އަލިފާނުގެ ހާދިސާއާ ގުޅިގެން އުރީދޫގެ ނަންބަރުތަކަށް މިއަދު ހިލޭ ގުޅޭނެ

އުރީދޫއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއް: އުރީދޫ ނަންބަރުތަކަށް މިއަދު ހިލޭ ގުޅޭނެ --- ސަން ފައިލް ފޮޓޯ: ފަޔާޒު މޫސާ

ރޭ މާލޭގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއާ ގުޅިގެން ހާލުގައި ޖެހުނު ފަރާތްތަކަށް ގުޅުމުގެ ފުރުސަތު ދިނުމުގެ ގޮތުން އުރީދޫގެ ނަންބަރުތަކުން އެތަނުގެ އެހެން ނަންބަރުތަކަށް ހިލޭ ގޮޅޭނެ ގޮތް ހަދައިފި އެވެ.

ރޭ އިރާކޮޅު ހިނގި އެ ހާދިސާގައި އެންމެ ފުރަތަމަ ރޯވެފައި ވަނީ ހ. ތިލަފުށި ގޭގައި ހުރި ގުދަނެއްގަ އެވެ. އަލިފާންގަނޑު ބޮޑުވެ ހަތަރު ގުދަނަކާއި ހަ ގެޔަކަށް ފެތުރި އެ ތަންތަނަށް ވަނީ އެކީހެން އަނދާފަ އެވެ.

އުރީދޫން ބުނީ، ރާއްޖޭން ބޭރުގައި ތިބި މީހުންނާ މުއާސަލާތު ކުރުމަށް ފަސޭހަ ކުރުމުގެ ގޮތުން ވައިބާ މެދުވެރިކޮށް ގުޅުމާއި މެސެޖުކުރުމަށް ވެސް ޑޭޓާ ޗާޖު ނުކުރާނެ ކަމަށެވެ. އަދި ޓްވިޓާ ވެސް ހިލޭ ބޭނުން ކުރެވޭނެ ކަމަށް އުރީދޫ އިން ބުނެ އެވެ.

އަލިފާނުގެ ހާދިސާގައި ހާލުގައި ޖެހުނު މީހުންގެ އަދަދު 400 އަށް އަރާފައިވާއިރު، ވަގުތީ ހިޔަލެއްގެ ގޮތުގައި ކަލާފާނު ސުކޫލް އާއި އިމާދުއްދީން ސުކޫލް ވަނީ ހަމަޖައްސާފަ އެވެ. އަދި އެ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދުނުމަށް އަމިއްލަ ވިޔަފާރިތަކާއި އާންމުންގެ ވަރަށް ބޮޑު އެހީތެރިކަމެއް ވެސް ވަނީ ލިބިފަ އެވެ.

އެ ހާދިސާގައި އެކަކު މަރުވެފައިވާއިރު ގިނަ މީހުންތަކަކަށް ދުމުގެ އަސަރު ކޮށްގެން އޭޑީކޭއިން ވަނީ ފަރުވާ ދީފަ އެވެ.

comment ކޮމެންޓް