އާޖެންޓީނާ މެކްސްސިކޯގެ އިގްތިސާދު ފަހަނައަޅައި ރާއްޖެއަށް ދެވިދާނެ: ސަލީމް

އެމްއެންޔޫގެ ދަސްވެނިވި ހަފްލާގެ ޝަރަފް ވެރި މެހެމާން ބަންދު ސަލީމް(މ)--- ފޮޓޯ: އެމްއެންޔޫ

ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި އާޖެންޓީނާ އަދި މެކްސިކޯ ފަދަ ގައުމުތަކުގެ އިގްތިސާދު ފަހަނައަޅައި ރާއްޖެއަށް ވެސް ދެވިދާނެ ކަމަށް ބަންދު އިބްރާހިމް ސަލީމް ވިދާޅުވެެއްޖެ އެވެ.

ގައުމީ ޔުނިވާސިޓީން ރޭ ބޭއްވި ދަސްވެނިވި ހަފްލާގައި ސަލީމް ވިދާޅުވީ ގައުމެއްގެ ތަރައްގީ ބިނާވެފައިވާ އެގައުމެއްގެ މީހުންގެ ތައުލީމުގެ މައްޗަށް ކަމަށެވެ.

އެގޮތުން ގައުމު ބިނާކުރަމުން ތަފާތު އިލްމުތައް ބޭނުންވާ ކަން ސަލީް ވަނީ ފާހަގަކުރައްވައިފަ އެވެ.

"އެކަމަކީ ބަސް ކަމުގައިވިޔަސް މަސައްކަތު ކަމުގައިވިޔަސް ހިސާބު އިލްމުކަމުގައިވިޔަސް. ކޮންމެ ކަމަކީ ގައުމެއް ބިނާކުރަން ބޭނުންވާ އެއްޗެއް،" އޭނާ ވިދާޅުވި އެވެ.

ރާއްޖޭގެ ބޮޑެތި ބައެއް ކުންފުނިތައް ހިންގެވުމުގައި ދާދި ފަހަކާ ޖެހެންދެން ވެސް އިސްކޮށް އުޅުއްވި ސަލީމް ވިދާޅުވީ ޖީޑީޕީގެ ޕާޗޭސިން ޕަވާ އޮފް ޕެރިޓީއިން ބަލާއިރު ރާއްޖެ އޮތީ އާޖެންޓީނާ އަދި މެކްސިކޯ ފަދަ ގައުމުތަކާ ގާތްގަނޑަކަށް އެއްވަރެއްގައި ކަމަށެވެ.

"މިވަނީ ކިހިނެއްބާ؟ ގައުމު ބިނާ ކުރުމުގައި ވަރަށް ބޮޑެތި މަސައްކަތްތަކެއް ކުރާ ހިސާބަށް އަޅުގަނޑުުމެންގެ ޖީޑީޕީ ގެންދެވިއްޖެ. އެކަމަކު މި ދެންނެވި ޕާޗޭސިން ޕެރިޓީގެ ލެވަލްއަށް ބަލާ ނަމަ އާޖެންޓީނާގެ އިގްތިސާދު އެއޮތީ ވަރަށް ބޮޑަށް ދަށަށް ޖަހާފައި. މެކްސިކޯގެ އިކޮނޮމީ ތެޔޮހުރި އިރު ވެސް ވަނީ ކިހިނެއްތޯ. އެއް ފަހަރު މައްޗަށް އެރިއްޔާ އަނެއް ދެއަހަރު ދަށަށް ދާނެ." ސަލީމް ވިދާޅުވި އެވެ.

އާ ސަރުކާރުން މަތީ ތައުލީމަށް ދެމުންގެންދާ އެހީތަކަށް އަލިއަޅުވާލައްވައި ސަލީމް ވިދާޅުވީ އޭގެ ނަތީޖާ ހާސިލްކުރަން ދާންވީ މަގު ދަރިވަރުން ކަނޑައަޅަން ޖެހޭ ކަމަށެވެ. އެގޮތޮން ދަރިވަރުންގެ ހުނަރާއި އިލްމާއި "ކޮމިޓްމަންޓް" ނެތި މިގައުމު ކުރިއަށް ގެންދެވާނެ ކަމަށް ގަބޫލް ނުކުރައްވާ ކަމަށެވެ. އަދި މި ދެންނެވި ތި ކަންތައް ވަރަށް ބޮޑަށް ކުރިއަށް ގެންދަން ޖެހޭނަކަމަށް ވެސް ސަލީމް ވިދާޅުވި އެވެ.

"އެންމެ ފުރަތަމަ ކަމަކީ އަޅުގަނޑުމެންނަށް ވަގުތު މެނޭޖްކުރަން އެނގުން. ކުރެވޭ ސުވާލެއް ބައެއް ގައުމުތައް ފަހަތަށް ދަނީ ކީއްވެތޯ؟" ސަލީމް ވިދާޅުވި އެވެ.

ސަލީމް ވިދާޅުވީ ދެވަނަ ބޮޑު ހަނގުރާމައަށް ފަހު ޖަޕާނުގައި ތެޔޮ ފަދަ އަގުބޮޑެތި ވަސީލަތްތަކެއް ނެތިވެސް އެގައުމު ވަރަށް ބޮޑަށް ކުރި ކުރިއަރައި ދިޔަ ކަމަށާއި އޭގެ އެއް ސަބަބަކީ ތައުލީމަށް ދިން އިސްކަން ކަމަށެވެ. އެގޮތުން ޖަޕާނުގެ ސަރުކާރުން މީހުންނަށް ކިޔަވައިދީ ގައުމު ބިނާކުރުމުގައި ހުރި އަހައްމިއްޔަތުކަން ދަރިވަރުންނަށް އަނގައިދީ އެމީހުން ކުރިއަށް ދާނެ މަގުތައްވެސް ކަނޑައަޅައިދީ ހެދި ކަމަށެވެ.

"މިއަދުން ފެށިގެން 40 އަހަރުގެ ތެެރޭގައި ދުނިޔޭގެ އެންމެ ދެެވަނަަ އިކޮނޮމީ އޮންނަންވަނެޔޭ. އެ އަޒުމް އެމީހުންގެ ސަރުކާރުގައި ހިމެނޭ. އެކަން ތަންފީޒުކުރި. އެހެންވީމާ އަޅުގަނޑުމެން ގައުމު މި ފަސްއަހަރުގެ ތެރޭގައި މިހާރު އޮތް ވަރަށް ވުރެ އާޖެންޓީމާ މެކްސިކޯ ފަހަނައަޅައި ނުދެވޭނެ އެއްވެސް ސަބަބެއް ނެތް. ހަމައެކަނި ބޭނުންވަނީ ކުޑަކުޑަ ހިތްވަރަކާއި ކަމިޓްމަންޓެއް." އޭނާ ވިދާޅުވި އެވެ.

އެގޮތުން އަމާޒަށް ދިއުމަށް ޓަކައި ހިލްމާއި އަމަލީ ގޮތުން އެ ކަންތައް ކުރާނެ ގޮތް ނުވަތަ ހިލްމްމުވެރިކަން ބޭނުންވާކަން ސަލީމް ފާހަގަކުރެއްވި އެވެ.

comment ކޮމެންޓް