ހުޅުމާލެ އޮއްވާ އިންޑަސްޓްރިއަލް ޒޯން ހެދުމަކީ ކުރި ބޭކާރު ކަމެއް: އަސްލަމް

އަސްލަމް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަނީ -- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

ހުޅުމާލެ އޮއްވާ މާލެއިން ބައެއް ހިއްކައިގެން އިންޑަސްޓްރިއަލް ޒޯނެއް ހެދުމަކީ ކުރި ވަރަށް ބޮޑު ބޭކާރު ކަމެއް ކަމަށާއި، އެއީ އެންމެ ރަނގަޅަށް ކޮށްފައިވާ ކަމެއް ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށް ޕްލޭނިން އެންޑް އިންފްރާކްޗާ މިނިސްޓަރު އަހްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.

ގުދަން ފަދަ ތަކެތި ބަދަލު ކުރުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ސަރުކާރުގައި މާލޭގެ ހުޅަނގު އުތުރު ފަރާތުން ހަތް ހެކްޓަރަށް ހިއްކިއެވެ. ނަމަވެސް މިއަދާ ހަމައަށްވެސް އެތަނުގެ ބޭނުން ކޮށްފައި ނުވާތީވެ، އެ ސަރުކާރުގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ރޭ ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އަސްލަމް ވިދާޅުވީ، ހިއްކި ސަރަހައްދަށް ގުދަން ފަދަ ތަންތަން ބަދަލު ކުރުމަށް އެތަނަކީ އެންމެ އެކަށީގެންވާ ތަންތަން ނޫން ކަމަށާއި އެއީ މިދިޔަ ސަރުކާރުން ހިންގި ވަރަށް ބޭކާރު މަޝްރޫއެއް ކަމަށެވެ.

"[އޭރު] ހުޅުމާލެ ބުރިޖު ނިމެމުން އަންނަނީ. ހުޅުމާލޭގައި އެބަހުރި އިންޑަސްޓްރިއަލް ލޭންޑް. ހުޅުމާލެ ދެވަނަ ފޭސް ހިއްކަމުން ދަނީ. ހުޅުމާލެ އެއީ މާލޭގެ ބައެއް ކަމަށް ދެކޭ ނަމަ، މާލޭގެ ބަނދަރުން ތަންކޮޅެއް ހިއްކައިގެންތޯ އެކަން ކުރަން ޖެހެނީ،" އަސްލަމް ވިދާޅުވިއެވެ.

ސިނާއީ ސަރަހައްދު ތަރައްގީ ކުރުމަށްޓަކައި ކުރީގެ ސަރުކާރުން 186 މިލިއަން ޑޮލަރުގެ އިމާރާތެއް އެޅުމަށްޓަކައި އެމްޕީއެލްއިން ޗައިނާގެ ކުންފުންޏަކާ ދެކެވުނު ވާހަކަތަކުގެ ލިޔެކިޔުންތަކެއް އެބަހުރި ކަމަށްވެސް އަސްލަމް ވިދާޅުވިއެވެ.

"[ހުޅުމާލެ އޮއްވާ] 186 މިލިއަން ޑޮލަރުގެ ޕްރޮޖެކްޓެއް ހިންގެވުމަށް މަސައްކަތް ކުރެއްވީ ކީއްކުރަންތޯ. މި ޕްލޭނަށްވުރެ އެހެން އެއްޗެއް އަޅުގަނޑަށް ފެންނަނީ،" އަސްލަމް ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ، ގުދަން ފަދަ ތަންތަން އެ ސަރަހައްދަށް ބަދަލު ކުރުމަކީ ރައްކާތެރި ގޮތުން ބަލާއިރުވެސް އެންމެ އެކަށީގެންވާ ތަނަކަށް ނުވާނެ ކަމަށެވެ. އަދި އެތަން ސިނާއީ ސަރަހައްދަކަށް ބަދަލުކޮށްފިނަމަ ބޭރު މަގުގެ ޓްރެފިކަށްވެސް ބާރު ބޮޑުވާނެ ކަމަށް މިނިސްޓަރު އަސްލަމް ވިދާޅުވިއެވެ.

"އެހެންވީމަ [ހިއްކި ސަރަހައްދުގައި] އެކަން ކުރަން ޕްލޭންކޮށްފައި އޮތީ އެންމެ ރަނގަޅަށްތޯ. އަޅުގަނޑުމެންނަށް ވިސްނުނު ވިސްނުމުގައި އެއީ އެންމެ ރަނގަޅު ގޮތަކަށް ނުވި،" އަސްލަމް ވިދާޅުވިއެވެ.

ހިއްކާފައި އޮތް ސަރަހައްދު ބޭނުން ކުރެއްވުމުގައި މި ސަރުކާރުގެ ވިސްނުމަކީ ކޮބާތޯ "ސަން"އިން ސުވާލު ކުރުމުން މިނިސްޓަރު ވިދާޅުވީ، އެތަން ބޭނުންކުރުމަށް ރޭވިފައިވަނީ ކުޅިވަރު ކުޅެވޭ ތަންތަން ހިމެނޭ ގޮތަށް ޕަބްލިކް ސްޕޭސްއެއްގެ ގޮތުގައި ކަމަށެވެ.

އިދިކޮޅު ޕީޕީއެމް/ޕީއެންސީއިން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކުރީގެ ހައުސިން މިނިސްޓަރު މުއިއްޒު ވިދާޅުވީ، އިންޑަސްޓްރިއަލް ޒޯނުގައި ގުދަންތައް ބަދަލުކުރުމަށް ކުރަން ހުރިހާ ޕްލޭންއެއްކޮށް އަމަލީ މަސައްކަތް ފެށުމާ ހަމައަށް ކުރަން ޖެހޭ ހުރިހާ ކަމެއް ފުރިހަމަ ކުރި ކަމަށެވެ. އަދި އެ މަސައްކަތް ކުރުމަށްޓަކައި އެމްޕީއެލްއާ ހަވާލުކޮށް އެ ކުންފުނިން އެ މަޝްރޫއަށް ބޭނުންވާ ފައިސާވެސް ހޯދާފައިވާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

މިދިޔަ ހުކުރު ދުވަހު ކެމިކަލް ގުދަނެއްގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން، ރައީސް އިބްރާޙިމް މުހައްމަދު ސޯލިހް ވިދާޅުވީ، މާލޭގައި ހުރި ކެމިކަލް ގުދަންތައް މީހުން ދިރިނޫޅޭ ސަަރަހައްދަށް ބަދަލު ކުރުމަށް ކުރަން ޖެހޭ މަސައްކަތް ވީހާވެސް އަވަހަކަށް ކުރުމަށް ކަމާ ބެހޭ ފަރާތްތަކަށް އަންގާފައިވާ ކަމަށެވެ. އެއާއެކު ސަރުކާރުން ވަނީ، ގުދަންތައް ބަދަލު ކުރުމަށް ގުޅީފަޅާއި ތިލަފުށީން ބިން ދިނުމަށް ނިންމާފައެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އަސްލަމް ވިދާޅުވީ، ގުދަންތައް މާލެއިން ހުސްކުމަށް ތިން މަހެއްހާ ދުވަސް ނަގާނެ ކަމަށެވެ.

comment ކޮމެންޓް