަން ފަސޭހަވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ދަރިވަރުންގެ ބެލެނިވެރިންނާ މުހާތަބު ކުރައްވާ މިނިސްޓަރު ކުރެއްވި އިލްތިމާސް އަކީ ވަކި ދާއިރާއަކުން ކުރިއަށް ދިޔުމަށް ދަރިވަރުންނަށް މަޖުބޫރު ނުކުރުވުމެވެ.

"ދަރިންނަކީ ވަކި ކަހަލަ ބަޔަކަށް ދަރިން ހަދަން މައިން ބަފައިން ބޭނުންވޭ، މިސާލަކަށްޑޮކްޓަރަކަށް، އިންޖިނިއަރަކަށް، ލޯޔަރަކަށް . އެއްވެސް ބޭފުޅަކު ބޭނުމެއް ނުވޭ ލިޓްރޭޗަރަކަށް ދަރިފުޅު ވާކަށް. ނަމަވެސް، ދޭން އޮތް މެސެޖަކީ މާބޮޑަށް މަޖުބޫރު ނުކުރައްވައްޗޭ ވަކި ދިމާއަކަށް ދިޔުމަށް. އެކުދިންގެ ހަޔާތުގައި މިހިސާބަށް އަންނައިރު ގައިޑް ކޮށްދިނުން އެއީ އޮންނަ ކަމެއް، އެކުއްޖެއްގެ ހުނަރާއި ކުރާހިތްވާ ކަންތައް އެންމެ ރަނގަޅަށް އެނގޭނީ އެކުއްޖަކަށް، ކުރާހިތްވާ ކަމެއް ކުރިޔަ ދިނިއްޔާ އެންމެ މޮޅަށް އެކުއްޖަކަށް އެކަން ކުރެވޭނީ،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު އަސްލަމް ކުރެއްވި އަނެއް އިލްތިމާސްއަކީ، ގެޔަކީ ދެވަނަ ސްކޫލަށް ނުހެދުމަށް ކުރެއްވި އިލްތިމާސް އެވެ. ސްކޫލަށްފަހު ގޭގައި ޓިއުޝަނުގައި ހޭދަކުރާ ވަގުތު އެހެން ގޮތަކަށް މެނޭޖުކުރުމަށް އިލްތިމާސް ކުރައްވާ މިނިސްޓަރު ވިދާޅުވީ ކުއްޖާ ގާބިލް މީހަކަށް ވާނީ އަމިއްލައަށް ދަސްކުރަން ކުރާ މަސައްކަތުގެ ތެރެއިން ކަމަށެވެ.

"ޓިއުޝަން ނެގުމަށްވުރެ މޮޅީ ނުނެގުން، ކުއްޖާގެ އަސްލު ހުނަރު، ކަންކަން ދަސްކުރުމަށް އަމިއްލަ ގާބިލުކަން އުފެދިގެން އަންނަނީ އަމިއްލަ އަށް ދަސްކުރަން ކުރާ މަސައްކަތުގެ ތެރެއިން، މި ޒަމާނުގައި ނުޖެހޭ މީހެއް ކައިރީ މާބޮޑަށް އަހާކަށް މައުލޫމާތު ހޯދާނެ ވަސީލަތްތައް ބައިވަރު،" އިންޓަނެޓާ، ސްކޫލު މުދައްރިސުންގެ އެހީގައި ކުރިއަށްދާން މާ ބޮޑު ދައްޗެއް ނެތްކަން ފާހަގަ ކުރައްވަމުން މިނިސްޓަރު ވިދާޅުވި އެވެ. "ޓިއުޝަން ނަގާކަމަށް ވަނީނަމަވެސް ހަމައެކަނި ނަގަންވީ ސަބްޖެކްޓެއްގެ ޓޮޕިކެއް ނޭނގިގެން އޭގައި ދަތިކަމަށް އޫޅޭނަމަ އެކަމަށްއެކަނި، ދެވަނަ ސްކޫލެއް ގޭގައި ނުހިންގުމަކީ އެންމެ ރަނގަޅު ގޮތެއް ނޫން،"

މިދިޔަ އަހަރު އަމީނިއްޔާ ސްކޫލުން ހުރިހާ ގޮތަކުން އެންމެ ރަނގަޅު ދަރިވަރުގެ މަގާމު ހޯދީ މަރިޔަމް އިނާން އިބްރާހިމް ރަޝީދެވެ. އިނާން ވަނީ އޯލެވެލް އިމްތިހާނުގައި ހުރިހާ މާއްދާއަކުން އޭ ސްޓާ ހޯދައި ގައުމީ ގަދަ 10ގެ އެއްވަނަ ހޯދައިފަ އެވެ. ދުނިޔޭގެ ގަދަ 10ގެ ހަތްވަނާގައި ހިމެނުނު އިނާން ވަނީ މިދިޔަ އަހަރު އަމީނިއްޔާ ސްކޫލުގެ ޑެޕިއުޓީ ކެޕްޓަންގެ މަގާމުވެސް އަދާކޮށްފަ އެވެ.

comment ކޮމެންޓް