ސޯމާލިއާގެ ޕައިރެޓުން ރަހީނު ކުރި އީރާނު މީހަކު 4 އަހަރު ފަހުން ދޫކޮށްލައިފި

ސޯމާލިއާގެ ޕައިރެޓުން ހިފެހެއްޓި އީރާނުގެ މީހެއް ކަމަށްވާ މުހައްމަދު ޝަރީފް ޕަނަހަންދާ ވަނީ 4 އަހަރު ފަހުން ދޫކޮށްލާފަ -- ފޮޓޯ: އެޗްއެސްޕީ

ތެހެރާން (ސެޕްޓެމްބަރު 22): ސޯމާލިއާގެ ކަނޑު ފޭރޭ ބަޔަކު މީގެ ހަތަރު އަހަރު ކުރިން ރަހީނު ކުރި އީރާނުގެ މީހަކު އިއްޔެ ދޫކޮށްލައިފި އެވެ.

އީރާނުގެ މުހައްމަދު ޝަރީފް ދޫކޮށްލުމަށް ކަނޑު ފޭރޭ މީހުންނާ ވާހަކަ ދެއްކި ހޮސްޓެޖް ސަޕޯޓް ޕާޓްނާޝިޕް (އެޗްއެސްޕީ) ޖަމާއަތުން ބުނި ގޮތުގައި ޝަރީފް ދޫކޮށްލީ އޭނާ ބަލިވެ، ހާލު ސީރިއަސްވުމުންނެވެ.

"ޝަރީފް ވަނީ ކާނާ ނުލިބުމުގެ ސަބަބުން އަނަރޫފަވެފައި. އަދި އޭނާގެ ބަނޑުގެ މައްސަލަތަކާއި އެތެރެހަށްޓަށް ލޭ އެޅުމުގެ މައްސަލަތައް ހުރި،" އެޗްއެސްޕީން ބުންޏެވެ.

އެޖަމްއިއްޔާ އިން ބުނި ގޮތުގައި ޝަރީފް މިހާރު ވަނީ އިތިއޯޕިއާއަށް ގެންގޮސްފަ އެވެ. އަދި އެގައުމުން ފަރުވާ ދިނުމަށް ފަހު އޭނާ އީރާނަށް ފޮނުވާލާނެ އެވެ.

ސޯމާލިއާގެ ކަނޑު ފޭރޭ ބަޔަކު ޝަރީފް އާއި އީރާނުގެ އިތުރު ތިން ފަޅުވެރިން ރަހީނު ކުރީ މާޗް 2015ގައި މަސް ބޯޓެއްގައި ތިއްބަ އެވެ. އެގޮތަށް ރަހީނު ކުރާ މީހުން އާއްމު ގޮތެއްގައި ދޫކޮށްލަނީ ގިނަ އަދަދަކަށް ފައިސާ ދިނުމުން ކަމަށްވީ ނަމަވެސް، ޝަރީފް ދޫކޮށްލީ އެއްވެސް ފައިސާއެއް ނުދެނީސް ކަމަށް އެޗްއެސްޕީން ބުންޏެވެ.

ނަމަވެސް ބާކީ ތިބި ތިން މީހުން ދޫކޮށްލާނީ ފައިސާ ދިނުމުން ކަމަށް ގަބޫލު ކުރެވޭ ކަމަށް ވެސް އެޖަމާއަތުން ބުންޏެވެ.

ސޯމާލިއާގެ ކަނޑުގެ ސަރަހައްދުގައި ހަރަކާތްތެރިވާ ޔޫރަޕިއަން ނޭވަލް ފޯސްއިން ބުނި ގޮތުގައި 2011 ވަނަ އަހަރުގެ ފަހުން އެސަރަހައްދުގައި ކަނޑު ފޭރޭ މީހުންގެ ހަމަލާތައް ވަނީ ވަރަށް ބޮޑަށް މަދުވެފަ އެވެ. އެއީ ޔޫރަޕިއަން ޔޫނިއަން އާއި ނެޓޯގެ ކަނޑުގެ ސިފައިންގެ އެސަރަހައްދުގައި ހަރަކާތްތެރިވުމުގެ އިތުރުން، އެސަރަހައްދުން ދަތުރު ކުރާ ބޯޓުތަކުގައި ހަތިޔާރާއެކު ގާޑުން ތިބުމުންނެވެ.

comment ކޮމެންޓް