13 އަތޮޅަކަށް ޔެލޯ އެލާޓް ނެރި ކަނޑު ދަތުރުކުރުމުގައި ސަމާލުވާން އެދެފި

މޫސުން ގޯސް ދުވަހެއްގައި ފަޅެއްގައި އަޅާފައި އޮތް ދޯންޏެއް: މޫސުމަށް ސަމާލުވުމަށް އެމްއެންޑީއެފް އިން ވަނީ އިލްތިމާސްކޮށްފައި -- ފައިލް ފޮޓޯ

މޫސުން ގޯސްވެ 13 އަތޮޅަކަށް ޔެލޯ އެލާޓް ނެރިފައިވާއިރު ކަނޑު ދަތުރުކުރުމުގައި ސަމާލުވުމަށް އެމްއެންޑީއެފުން އިލްތިމާސް ކޮށްފި އެވެ.

މޯލްޑިވަސް މީޓިއޮރޮލޮޖިކަލް ސާވިސް އިން މިއަދު ބުނީ، ޔެލޯ އެލާޓް ނެރިފައި ވަނީ ނ. އަތޮޅުން ފެށިގެން ލ. އަތޮޅާ ހަމައަށެވެ. އެއީ ނ، ރ، ބ، ޅ، ކ، އއ، އދ، ވ، މ، ފ، ދ، ތ، އަދި ލ. އަތޮޅެވެ.

އެގޮތުން އެ އަތޮޅުތަކަށް ބޯކޮށް ވާރޭ ވެހުމާ އެކު ގުގުރުން އެކަށީގެންވާ އިރު ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލަށް ވައި ގަދަވާނެ ކަމަށް މެޓް އޮފީހުން ވަނީ ލަފާކޮށްފަ އެވެ.

މި ދުވަސްވަރަކީ ރާއާޖަށް ހުރިހާ ހިސާބަކަށް ވެސް މޫސުން ގޯސް ދުވަސްވަރަކަށް ވާއިރު ކަނޑުދަތުރު ކުރުމުގައި އިތުރަށް ސަމާލުވުމަށް އެމްއެންޑީއެފުން ވަނީ އިލްތިމާސް ކޮށްފަ އެވެ.

މިގޮތުން ކަނޑުދަތުރުކުރައްވާ ފަރާތްތަކުން މޫސުމަށް ބަލައިގެން ދަތުރުކުރެއްވުމަށާއި ދަތުރު ކުރައްވާ އުޅަނދުގައި ލައިފްޖެކެޓާއި، މުވާސަލާތީ ވަސީލަތްތަކާއި ދިޔަހިއްކާ ޕަންޕު ފަދަ ނިޒާމްތައް ހުރީ ރަނގަޅަށްތޯ ޗެކް ކުރުމަށާއި އުޅަނދު ފަހަރަށް މުދާ ބަރުކުރުމުގައި ކަނޑައެޅިފައިވާ މިންގަނޑަށް ވުރެން ބޮޑަށް ބަރުނުކުރެއްވުމަށް އިލްތިމާސްކުރަމެވެ.

މީގެ އިތުރުން، ޑައިވިންގް ކުރުމާއި އެހެނިހެން މޫދު ކުޅިވަރުތައް ރާވައި ހިންގާ ފަރާތްތަކުން މޫސުމަށް ސަމާލުކަން ދެއްވައިގެން މީހުންގެ ސަލާމަތާއި ރައްކާތެރިކަމަށް ބަލައިގެން ސަލާމަތީ ގޮތުން އަޅަން ޖެހޭ ހުރިހާ ފިޔަވަޅުތަކެއް އެޅުމަށް ފަހު ނޫނީ މިފަދަ ކުޅިވަރުތައް ނުރޭއްވެވުމަށް އެމްއެންޑީއެފުން ވަނީ އެދިފަ އެވެ. އަދި ފަޅުތެރޭގައްޔާއި ފަޅުން ބޭރުގައި އަޅާފައިވާ އުޅަނދުފަހަރާއި ޙަވާލުވެފައިވާ ފަރާތްތަކުން ވެސް އޮޑިދޯނިފަހަރު ބެލެހެއްޓުމާއި ދިޔަހިއްކުމަށް ސަމާލުކަން ދިނުމަށް ވެސް ވަނީ އިލްތިމާސް ކޮށްފަ އެވެ.

comment ކޮމެންޓް