އަލިފާނުގެ އަސަރުކުރި ދަރިވަރުންނަށް ފޮތާއި ޔުނީފޯމްއާއި އެހެނިހެން އެހީ ދޭން ފަށައިފި

އަލިފާނުގެ ގެއްލުން ލިބުނު ދަރިވަރުންގެ ހާލު މިނިސްޓަރު ޑރ. އައިޝަތު އަލީ ބައްލަވަނީ --- ފޮޓޯ: އެޑިއުކޭޝަން މިނިސްޓަރު

މިދިޔަ ހުކުރު ދުވަހު ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި އަސަރުކުރި ދަރިވަރުންނަށް ފޮތާއި ޔުނީފޯމާއި އެހެނިހެން އެހީ ދޭން ފަށައިފި އެވެ.

އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ މިއަދު "ރާއްޖެ ޓީވީ" އަށް ވިދާޅުވީ ދަރިވަރުންގެ ކިޔެވުން މެދު ނުކެނޑި ކިޔެވުމަށް ބޭނުންވާ ތަކެތި ދަރިވަރުންނަށް ފޯރުކޮށްދެވޭތޯ މިހާރު މަސައްކަތް ފަށާފައިވާ ކަމަށެވެ.

"އޭގެ ތެރޭގައި ޔުނީފޯމާއި ބޫޓާއި ދަބަހާއި އިތުރަށް ބޭނުންވާ ސްޓޭޝަނަރީ އަދި އެކުދިންގެ ފޮތްތައް ވެސް ފޯރުކޮށްދެމުން މިދަނީ." މިނިސްޓަރު ވިދާޅުވި އެވެ.

އަލިފާނުގެ ހާދިސާގައި އޯ ލެވަލްއަށް ކިޔަވާ އެއް ކުއްޖަކާއި އޭ ލެވެލް އަށް ކިޔަވާ ދެ ކުދިންނަށް ވެސް ވަނީ އަސަރުކޮށްފަ އެވެ. އެ ކުދިންނަށް ބޭނުންވާ ޕާސްޕޭޕަރުތައް ވެސް ހެޔޮ އެދޭ ފަރާތްތަކުން ހަދިޔާކޮށްފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

"އަޅުގަނޑުމެން މިނިސްޓްރީގެ ފަރާތުން އެހެން ކުދިންގެ ނޯޓްސް އާއި އަދި ހަމަ ޕާސްޓް ޕޭޕާސްތަކުގެ ޖަވާބުތައް ވެސް ހުންނާނެތާ ހަދާފައި އެއެއްޗެތި ފޮޓޯ ކޮޕީކޮށްދިނުމުގެ ހިދުމަތް ވެސް އެބަގެންދަން. އެ ކުދިންގެ ހާލަތު މިދަނީ ވަރަށް ގާތުން ބަލަމުން،" މިނިސްޓަރު ވިދާޅުވި އެވެ.

އެ ދަރިވަރުންނަށް ނަފްސާނީ ގޮތުން އެހީތެރިކަން ފޯރުކޮށްދިނުމާއި ޓެސްޓްތަކަށް ތައްޔާރުވުމަށް އެހީތެރިވެދިނުމުގެ މަސައްކަތް ވެސް މިހާރު ކުރިއަށްދާ ކަަމަށް ޑރ. އައިޝަތު ވިދާޅުވި އެވެ.

އަލިފާނުގެ އަސަރު ކުރި ދަރިވަރުންނަށް މިވަގުތު އާދައިގެ ކުލަ ހެދުމުގައި ސްކޫލަށް ދިއުމުގެ ފުރުސަތު ވެސް މިހާރު ވަނީ ދީފަ އެވެ.

"ޔުނީފޯމް އެބަހޯދަ ދެން އަޅުގަނޑުމެން. ޔުނީފޯމްގެ ތެރޭގައި ހުންނާނެތާ ހޯލް ކިޓް. އިސްޓާކީނާއި ބޫޓާއި އަންޑާ ގާމަންޓާއި މިނިސްޓްރީން ދެމުން މިދަނީ. ދެން ގަތުމުގައި ހުރެދާނެތާ ދަތިތަކެއް. އިތުރު އެހީއެއް ބޭނުން ވިޔަސް އަޅުގަނޑުމެންގެ ފޯކަލް ޕޮއިންޓާ އެމީހުންނާ ގުޅޭނެ." މިނިސްޓަރު ވިދާޅުވި އެެވެ.

އަލިފާނުގައި ހާލުގައި ޖެހުުނު ޓީޗަރެއްގެ އާއިލާއަކަށް ވަނީ އެދުރު ހިޔާ ފްލެޓުގައި ތިބެވޭނެ އިންތިޒާމް ވެސް މިނިސްޓަރީން ވަނީ ހަމަޖައްސައިދީފަ އެވެ.

comment ކޮމެންޓް