ޔޫކްރެއިނުން ބައިޑެން ތަހުގީގު ކުރުމަށް ޓްރަމްޕް އެދިލެއްވި ކަމުގެ ތުހުމަތުތަކެއް

އެމެރިކާގެ ކުރީގެ ނައިބު ރައީސް ޖޯ ބައިޑެން ތަހުގީގު ކުރަން ޔޫކްރެއިންގެ ރައީސްގެ ގާތުގައި ރައީސް ޑޮނަލްޑް ޓްރަމްޕް އެދިލެއްވި ކަމަށް ވަނީ ތުހުމަތުކޮށްފައި -- ފޮޓޯ: ގެޓީ

ވޮޝިންޓަން (ސެޕްޓެމްބަރު 21): އެމެރިކާގެ ކުރީގެ ނައިބު ރައީސް ޖޯ ބައިޑެން އާއި އޭނާގެ ފިރިހެން ދަރިފުޅާ ގުޅުން ހުރި ތަހުގީގެއް ކުރުމަށް ރައީސް ޑޮނަލްޑް ޓްރަމްޕް، ޔޫކްރެއިންގެ ރައީސްގެ ގާތުގައި އެދިލެއްވި ކަމަށް ބުނާ ތުހުމަތުތަކެއް ފެންމަތިވެއްޖެ އެވެ.

އެމެރިކާގެ ވޯލް ސްޓްރީޓް ޖާނަލްގައިވާ ގޮތުން ޖޯ ބައިޑެން އާއި ހަންޓާ ބައިޑެން ތަހުގީގު ކުރުމަށް ޓްރަމްޕް އެދިލެއްވީ މިދިޔަ ޖުލައި މަހު ޔޫކްރެއިންގެ ރައީސް ވޮލޮޑްމިއާ ޒެލެންސްކީއާ ފޯނުން ވާހަކަ ދައްކަވަމުންނެވެ. އެފޯނު ކޯލުގައި ބައިޑެންގެ ދެބަފައިން ތަހުގީގު ކުރުމަށް ޓްރަމްޕް އަށް ފަހަރު ވިދާޅުވި ކަމަށް އެނޫހުގައިވެ އެވެ. އަދި އެތަހުގީގުގައި ޓްރަމްޕްގެ ވަކީލު ރޫޑީ ޖޫލިއާނީއާ އެކު މަސައްކަތް ކުރުމަށް ވެސް ރައީސް އެދިލެއްވި ކަމަށް ޖާނަލްގައިވެ އެވެ.

ހަންޓާ ބައިޑެން ވަނީ މީގެ ކުރިން ޔޫކްރެއިންގެ ގުދުރަތީ ގޭސް އުފައްދާ ކުންފުންޏެއްގެ ބޯޑު މެމްބަރުކަން ކުރައްވާފަ އެވެ. އަދި އޭރު ޖޯ ބައިޑެން ގެންދެވީ އެމެރިކާއިން ޔޫކްރެއިންއާ ބެހޭ ގޮތުން ގެންގުޅޭ ސިޔާސަތުތައް ކަނޑައެޅުމުގައި އިސްދައުރެއް އަދާ ކުރައްވަމުންނެވެ. އެހެންކަމުން މީގެ ކުރިންވެސް ރިޕަބްލިކަން ޕާޓީގެ މެމްބަރުން ވަނީ ދެ ބޭފުޅުންގެ މަސައްކަތުގައި މަސްލަހަތަށް ފުށޫ އަރާ ފަދަ މައްސަލަތައް ހުންނަ ކަމަށް ތުހުމަތުކޮށްފަ އެވެ.

މިދިޔަ ޖުލައި މަހު ރައީސް ޓްރަމްޕް ވަނީ ޔޫކްރެއިންގެ ރައީސަށް ގުޅުއްވާ، ބައިޑެން ތަހުގީގު ކުރުމަށް އެދިލައްވާފަ ކަމަށް އެމެރިކާގެ މީޑިއާތަކުން ބުނޭ -- ފޮޓޯ: ޓަސް

އެގޮތުން އެފަރާތްތަކުން އެންމެ ބޮޑަށް ފާހަގަ ކުރަނީ 2016 ވަނަ އަހަރު ބައިޑެން ނައިބު ރައީސްގެ ގޮތުގައި ހުންނެވި އިރު، ޔޫކްރެއިންގެ އޭރުގެ ޕްރޮސެކިއުޓާ ޖެނެރަލަކު މަގާމުން ދުރުކުރުމަށް ބައިޑެން ޕްރެޝަރު ކުރެއްވި ހާދިސާ އެވެ.

އޭރުގެ ސަރުކާރާ އިދިކޮޅު ފަރާތްތަކުން ބުނި ގޮތުގައި އެޕްރޮސިކިއުޓަރު މަގާމުން ދުރު ކުރަން ބައިޑެން އެންގެވީ، އޭނާގެ ދަރިފުޅު ބޯޑު މެމްބަރުކަން ކުރެއްވި ކުންފުނި ތަހުގީގު ކުރަން ޕްރޮސެކިއުޓާ ޖެނެރަލް މަސައްކަތް ކުރެއްވުމުންނެވެ.

އަދި ޓްރަމްޕް މިދިޔަ ޖުލައި މަހު ޔޫކްރެއިންގެ ރައީސަށް ކުރެއްވި ފޯނު ކޯލުގައި ތަހުގީގު ކުރަން އެދިލެއްވީ ހަމަ އެ މައްސަލަ ކަމަށް ވޯލް ސްޓްރީޓް ޖާނަލްއިން ރިޕޯޓު ކުރި އެވެ.

ބައިޑެން މިހާރު ގެންދަވަނީ އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ރައީސް ޓްރަމްޕާ ވާދަ ކުރައްވަން ކެމްޕެއިން ކުރައްވަމުން ކަމުން، ޓްރަމްޕް ބައިޑެންއާ ބެހޭ އެފަދަ މައުލޫމާތު ހޯއްދަވަން މަސައްކަތް ކުރެއްވުމަކީ ބޭރު ގައުމަކާ ގުޅިގެން އިންތިހާބަށް ނުފޫޒު ފޯރުވަން މަސައްކަތް ކުރެއްވުން ކަމަށް ޑިމޮކްރެޓިކް ޕާޓީގެ މެމްބަރުން ބުނެ އެވެ.

ނަމަވެސް ރައީސް ޓްރަމްޕް ވަނީ އެތުހުމަތުތައް ދޮގު ކުރައްވާފަ އެވެ. އަދި ރައީސްގެ ވަކީލު ޖޫލިއާނީ ސީއެންއެންއަށް ދެއްވި އިންޓަވިއުއެއްގައި ފުރަތަމަ ވަނީ އެތުހުމަތުތައް ދޮގު ކުރައްވާފަ އެވެ. ނަމަވެސް ފަހުން ވަނީ ބައިޑެން ތަހުގީގު ކުރަން ޔޫކްރެއިންގައި އެދިލެއްވި ކަމަށް އިއުތިރާފުވެފަ އެވެ.

ޖޫލިއާނީ ވިދާޅުވި ގޮތުގައި ޔޫކްރެއިނުން ސީދާ ބައިޑެން ތަހުގީގު ކުރުމަށް އޭނާ އެދިނުލައްވަ އެވެ. ނަމަވެސް އޭނާ ތަހުގީގު ކުރަން ވިދާޅުވި ބޮޑު ރިޝްވަތުގެ މައްސަލައަކާ ބައިޑެންއާ ގުޅުމެއްވާ ކަމަށް ވިދާޅުވެފަ އެވެ.

comment ކޮމެންޓް