އެއްބައިވަންތަކަމުގެ ނަމޫނާއެއް

މާލޭގައި ރޭ ހިނގި އަލިފާނުގެ ހާދިސާގައި ސިފައިންނަށް އެހީވުމުގައި އާންމުން: އަލިފާން ކޮންޓްރޯލް ކުރުމާއި އާންމުންނަށް އެހީވުމުގައި އާންމުން ނަމޫނާ ދެއްކި -- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

މީސް މީހުންގެ އަތް ފައިން ރެކެމުން ހެންވޭރު އަބަދަށްފެހި މަގަށް ދިޔަ އިރު ކުދަކުދިންނާއި އަންހެނުން އަޑުން އަޑު ނަގައި ރޯ އަޑު އިވެމުން ދިޔަ އެވެ. ކައިރި އިމާރާތްތަކުން ހޭނެތިފައި އޮތް ކުޑަކުއްޖަކު ނެރެގެން ގެންދިޔަތަން ފެނުނެވެ. ގައިގައި ތުވާއްޔެއް އޮޅާލައިގެން ހުރި އަންހެނަކު ކެއްސުން ނުހުއްޓާތީ ތިމާގެ މީހަކު ބުރަކަށީގައި ޖަހަމުން ދިޔަ އެވެ. ތިރީހަކަށް ފޫޓު ދުރުގައި ރޯވެ އަނދަމުން ދިޔައީ ބިޔަ ބޮޑު އަލިފާންގަނޑެކެވެ.

ގިނަ މީހުންނަށް އެންމެ ފުރަތަމަ ތިބެވުނީ ބަލަހައްޓައިގެންނެވެ. އެންމެންނަށް ވެސް ބޭއިހުތިޔާރުގައި ފޯނުތައް ދިއްކޮށްލައި ފޮޓޯއާއި ވީޑިއޯ ނަގަން ފެށުނީ އެވެ. އިރުކޮޅެއް ވަންދެން ބަލަހައްޓައިގެން ތިބުމަށް ފަހު އެތަނުގައި ތިބި މީހުން ދުއްވައިގަތީ އެހީވާށެވެ. އޭރު އެތަނުގައި އޮތީ ފަޔާ އެންޑް ރެސްކިއުގެ ކުޑަ ވެހިކަލެކެވެ.

އަލިފާނުގެ ހާދިސާ ހިނގައިގެން އުޅުނު ސަރަހައްދުގައި އެންމެ ފުރަތަމަ ހަރަކާތްތެރިވަމުން ދިޔަ ސިފައިން މަސައްކަތް ކުރީ މުޅި ސަރަހައްދުގައި ދުން ފެތުރޭތީ، ކަންބަލަން ތިބި މީހުން އެ ސަރަހައްދުން ދުރު ކުރުމަށެވެ. އެތަނުގައި އެހީވާން ގޮސް ތިބި އާންމުންގެ މީހުން ވަގުތުން އެކަމުގައި ސިފައިންނާއި ފުލުހުންނަށް އެއްބާރުލުންދީ މީހުން ދުރުކުރުމުގެ މަސައްކަތް ފެށި އެވެ. މުޅިތަން ކޯޑަން ކުރުމުގައިވެސް އެ މީހުން އުޅުނެވެ. އަމިއްލަ ނަފްސަށް ބެލުމަށް ނެތި އެ މީހުންގެ ދަރުމަވެރި މަސައްކަތް ފެށީ އެވެ.

އަލިފާން ރޯވި އާއިލާތަކަށް އެހީ ދިނުމުގައި އާންމުން ހަރަކާތްތެރިވަނީ -- ސަން ފޮޓޯ/ އަހުމަދު އައުޝަން އިލްޔާސް

އިރުކޮޅެއް ތެރޭގައި އާންމުންގެ ބަޔަކު ފޭސް މާސްކު ފޮށިތައް ގަނެގެން ސީނަށް ދިޔަ އެވެ. އަދި އެ ސަރަހައްދުގައި ތިބި އެންމެނަށްހެން ފޭސްކް މާސްކް ފޯރުކޮށްދިނެވެ. އަމިއްލަ އިސް ނެގުމަށް އެ މާސްކުތައް ފޯރުކޮށްދޭނެ މީހަކު ނުވި ނަމަ ދުމުގެ އަސަރު މީސްމީހުންނަށް ކުރިލެއް ބޮޑުވާނެ އެވެ.

ހާދިސާ ހިނގައިގެން އުޅޭ ކަމުގެ ހަބަރުތައް ފެތުރެން ފެށިތާ ވިއްސަކަށް މިނެޓުވީ އެވެ. މާލޭގެ އެކި ކަންކަނުން ޒުވާނުން އެހީތެރިކަމުގެ އަތެއް ދިއްކޮށްލަން ނުކުތީ ޓްރެއިނަރު ބޫޓާއި ކުޅޭންދާ ޖާޒީތައް ވައްޓާލައިގެންނެވެ. އަންހެނުންނާއި ފިރިހެނުންނެވެ. މުސްކުޅިންނާއި ޒުވާނުންނެވެ. ކުލަ ހެދުމުގައި ފުލުހުންނާއި ސިފައިންވެސް އެހީތެރިވާން ނުކުތެވެ.

