ބޯކޮށް އޮއްސާލި ވާރެޔާ އެކު މާލެ ފެންބޮޑުވެ ގޭގެއަށް ފެން ވަންނަނީ

ޑިސެމްބަރ 5، 2018: ބޯ ވިއްސާރަޔާއެކު މާލެ އާދަޔާ ހިލާފަށް ފެންބޮޑުވެ، ގޭގެއަށް ބޮޑެތި ގެއްލުންތަކެއްވުން: މިއަދުގެ ހެނދުނު ދިހަޔަކުން މެންދުރު އެކަކަށް މާލެއަށް 44 މިލިމީޓަރުގެ ވާރޭވެހުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކުޑަވަގުތުކޮޅެއްގެ ތެރޭގައި މާލެއަށް ވަރަށް ބޯކޮށް ވާރޭވެހި މުޅި މާލެހެން ފެންބޮޑުވެއްޖެ އެވެ.

މިރޭ މެންދަމު 12:00 އިން ފެށިގެން ދަނީ ކެނޑިނޭޅި ބޯކޮށް މާލެއަށް ވާރޭ ވެހެމުންނެވެ.

ފެންބޮޑުވެ އަމީނީ މަގުގެ ބައެއް ހިސާބުގައި ފޫޓެއްހާ ހިސާބަށް ވަނީ ފެންބޮޑުވެފަ އެވެ. އާންމުކޮށް ވެސް ވަރަށް ބޮޑަށް ފެންބޮޑުވާ މާފަންނުކޮޅު އައިޖީއެމްއެޗް ހިސާބުގެ ގެތަކަށް ވެސް އަންނަނީ ފެންވަންނަމުން އެވެ. އަދި މަގުތަކުގައި ފެންބޮޑުކަމުން ސައިކަލް ދުއްވުމުގައި ވެސް ވަނީ އުނދަގޫތަކާ ކުރިމަތިވެފަ އެވެ.

މާލޭގައި ފެންބޮޑުވުމާ ގުޅިގެން، ޑެޕިއުޓީ މޭޔަރު ސަމާއު ޝަރީފް ވިދާޅުވީ، މާލޭގައި ފެންހިންދުމަށް ޕަމްޕްތައް މިހާރު ޖައްސާފައިވާ ކަމަށެވެ.

ކުރިއަށް އޮތް ދެތިން ދުވަހު ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރެ ކުރާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން ވަނީ ލަފާކޮށްފަ އެވެ.

އިއްޔެ ވެސް މެދު ރާއްޖެ ތެރެއަށާއި ދެކުނުގެ ބައެއް ރަށްތަކަށް ވަނީ ވިއްސާރަކޮށްފަ އެވެ.

މެޓް އޮފީހުން ބުނީ ކުރިއަށް އޮތް ދެތިން ދުވަހު އެންމެ ބޮޑަށް ވިއްސާރަ ކުރާނީ އުތުރާއި މެދު ރާއްޖެ ތެރެއަށް ކަމަށެވެ. ދެކުނަށް ވާރޭ ވެހުނު ނަމަވެސް ދެ ދުވަސް ތެރޭ ދެކުނުގެ އަތޮޅުތަކަށް މޫސުން ކޮންމެވެސް ވަރަށްކަށް ރަނގަޅު ވާނެ ކަމަށް ލަފާ ކުރެވޭ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

"މުޅި ރާއްޖެއަށް މޫސުން ރަނގަޅު ވާނެ ކަމަށް ބެލެވެނީ މި ފެށޭ ހަފްތާގެ ބުދަ ނުވަތަ ބުރާސްފަތި ދުވަހު،" އޮފިޝަލް ވިދާޅުވި އެވެ.

ރާއްޖޭގެ ބައެއް ރަށްރަށަށް ވިއްސާރަ ކުރާނެ ކަމަށް ބެެލެވޭތީ، މޫސުމާ ބެހޭ ގައުމީ އިދާރާ އިން ވަނީ، މެދު ރާއްޖެ ތެެރެއާއި ދެކުނުގެ 11 އަތޮޅަކަށް މިއަދު ހެނދުނު 11:00 އިން ހަވީރު 5:00 އަށް ވައިޓް އެލާޓް ނެރެފަ އެވެ. ވައިޓް އެލާޓް ނެރެފައިވަނީ، އދ. އިން ފެށިގެން އައްޑޫ ސިޓީގެ އަތޮޅުތަކަށެވެ.

comment ކޮމެންޓް