ދިވެހީންގެ ހިތް ދޫވަމުން އަންނަ ތުރުކީ!

ސަންޝައިންތޮއި އޭނާގެ ފިރިމީހާއާއި އެކު ތުރުކީގައި--ފޮޓޯ އިންސްޓަގްރާމް

ދިވެހި ފަތުރުވެރިންގެ ޝައުގުވެރިކަން އަމާޒުވެފައިވާ އަދި އެންމެ ބޮޑަށް އަދިވެސް އިތުރުވަމުންދާ އެއް މަންޒިލަކީ ހަމަގައިމުވެސް ތުރުކީ އެވެ. ހަނީމޫންއަށާއި، ގާތް ރަހުމަތްތެރިންނާއި ލޯބިވެރިންނާ އެކުވެސް ތުރުކީއަށް ޗުއްޓީއެއްގައި ޖައްސާލުން މި އަންނަނީ ގިނަވަމުން އެވެ.

އޭޝިޔާ އަދި ޔޫރަޕްގެ ތަޖުރިބާ އެއް ތަނަކުން

ތުރުކީ ބަލާލަން އެ ގައުމަށް މީހުން ދަތުރުކުރާ އެންމެ ބޮޑު ސަބަބަކީ މި އެވެ. ތުރުކީއަކީ އޭޝިޔާ ބައްރާއި އަދި ޔޫރަޕް ބައްރަށް އެއްފަހަރާ ދަތުރުކުރެވޭ ހަމައެކަނި ތިން ގައުމުގެ ތެރެއިން އެއް ގައުމެވެ. އަދި އޭޝިޔާގެ އެހެން ގައުމުތަކާއި ހިލާފަށް ތާރީހީގޮތުން ބަލާއިރުވެސް ފާހަގަކޮށްލެވޭ މުހިންމު ބިނާތަކާއި ސަރަހައްދުތަކެއް ތުރުކީގައި ހުރުމަކީ ފަތުރުވެރިންނަށް މި ގައުމު މަގުބޫލްވާ ސަބަބެކެވެ.

ތުރުކީގެ ސިޓީތަކުގެ ތެރެއިން އެންމެ ގިނައިން ދިވެހިން ދަތުރުކޮށްއުޅެނީ އިސްޓަންބުލް އަށާއި ކެޕަޑޯކިއާއަށެވެ. ދާދި ފަހުން ތުރުކީއަށް ދަތުރުކުރި ޓްރެވަލް ބްލޮގާ ސަންޝައި ތޮއި ބުނިގޮތުން އިސްތަންބޫލްގައި ދަތުރުކުރާއިރު ޓެކްސީއެއް ބުކްކުރުމުގެ ބަދަލުގައިި ޕަބްލިކް ޓްރާންސްޕޯޓް ބޭނުންކުރުމަކީ ދަތުރުގެ އަގުހެޔޮ ކުރުމަށް ކުރެވިދާނެ ކަމެކެވެ.

އިންސްޓަގްރާމް ފޮޓޯ ތުރުކީގައި-- ފޮޓޯ:ލައުހާނަސީމް

ހޮޓް އެއާ ބެލޫން ތަޖުރިބާ

ހަނީމޫންއަށް ތުރުކީއަށްް ކުރި ދަތުރާއި ބެހޭގޮތުން ވާހަކަދައްކަމުން ދިވެހި ޓްރެވަލް އޭޖެންސީއެއް ހިންގަމުން އަންނަ ފަތުރުވެރިން ޕޭޖުން ކިޔައިދިން ގޮތުގައި، ފަރުބަދަމަތީ ސަރަހައްދެއްކަމުގައިވާ ކެޕަޑޯކިއާ ހާއްސަވަނީ އެތަނުގެ ކޭވްތަކަށާއި، ހޮޓް އެއާ ބެލޫން ދަތުރުތަކަށެވެ. ކޮންމެ ދުވަހެއްގެ ހެނދުނު 150 ހޮޓްއެއާބެލޫން އެތަނުގައި އަރުވަ އެވެ.

