ހެރިޓޭޖް ޑިޕާޓްމަންޓުގެ ނަން ބަދަލުކޮށްފި

ހެރިޓޭޖު މިނިސްޓްރީ ހިންގާ އިމާރާތް -- ސަން ފައިލް ފޮޓޯ

ޑިޕާޓްމެންޓް އޮފް ހެރިޓޭޖުގެ ނަން ސަގާފީ ތަރިކަ ރައްކާތެރިކުރާ ގައުމީ މަރުކަޒުގެ ނަމަށް ބަދަލުކޮށްފިއެވެ.

ހެރިޓޭޖު މިނިސްޓްރީގެ ދަށުން ހިންގާ އެ މަރުކަޒުގެ ނަން ބަދަލުކުރީ ދިވެހިރާއްޖޭގެ ސަގާފީ ތަރިކައިގެ ގާނޫނުގެ 14 ވަނަ މާއްދާގެ (ށ)އަށް ރިއާޔަތްކޮށެވެ. އެ މާއްދާގައި ބުނެފައިވަނީ ރާއްޖޭގެ ސަގާފަތާއި ތަރިކަ ރައްކާތެރިކުރުމަށް ގާނޫނުގައި ބުނާ މަސައްކަތް ކުރުމަށް "ސަގާފީ ތަރިކަ ރައްކާތެރިކުރާ ގައުމީ މަރުކަޒު"ގެ ނަމުގައި މަރުކަޒެއް ހުންނަންވާނެ ކަމަށާއި އެ މަރުކަޒަށް އިނގިރޭސިބަހުން ކިޔާނީ "ނޭޝަނަލް ސެންޓަރ ފޮރ ކަލްޗަރަލް ހެރިޓޭޖް" ކަމަށެވެ.

ގާނޫނަށް އަމަލުކުރަން ފެށުމާއެކު "ޑިޕާޓްމަންޓް އޮފް ހެރިޓޭޖް"ގެ ނަން ސަގާފީ ތަރިކަ ރައްކާތެރިކުރާ ގައުމީ މަރުކަޒުގެ ނަމަށް ބަދަލުވީކަމަށްވެސް ގާނޫނުގައި ބުނެފައިވެއެވެ.

ސަގާފީ ތަރިކައިގެ ގާނޫނު ތަސްދީގުކުރެއްވީ ސެޕްޓެމްބަރު 12 ވަނަ ދުވަހުއެވެ. ހެރިޓޭޖު ޑިޕާޓްމެންޓުގެ ނަން ސަގާފީ ތަރިކަ ރައްކާތެރިކުރާ ގައުމީ މަރުކަޒުގެ ނަމަށް ބަދަލުކުރީވެސް ހަމަ އެ ދުވަހުއެވެ.

ރައީސް އޮފީހުން މިއަދު ބުނީ ހެރިޓޭޖު ޑިޕާޓްމެންޓުގެ ނަން ސަގާފީ ތަރިކަ ރައްކާތެރިކުރާ ގައުމީ މަރުކަޒުގެ ނަމަށް ބަދަލު ކުރުމާއެކު އެ މަރުކަޒަށް ފޮނުވާ ސިޓީގައި ޖަހާނީ ހެރިޓޭޖު ޑިޕާޓްމެންޓަށް ފޮނުވާ ސިޓީގައި ޖަހަމުންދިޔަ ނަންބަރު 222 ކަމަށެވެ.

comment ކޮމެންޓް