މާލޭ ބާޒާރުމަތީ އުޅުނު މާބަނޑު މީހާ ޖެންޑާގެ އެހީ ބޭނުމެއްނުވި

މާލެ ---ސަން ފޮޓޯ/ މުހައްމަދު އަފްރާޙް

އެހީތެރިކަމަށް ބޭނުންވާ މާބަނޑު އަންހެނަކު މާލޭ ބާޒާރުމަތީ ސަރަހައްދުގައި އުޅޭކަމުގެ މައުލޫމާތާއެކު ޖެންޑާ މިނިސްޓްރީ އަށް ލިބުމުން އެމީހާ އަށް އެހީތެރިކަން ފޯރުކޮށްދޭން މަސައްކަތް ކުރި ނަމަވެސް ދައުލަތުގެ އެހީ ބޭނުން ނޫންކަމަށް އެ އަންހެން މީހާ ބުނެފައިވާކަމަށް ޖެންޑާ މިނިސްޓްރީ އިން ބުނެފިއެވެ.

ޖެންޑާ މިނިސްޓްރީ އިން ބުނީ އެހީތެރިކަމަށް ބޭނުންވާ މާބަނޑު އަންހެނަކު ބާޒާރުމަތީ ސަރަހައްދުގައި އުޅޭކަމުގެ މައުލޫމާތު ލިބުމުން، މިނިސްޓްރީ އިން އޭނާ ހޯދައި، އެހީތެރިކަން ފޯރުކޮށްދޭން މަސައްކަތް ކޮށްފައިވާ ކަމަށެވެ.

ނަމަވެސް މިނިސްޓްރީ އިން ހުށަހެޅި އެއްވެސް ބާވަތެއްގެ އެހީތެރިކަމެއް އޭނާ ގަބޫލު ނުކުރާކަމަށް އެ މިނިސްޓްރީ އިން ބުންޏެވެ.

އަންހެން މީހާގެ މައްސަލަ ޖެންޑާގެ ސަމާލުކަމަށް އައީ ސޯޝަލް މީޑިއާގައި އެ އަންހެމްީހާގެ ވާހަކަ ދެކެވެމުން ދަނިކޮށެވެ. އޭނާ އާއި ބެހޭ މައުލޫމާތު މިނިސްޓްރީ އާއި ހިއްސާ ކޮށްދިނުމަށް އިއްޔެ މިނިސްޓްރީ އިން އެދުނެވެ.

އަންހެން މީހާގެ ފޮޓޯ އިއްޔެ ސޯޝަލް މީޑިއާގައި ދައުރުވެފައިވާއިރު ފޮޓޯ އިން ފެންނަނީ ވބާޒާރުމަތީ ފިހާރައެއް ކައިރީ އޭނާ އިށީނދެގެން އިންނަތަނެވެ. ވާރެއިން ރައްކާތެރިވުމަށް އޭނާ އިންނަނީ ކޯޓެއްވެސް ލައިގެންނެވެ. އޭނާ އަތުގައި ކޮތަޅެއްވެސް އޮވެއެވެ.

ސޯޝަލް މީޑިއާގައި އެ ފޮޓޯ އާންމުކުރި މީހަކު ބުނެފައިވަނީ އެ އަންހެންމީހާ އެގޮތަށް ވަރަށް ގިނައިން އިންނަ ކަމަށާއި އޭނާ އިއްޔެވެސް އުޅުނީ ބަނޑުގައި ރިއްސާތީ ކަމަށެވެ. ނަމަވެސް އައިޑީކާޑު ގެއްލިފައި އޮތްކަމަށްބުނެ ޑޮކްޓަރަށް ގެންދަން އުޅުނުން ދެކޮޅު ހެދި ކަމަށާއި އެ އަންހެންމީހާ ނިދަނީ މަސްވެރިންގެ ޕާކުގައި ކަމަށް ފޮޓޯއާއެކު ލިޔެފައިވެއެވެ.

comment ކޮމެންޓް