ސަންޝައިންތޮއި ބުނިގޮތުގައި ހޮޓްއެއާ ބެލޫން އޮންލައިންކޮށް ބުކް ކުރުމުގެ ބަދަލުގައި ހޮޓެލް މެދުވެރިކޮށް ބުކްކުރުމުން މާ އަގުހެޔޮވާނެ އެވެ. އަދި އެންމެ ރެއަކު ކެޕަޑޯކިއާގައި މަޑުކުރުމުގެ ބަދަލުގައި ދެރެއަށް މަޑުކުރާގޮތަށް ދަތުރު ރާވާލުމަކީ ބުއްދިވެރިގޮތެއް ކަމުގައިވެސް ތޮއި ބުންޏެވެ. ސަބަބަކީ ވިއްސާރަނަމަ ގިނަަފަހަރަށް ހޮޓްއެއާ ބެލޫން ދަތުރުތައް ކެންސަލް ކޮށްލާތީ އެވެ.

ކާޕެޓްތަކާއިއެކު ލައުހާ ނަގާފައިވާ ފޮޓޯއެއް--- ފޮޓޯ އިންސްޓަގްރާމް

ކާޕެޓްތަކާއެކު އިންސްޓަގްރާމް ފޮޓޯއެއް!

ތުރުކީއަށް ދެވިއްޖެނަމަ ދެން އެންމެ ގިނައިން ފެންނާނެ އެއް ފޮޓޯއަކީ ކާޕެޓްތަކާއި އެކު ނަގާފޮޓޯ އެވެ. ތުރުކީގެ އެކި ހިސާބުތަކުންވެސް ކާޕެޓް ފެންނައިރު މިކަމަށް އެންމެ ނަން މަޝްހޫރީ ގަލެރީ އިކްމާން އެވެ. ކާޕެޓް ވިއްކާ މި ފިހާރަ މިހާރު ހިންގަމުން އަންނަނީ އެތަނުގެ 5 ވަނަ ޖެނެރޭޝަނުންނެވެ. އެތަނުގައި ފޮޮޓޯއެއް ނަގަން ބޭނުންނަމަ ތުރުކީގެ 50 ލީރާ ކޮންމެ މީހަކަށް ދައްކަންޖެހެ އެވެ.

ތުރުކީގައި ތޮއި ނަގާފައިވާ ފޮޓޯއެއް

މި ދެ ސިޓީ އިން ބަލާލުން މުހިންމު ބައެއް ތަންތަން :

  • ބްލޫ މޮސްކް
  • ހާޔާ ސޮފީއާ މިއުޒިއަމް
  • ޓޮޕްކާޕީ ޕެލެސް
  • ބޮސްފޯރަސް ރައިޑް
  • ގްރޭންޑް ބާޒާރް
  • މޮންކް ވެލީ
  • އުޗިސާރް ކާސަލް
  • ޑެވްރެންޓް ވެލީ

ތުރުކީއަށް ދިއުމަށްޓަަކައި ވިސާބޭނުންވާނެ އެވެ. އަދި ވިޔަފާރިކުރަން ބޭނުންވާނަމަ ބްލޮގާ ތޮއި ބުނާގޮތުން އެންމެ ރަނގަޅުވާނީ ތަކްސިމް ސްކޮއާ އެވެ. މިތަނުގައި މަޝްހޫރު އެކި ވިޔަފާރި ޗެއިންތަކާއި، ކެފޭއާއި ސިނަމާވެސް ހުންނާނެ އެވެ.

މި ދެންނެވި ދެ ސިޓީގެ އިތުރަށްވެސް ތުރުކީގެ ޕަމުކާލެއާއި އިޒްމީރް އަދި އެންޓަލްޔާއަކީވެސް ބަލާލަން ދިއުން ހަމަ ރަނގަޅު ސަރަހައްދުތަކެވެ. ތުރުކީއަށް ހާއްސަ ޕެކޭޖުތައް މިިހާރު ތަފާތު އެއާލައިންތަކުންވެސް ލިބެން ހުރެ އެވެ. އަދި ފަތުރުވެރިން ޕޭޖުން ތުރުކީއަށް ބޭނުންވާ ހާއްސަ ޓްރެވަލް ޕްލޭންތައްވެސް ތައްޔާރުކޮށްދޭނެ އެވެ.

comment ކޮމެންޓް