ސީސީގެ ވެރިކަމާ ދެކޮޅަށް މިސްރުގައި އެތައް ހާސްބަޔަކު މުޒާހަރާކޮށްފި

މިސްރުގައި އިއްޔެއާއި ރޭގައި ކުރި މުޒާހަރާ

ގާހިރާ (ސެޕްޓެމްބަރު 21) : މިސްރުގެ ރައީސް ޢަބްދުލްފައްތާޙުއްސީސީގެ ވެރިކަން ވައްޓާލުމަށް ގޮވާލައި ވެރިރަށް ގާހިރާއާއި މިސްރުގެ އެތަށް ރަށެއްގައި މުޒާހަރާކޮށްފި އެވެ.

ގާހިރާއާއި އިސްކަންދަރިއްޔާ، ހައްލާ، ސުވޭސް، ޖީޒާ އަދި ދަގަހްލިއްޔާގެ މައިދާންތަކުގައި ކުރި މުޒާހަރާތަކުގައި ރައީސް ޢަބްދުލްފައްތާޙުއްސީސީގެ ވެރިކަން ބަދަލުކުރަން ރައްޔިތުން ބޭނުންވާކަމުގެ ޝިއާރުތަކާއި އަޑުތައް އުފުލާފައިވެ އެވެ. އަދި ސީސީގެ ސަރުކާރުގެ ދެކެ ބިރު ނުގަތުމަށް ރައްޔިތުންނަށް ގޮވާލައި ސީސީ އަށް ވުރެ ރައްޔިތުންގެ ބާރު ގަދަވާނެކަމަށް މުޒާހަރާކުރި މީހުން ގޮވާލާފައިވެ އެވެ.

މިސްރުގައި 2012 ވަނަ އަހަރު ދިމުގްރާތީ ގޮތުން ވެރިކަމަށް އިންތިޚާބުވެ ވަޑައިގެންނެވި ޑރ. މުހައްމަދު މުރުސީގެ ވެރިކަން 2014 ވަނަ އަހަރު އަސްކަރީ އިންގިލާބަކުން ވައްޓަވާލުމުގައި އިސްކޮށް ހުންނެވީ އޭރު މިސްރުގެ ދިފާއީ ވަޒީރުކަމުގައި ހުންނެވި ޖެނެރަލް އަބްދުލްފައްތާޙް އައްސިސީއެވެ. އޭގެ ފަހުން އިންތިގާލީ މަރްހަލާއަކަށް ފަހު އިންތިޚާބެއް ބައްވައިގެން މިސްރުގެ ވެރިކަން ސީސީ ހޯއްދަވާފައި ވަނީ ސިފައިންގެ ބާރާއި ނުފޫޒުގެ ބޭނުންކުރައްވައިގެން ކަމަށާ އަދި ސީސީ ވެރިކަން ކުރައްވަނީ ޚުދު މުޚްތާރުގޮތެއްގައި ކަމަށް މިސްރުގެ ގިނަ ބަޔަކު ދެކެއެވެ.

ސީސީ، އޭނާއާ އިދިކޮޅު ފަރާތްތަކުއަޑު ކަނޑުވާލުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާތީ، ސީސީގެ ވެރިކަމާ ދެކޮޅަށް މުޒާހަރާކުރުން މިހާތަނަށް ވެފައިވަނީ މުސްތަހީލް ކަމަކަށްވެފަ އެވެ.

ނަމަވެސް މިސްރުގެ ސިފައިންގެ ކޮންޓްރެކްޓަރެއްގެ ގޮތުގައި ގިނަ މަސައްކަތްތަކެއް ކޮށްފައިވާ މަޝްހޫރު ވިޔަފާރިވެރިއެއް ކަމަށްވާ މުޙައްމަދު ޢަލީ މިފަހަކަށް އައިސްވަނީ ސީސީ ގެ ވެރިކަމާދެކޮޅަށް ފާޅުގައި އަޑުއުފުއްލަވައި ސީސީ އަށް ފާޅުގައި ގޮންޖައްސަވަން ފައްޓަވައިފަ އެވެ. އެންމެފަހުން މުހައްމަދު އަލީގެ ގޮވާލެއްވުމަށް އިޖާބަދިނުމުގެ ގޮތުން ގާހިރާއާއި މިސްރުގެ އެހެން ސިޓީތަކުގައި މިވަނީ ފުރަތަމަ ފަހަރަށް ސީސީގެ ވެރިކަމާދެކޮޅަށް އެތައް ހާސް ބަޔަކު ފާޅުގައި މަގުމައްޗަށް ނުކުމެފައެވެ.

ސްޕޭންގައި މިހާރު ހުންނެވި މުހައްމަދު އަލީ ވަނީ ފާއިތު މަހެއްހާ ދުވަހުގެ ތެރޭގައި ސީސީގެ އާއިލާއާއި މިސްރުގެ ސިފައިންގެ ތެރޭގައި ހިމެނޭ ސީސީއަށް ވަފާތެރި ފަރާތްތައް ގުޅިގެން، މިސްރުގެ ދައުލަތުގެ ފައިސާގެތެރެއިން އެތައް ބިލިއަން ޑޮލަރެއް ވަގަށް ނަގައި ކޮރަޕްޝަންގެ ގިނަ އަމަލުތަކެއް ފުޅާދާއިރާއެއްގައި ހިންގަމުން ގެންދާކަން ހާމަކޮށް ވީޑިއޯތަކާއި ޑޮކިއުމެންޓްތައް ސޯޝަލް މީޑިއާގައި ޝާއިޢުކޮށްފަ އެވެ.

ސީސީގެ ވެރިކަން ރައްޔިތުންގެ އުތުރިއެރުމަކުން ވައްޓާލުމަށް ޓަކައި ރައްޔިތުން މަގުތަކަށާއި މައިދާންތަކަށް ނުކުންނަންވީ ވަގުތު އަތުވެއްޖެކަމަށް ބުނެ ގިނަ މެސެޖްތަކެއް ވެސް މުހައްމަދު އަލީގެ ޓީމުން ގެންދަނީ މިސްރުގެ ރައްޔިތުންނަށް ދެއްވަމުންނެވެ. މިއާ އެކު މުޙައްމަދު ޢަލީ ހޯދުމަށާއި އޭނާ އަވާހާރަކޮށްލުމަށް މިސްރުގެ ސިއްރު ފުލުހުން ސްޕޭންގައި ހަރަކާތްތެރިވަމުންދާ ކަމުގެ ޚަބަރުތަކެއް ވަނީ ފެންމަތިވެފަ އެވެ.

ނަމަވެސް މިސްރު ސިފައިންގެ ތެރޭގައި ހިމެނޭ ސީސީ އާ އިދިކޮޅު ޖެނެރަލުން ސިއްރިޔާތުގައި މުހައްމަދު އަލީއަށް ހިއްވަރުދޭކަމަށާ އަދި މިސްރުގެ ޑީޕް ސްޓޭޓްގައި ހިމެނޭ ބައެއް އިދާރާތަކުގެ އެއްބާރުލުން ވެސް އޭނާއަށް ލިބެމުންދާކަމަށް ރިޕޯޓްތައް ބުނެ އެވެ. މުހައްމަދު އަލީގެ މި ހަރަކާތަށް ސީސީއާ އިދިކޮޅު މިސްރުގެ ގިނަ ފަރާތްތަކަކުން ގެންދަނީ ތާއީދުކުރަމުންނެވެ.

ގުޅޭ ޓެގު
comment ކޮމެންޓް