މޫދު އަޑީގައި ކައިވެންޏަށް ޕްރޮޕޯޒް ކުރަނިކޮށް ގެނބިގެން މަރުވެއްޖެ

މޫދު އަޑީގައި އޮވެ ކައިވެންޏަށް ހުށަހަޅަނިކޮށް ސްޓީވެން ވެބާ ވަނީ ގެނބިގެން މަރުވެފަ -- ފޮޓޯ: ފޭސްބުކް

ޓެންޒޭނިއާގައި ޗުއްޓީ ހޭދަ ކުރަމުން ދިޔަ އެމެރިކާ މީހަކު މޫދު އަޑީގައި އޮވެގެން އޭނާގެ ލޯބިވެރިޔާއަށް ކައިވެންޏަށް ޕްރޮޕޯޒް ކުރަނިކޮށް ގެނބިގެން މަރުވެއްޖެ އެވެ.

އެހާދިސާ ހިނގީ ސްޓީވެން ވެބާ އާއި އޭނާގެ ލޯބިވެރިޔާ ކަނޭޝާ އަންޓޮއާން، ޓެންޒޭނިއާގެ މަންޓާ ރިޒޯޓުގަ އެވެ. އެ ދެ މީހުން ތިބީ އެރިޒޯޓުގެ މޫދު އަޑީގައި ހަދާފައި ހުންނަ ކޮޓަރިއެއްގަ އެވެ.

އެހާދިސާ ހިނގުމުގެ ކުރިން އަންޓޮއާން ނެގި ވީޑިއޯއަކުން ވެބާ މޫދުގައި އޮވެ، ކޮޓަރީގެ ބިއްލޫރިން ފެންނަ ގޮތަށް ނޯޓެއް ދައްކާތަން ފެނެ އެވެ. އަދި އެނޯޓުގައި ވަނީ "އަންޓޮއާން ދެކެ ލޯބިވާ ހުރިހާ ސަބަބުތައް ބުނެ ދެވޭ ވަރަށް އޭނާގެ ނޭވާ ހިފަހައްޓާނުލެވޭނެ" ކަމަށް ބުނެފަ އެވެ. ނަމަވެސް އަންޓޮއާން ދެކެ "ލޯބިވާ މިންވަރު ކޮންމެ ދުވަހަކުވެސް އިތުރުވަމުންދާ" ކަމަށް ބުނެފަ އެވެ.

ސްޓީވެން ވެބާ އާއި އޭނާގެ ލޯބިވެރިޔާ ކަނޭޝާ އަންޓޮއާން -- ފޮޓޯ: ފޭސްބުކް

އަދި އޭގެ ފަހުން ވެބާގެ ސޯޓުން އަނގޮޓިއެއް ނަގާ، ދައްކާލާ މަންޒަރުވެސް ވީޑިއޯއިން ފެނެ އެވެ.

ނަމަވެސް ކައިވެންޏަށް ހުށަހެޅުމަށް ފަހު ވެބާ މައްޗަށް ނާރާ ކަމަށް އަންޓޮއާން ބުންޏެވެ. އަދި އޭނާ އެހީއަށް އެދުމުން ރިޒޯޓުގެ މުވައްޒަފުން ދިޔަ ނަމަވެސް ވެބާ ސަލާމަތް ނުކުރެވުނެވެ.

މަންޓާ ރިޒޯޓުން ބުނި ގޮތުގައި ހަތަރު ދުވަހުގެ ދަތުރަކަށް ދިޔަ ވެބާ މަރުވީ ގެނބިގެންނެވެ.

އެހާދިސާއާ ބެހޭ ގޮތުން އަންޓޮއާން ލިޔެފައިވާ ފޭސްބުކް ޕޯސްޓެއްގައިވާ ގޮތުން ވެބާގެ ހުށަޙެޅުމަށް އޭނާއަށް ޖަވާބު ނުދެވުނީތީ ވަރަށް ދެރަވެ އެވެ. އަދި އޭނާއަށް ޖަވާބު ދެވެން ފުރުސަތު ލިބުނު ނަމަ ބުނާނީ އާނއެކޭ ކަމަށްވެސް ލިޔެފައިވެ އެވެ.

ޓެންޒޭނިއާގެ މަންޓާ ރިޒޯޓުގެ އަންޑަވޯޓާ ކެބިންގައި ތިބުމަށް ރެއަކު 1،700 ޑޮލަރު ހަރަދު ވާނެ -- ފޮޓޯ: މަންޓާ ރިޒޯޓު

ވެބާ އާއި އަންޓޮއާން ތިބި ކޮޓަރި ހުރީ ގޮނޑުދޮށާ 250 މީޓަރު ދުރުގަ އެވެ. އަދި 10 މީޓަރު ފުނުގައި ހަދާފައިވާ އެ މޫދު އަޑީގެ ކެބިންގައި ތިބުމަށް ރެއަކަށް 1،700 ޑޮލަރު ހޭދަވެ އެވެ.

comment ކޮމެންޓް