ޓެރަރިޒަމް ގާނޫނަށް ހުށަހެޅި އިސްލާހު މަޖިލީހަށް ބަލައިގެންފި

މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން -- ފޮޓޯ/ މަޖިލިސް

ޓެރަރިޒަމްގެ ކުށް ފުޅާކޮށް އަދި އިތުރަށް ތަފްސީލުކޮށް ސަރުކާރުގެ ފަރާތުން ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނަށް ހުށަހެޅި އިސްލާހު ރައްޔިތުންގެ މަޖިލީހުން ބަލައިގެންފި އެވެ.

ސަރުކާރުގެ ފަރާތުން ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސައިން ޝަހީމް ހުށަހަޅުއްވާފައިވާ ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނަށް އިސްލާހު ގަނައުމުގެ ބިލުގެ އިބްތިދާއީ ބަހުސް ނިންމައި މިއަދު މަޖިލީހަށް ބަލައިގަތީ މަޖިލީހުގެ ޖަލްސާގައި ބައިވެރިވެވަޑައިގެން 54 މެމްބަރުންގެ އިއްތިފާގުންނެވެ.

ބިލު ދިރާސާ ކުރުމަށް މަޖިލީހުގެ ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީއަށް ވަނީ ފޮނުވާފަ އެވެ. އަދި އެމައްސަލަ ނިންމައި ދެން ޖަލްސާއެއް އޮންނާނެ ދުވަހެއް އިއުލާނު ކުރާނެ ކަމަށް މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ރިޔާސަތުގައި އިންނަވާ ވިދާޅުވި އެވެ.

ޓެރަރިޒަމްގެ ބިލަށް ސަރުކާރުގެ ފަރާތުން ބޮޑެތި އިސްލާހުތަކެއް ހުށަހެޅި އެވެ. އެގޮތުން ޓެރަރިޒަމްގެ ކުށް ކުރި ކަމަށް ނުވަތަ ކުރަން އުޅޭ ކަމަށް ޝައްކު ކުރެވޭ މީހަކު ކޯޓު އަމުރަކާ ނުލައި ހައްޔަރު ކުރުމުގެ ބާރު ފުލުހުންނަށް ދޭން ބިލުގައި ވަނީ ހިމަނާފަ އެވެ. އަދި އެމީހަކު 48 ގަޑިއިރު ކޯޓަށް ހާޒިރު ނުކޮށް ބަންދުގައި ބަހައްޓަން ޖެހޭ ގޮތަށް ހެދުމަށްވެސް ބިލުގައި ހިމަނާފައިވެ އެވެ.

ބިލުގައި ވާގޮތުން ކޯޓު އަމުރަކާ ނުލައި މީހުން ހައްޔަރު ކުރުމަށް ހުއްދަ ދެވެނީ ސަބް އިންސްޕެންޓަ އޮފް ޕޮލިސް ރޭންކުން މަތީގެ ފުލުހުންނަށެވެ. އެކަމަށް މިއަދު ބައެއް މެމްބަރުން މަޖިލީހުގައި އިއުތިރާޒު ކުރި އެވެ.

މެމްބަރުން ދެކޭ ގޮތުން އެފަދަ ބޮޑު ބާރެއް ސަބް އިންސްޕެކްޓަރު އޮފް ޕޮލިސް ރޭންކަށް ދޭ ކަމަށް ވާނަމަ ޓެރަރިޒަމް ގާނޫނު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ފުރުސަތު ބޮޑެވެ. އެހެންވީމާ އެބާރު ދޭން ވާނީ އެސިސްޓެޓް ކޮމިޝަނަރު އޮފް ޕޮލިސްގެ ރޭންކުން ފެށިގެން މަތީގެ ރޭންކުތަކަށް ކަމަށް މެމްބަރުން ދެކެ އެވެ. އެހެންވެ ބިލު ކޮމިޓީ މަރުހަލާގައި އިސްލާހު ކުރުމަށް ބައެއް މެމްބަރުން ގޮވާލި އެވެ.

އޭގެ އިތުރުން މީހަކު ހައްޔަރު ކުރުމަށް ފަހު 24 ގަޑިއިރަށްވުރެ ގިނަ އިރު ކޯޓަށް ހާޒިރު ނުކޮށް ފުލުހުންގެ ބަންދުގައި ބޭންދުމަކީ ގާނޫނުއަސާސީއާ ހިލާފު ކަމެއްކަން މެމްބަރުން ފާހަގަ ކުރި އެވެ. އެހެންވެ ބިލު އިސްލާހު ކުރާއިރު އެމާއްދާ އުވާލަންވެސް ބައެއް މެމްބަރުން ހުށަހެޅި އެވެ.