އިރުކޮޅެއްގެ ތެރޭގައި ހާދިސާ ހިނގައިގެން އުޅޭ ސަރަހައްދު އޮތީ ފުރާލައިފަ އެވެ. ބައެއް މީހުން ޕޭމަންޓު މަތީގައި ކުޅިި ބަލަން ތިބި އިރު ދަރުމަވެރިން ދިޔައީ އެހީވެވެން ހުރި ގޮތެއް ހޯދޭތޯ ބަލަމުންނެވެ.

އަލިފާންގަނޑު ކޮންޓްރޯލު ކުރަން ފަޔާ ލޮރީތައް ވައްދަން ޖެހުނީ ހަނި ގޯޅިތަކަށެވެ. އެ ގޯޅިތަކުގައި ސައިކަލުތައް ޕާކްކޮށްފައި ހުރި ގޮތުން ލޮރީތައް ވައްދަން ލަސްވި ކަމަށް އެމްއެންޑީއެފްއިން ބުންޏެވެ. އެ ސައިކަލުތައް އެހެން ސަރަހައްދުތަކަށް ބަދަލު ކުރުމުގެ މަސައްކަތް ސިފައިންނާއި ފުލުހުން ކުރަމުން ފެށުމުން، ދަރުމަވެރިންވެސް އެކަމުގައި ބައިވެރިވެ ފަޔާ ލޮރީތަކަށް ވަދެވޭނެ ޖާގަ ހެދި އެވެ. ބޮޑެތި ކާރުތައް ފަދަ ވެހިކަލްތައްވެސް ނެރުމުގައި ސިފައިންނާއި ފުލުހުންނާއި އާންމު ރައްޔިތުން ގުޅިގެން މަސައްކަތް ކުރި އެވެ.

އަލިފާން ނިއްވަން ފެން ޖެހުމުގެ މަސައްކަތް ފަޔާ އެންޑް ރެސްކިއުއިން ކުރަމުން ދިޔަ އިރު، ފެން ހޮޅިތައް ޖެހުމާއި ފެން ދައުރުވާން އެހީތެރިވުމުގައި އާންމުން އުޅުނެވެ. ސިފައިން ފެން ހޮޅިތައް އަނބުރާލަން ބޭނުންވި ގޮތަކަށް ނުވަތަ އުފައްލަން ބޭނުންވި އުސްމިނަކަށް އުފުލުމަށް އެމީހުން ފޯރިއާއެކު އެހީތެރިވަމުން ދިޔައެވެ.

އަލިފާން ރޯވި އާއިލާތަކަށް އެހީ ދިނުމުގައި އާންމުން ހަރަކާތްތެރިވަނީ -- ސަން ފޮޓޯ/ އަހުމަދު އައުޝަން އިލްޔާސް

އަލިފާންގަނޑު ކޮންޓްރޯލުކޮށް ނިމުނު ފަހުންވެސް ގިނަ އަދަދެއްގެ ބަޔަކު އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދިނުމުގައި އުޅުނެވެ. ހާލުގައި ޖެހުނު މީހުންނަށް ހިޔާދީފައިވާ ކަލާފާނު ސްކޫލަށް ގިނަ ބަޔަކު މިސްރާބު ޖެހި އެވެ. އެގޮތުން އެހީގެ ތަކެތި ފޮށި ފޮއްޓާއި ކޮތަޅު ކޮތަޅަށް އަޅައިގެން ސްކޫލަށް ގެންދިޔަ އެވެ. އަދި އެ ތަކެތި އެއްތަނުން އަނެއްތަނަށް އުފުލަން ލައިނު ހަދާލައިގެން މަސައްކަތް ކުރަމުން ދިޔަ އެވެ.

މިރޭ ހިނގައިގެން މިދިޔައީ މާލޭގައި މި ފަހުން ހިނގި އެންމެ ބިޔަ ބިރުވެރި އަލިފާނުގެ ހާދިސާ އެވެ. މި ހާދިސާގައި ބޮޑެތި ގެއްލުންތަކެއް އެތައް އާއިލާތަކަށް ލިބިގެން ދިޔަ އެވެ. އެ ހިތާމައިގެ ތެރެއިން ހިތްތަކަށް ކުޑަވެސް ފިނިކަމެއް ލިބުނީ، ދިވެހީންގެ ފަރާތުން ޒަމާންތަކަށް ފަހު މި ފެނުނު އެއްބައިވަންތަކަމުންނެވެ.

comment ކޮމެންޓް