ޓެރަރިޒަމްގެ ބިލަށް ސަރުކާރުން އިސްލާހުތައް ހުށަހެޅިއިރު ޓެރަރިޒަމްގެ ކުށަށް ވަނީ ކޮންކޮން ކަމެއްކަން ތަފްސީލުކޮށްފައިވެ އެވެ.

ބިލުގައި ކުށް ކަމުގައި ކަނޑައަޅާފައިވާ ކަންކަން:

  • ހަނގުރާމައަށް ދިއުން، ހަނގުރާމަވެރި ސަރަހައްދަކަށް ދިއުން ނުވަތަ އެފަދަ ސަރަހައްދެއްގައި ހުރުން. އަދި ހަނގުރާމަވެރި އަމަލެއް ކުރަން އުޅުން ނުވަތަ އެފަދަ ކަމެއް ކުރަން އެހީވުން ނުވަތަ އެކަމުގައި އެއްވެސް ސިފައެއްގައި ބައިވެރިވުން.
  • ހަނގުރާމަވެރި ހަތިޔާރު ނުވަތަ ގޮވާތަކެތި ނުވަތަ ފަނާކުރަނިވި މާއްދާ ހިމެނޭ އެއްޗެއް ނުވަތަ އެއާ އެއްފަދަ އެއްޗެއް އުފެއްދުން ނުވަތަ ބޭނުންކުރުން އަދި އެފަދަ ތަކެތިން ވިޔަފާރިކުރުން.
  • ޓެރަރިސްޓް ޖަމާއާތަކަށް ތާއީދުކުރުން އަދި ތާއީދުކުރުމަށް ގޮވާލުން
  • ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރާ ހަރަކާތްތަކަށް ހިތްވަރުދީ އެފަދަ ހިޔާލެއް ފާޅުކުރުން. އަދި އެކަަމަށް ހިތްވަރު ލިބޭ ހަރަކާތެއްގައި ބައިވެރިވުން. އަދި އެފަދަ ހަރަކާތެއް ރާވަައި ހިންގުން.
  • ޓެރަރިސްޓް ޖަމާއަތެއްގެ މެންބަރެއްކަމަށް ނުވަތަ ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރާ މީހެއްކަމަށް ދޭހަވާފަދަ އަންނައުނެއް އާންމު ތަނެއްގައި ލުން. ނުވަތަ އެފަދަ ދޭހައެއްވުން އެކަށީގެންވާ ލިޔުމެއް ނުވަތަ ކުރެހުމެއް ނުވަތަ ފޮޓޯއެއް ބަޔަކަށް ފެންނާނެ ގޮތަށް ގެންގުޅުން ނުވަތަ ބޭނުންކުރުން.

ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބުނާ ގޮތުން ޖިނާއީ ކުށެއްގެ ތަހުގީގަށް މީހަކު ހައްޔަރުކޮށްގެން ފަނޑިޔާރެއްގެ ކުރިމައްޗަށް ގެންދާތާ 30 ދުވަހުގެ ތެރޭގައި ތަހުގީގު ނިންމައި، ދައުވާ އުފުލަން ޖެހެއެވެ. އަދި އެ މުއްދަތުގައި ދައުވާ ނުކުރެވިއްޖެނަމަ އެ މައްސަލައިގައި އޭނާގެ މައްޗަށް ދައުވާއެއް ނުކުރެވޭނެ އެވެ.

އެހެން ނަމަވެސް ޓެރަރިޒަމްގެ ގާނޫނަށް އިސްލާހު ހުށަހެޅުމުގެ ބިލުގައި ވަނީ އެ ގާނޫނުގެ ދަށުން ހައްޔަރުކުރެވޭ މީހުންގެ ތަހުގީގު 45 ދުވަހުގެ ތެރޭގައި ނިންމައި، ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވަންޖެހޭނެ ކަމަށާއި، އަދި ޕީޖީ އޮފީހަށް ފޮނުވާތާ 15 ދުވަހުގެ ތެރޭގައި ދައުވާ އުފުލަން ވާނެކަމަށް ހިމަނާފަ އެވެ.

ޓެރަރިޒަމް ގާނޫނަށް ސަރުކާރުން އިސްލާހު ހުށަހަޅާފައި ވަނީ ނޫސްވެރިޔާ އަހްމަދު ރިލްވާންގެ މައްސަލައިގައި ތަހުގީގަށް ފާހަގަ ކުރެވުނު ކަންތައްތަކެއްގެ ސަބަބުން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ވިދާޅުވެފަ އެވެ.

comment ކޮމެންޓް