އަލިފާނުގެ ބިރުވެރި ތަޖުރިބާ: ސަލާމަތްވާން ފުންމާލީ ފުރާޅުމައްޗަށް

އަލިފާނުގެ ހާދިސާ ތަޖުރިބާ ކުރި ޝިނާން އަދި މުބީން---

"ހީވީ ބިން ހެލުމެއް އައިހެން. ފްލޯ އެއްކޮށް ގުޑައިގެން ދިޔައީ. ހީވި އެއްޗެއް ގޮވިހެންވެސް. ހިތަށް އެރި އަނެއްކާ ހަވާ އަރުވަނީބާއޭ ވެސް" ހުސެއިން މުބީން އޭނާގެ ހަޔާތުގައި ކުރި އެންމެ ބިރުވެރި ތަޖުރިބާގެ ވާހަކަ ފަށަމުން ކިޔައިދިނެވެ.

ހ. ކަޅުހުރާގޭގައި އެވަގުތު ހުރި މުބީން އަކީ އެގޭގައި ދިރިއުޅޭ މީހެއް ވެސް ނޫނެވެ. އަލިފާނުގެ ހާދިސާ ހިނގިތާ ގަޑިއެއްހާ އިރު ކުރިން އޭނާ އެ ގެއަށް ދިޔައީ އޭނާގެ ރަހުމަތްތެރިޔާ ހަސަން ޝިނާން އެގޭގައި ދިރިއުޅޭތީ އޭނާއާ ބައްދަލުކޮށްލުމަށެވެ.

ވަރުގަދަ އަޑު ކަންފަތުގައި ގުގުމައިގެންދިއުމާ އެކު ވީ ކީއްތޯ ބަލަން ދެން މުބީން ހުޅުވީ އެގޭގެ ކުޑަދޮރެވެ. ހަ ވަނަ ފަންގިފިލާގައި ހުރި މުބީން ކުޑަދޮރު ހުޅުވާލި އިރު ކަމަކު ދާކަށް ނެތެވެ. އަރައިގެން އައި ބޯ ދުންތަކުން އޭނާ އަށް ވީ ކީއްކަން ރެޔަކާލީ ދެނެވެ. މިއީ ވަރުގަދަ އަލިފާނގަޑެކެވެ.

"ފުރަތަމަ ހީކުރީ އުޅޭ އިމާރާތުގެ ތިރީގައި ރޯވަނީއޭ. ދެން އަލިފާންގަނޑު ދޮރުގެ ލޫވަތަކާ އަރާ ހަމަވީމާ ދޮރުތައް ލައްޕާފައި. ދެން އޭރު ދެކުދިން ތިބީ ނިދާފައި. ދެން އެމީހުން ގޮވައިގެން ތިރިއަށް ފޭބީ." މުބީން ކިޔައިދިނެވެ.

ފެހިއާބާދުގޭގައި ރޯވެފައިވާ އަލިފާން ގަނޑު ނިއްވުމުގެ މަސައްކަތް އެމްއެންޑީއެފުން އަންނަނީ ކުރަމުން --- ސަން ފޮޓޯ: އަހްމަދު އަވްޝަން އިލްޔާސް

ސަލާމަތުގެ އައްސޭރިއަށް ދާން ނިކުތް މުބީންއާއި އޭނާގެ އެކުވެރިޔާ ޝިނާން ހަމައެކަނި ވިސްނީ އޭނާ ދިރިއުޅޭ ފަންގިފިލާގެ މީހުންގެ ހާލަތާ ދޭތެރެއެއް ނޫނެވެ. އެވަގުތުގެ ގޮތުން ގޭގައި ފިރިހެނުން ބައެއް ފަންގިފިލާތަކުގައި ނޫޅޭނެކަން އޭނާއަށް ވަރަށް ރަނގަޅަށް އެނގެ އެވެ. އެހެން ފަންގިފިލާތަކުން މީހުން ހަޅޭލަވާ އަޑު އޭރު ކެނޑިނޭޅި ދިޔައީ ގުގުމަމުންނެވެ.

"ތިރިއަށް ދަމުން ކޮންމެ ފްލޯއަކަށް ވަދެ ބެލިން ބަލި އަދި މުސްކުޅި މީހަކު ހުރިތޯ. އޭރު ފިރިހެނުން ނުކުމެގެން ހިނގައްޖެ. ދެން މީހުން ގޮވައިގެން ތިރިއަށް ދިޔައިރު ބުރުގާ އަޅާފައި ތިިބި ކުދިންގެ ބުރުގާ ނެތީމާ އަނެއްކާ މައްޗަށް ދިޔައީ. ދެން ބްރޭކަރުތަކާއެއްޗެތި ވެސް ވައްޓާލެވޭތޯ ބެލީ،" އަލިފާނުގެ ތަޖުރިބާތައް މުބީން ހިއްސާ ކުރަމުން ދިޔަ އެވެ.

އަލިފާނުގެ ހާދިސާގައި ގެއްލުން ލިބުނު މީހުންނަށް އެހީވުމަށް ކަލާފާނު ސްކޫލުގައި ގާއިމްކުރި ފޯކަލް ޕޮއިންޓްގައި ތިބި މީހުން---

މައްޗަށް އެރި މުބީންމެން ތިރިއަށް ފޭބި އިރު ކަމަކު ދާކަށް ނެތެވެ. މުބީން ހުރި ގެއާ ޖެހިގެން ހުރި ގޭގެ ރޯވެފައިއިން ބައެއްގެ އެއްފަޅި ވެއްޓުނީ އެމީހުން ގޭގެ ދޮރުމައްޗަށެވެ.

ސަލާމަތްވާން ވެގެން މުބީންމެންނަށް އަނެއްކާ ވެސް ޖެހުނީ މައްޗަށް އަރާށެވެ.

"ނޭވާ ހާސްވެގެން ޖެހުނީ ވެސް އަނެއްކާ ވެސް މައްޗަށް އަރަން. ދެން އެރި އިރު ވެސް ދުންތަކާ އެއްޗެތި ހުރިމާ އުއްމީދު ވެސް ކަނޑާލިން ސަލާމަތްވާނެޔޭ. މައްޗަށް އެރީމާ އަދި އެނގޭ ވަރަށް ބޮޑަށް އަލިފާން ހިފާފައި ހުރިކަން، މައްޗަށް އެރީމާ އަދި ވަރަށް ހޫނު އަރާ" މުބީން ބުންޏެވެ.

މައްޗަށް އެރި މުބީންއާއި ޝިނާންއަށް އޭރު ހަމަ އެތަނުގައި ތާށިވެފައި ހުރި އެހެން ކުއްޖަކު ވެސް އެވަގުތު ދިމާވެއްޖެ އެވެ. އެއީ އެމީހުންގެ ނަސީބެވެ. ސަލާމަތު ރާސްތާއަށް ވާސިލްވުމަށް އެހީވީ އޭނާ އެވެ.

"އޭނާ ބުނެފި އަޅުގަނޑުމެންގެ ބައިގެ ކޮޓަރީގައި އިންނާނެޔޭ ވައިގޮޅިއެއް، ގޮޅިން ފޭބޭނެޔޭ. ދެން ބިރުން ހުރެ އެތަނުން އޭސީމަތިން ފައިބައިގެން ފަސް ވަނަ ފްލޯއިން ޖެހިގެން ހުރިގޭގެ ފުރާޅު މައްޗަށް ފުއްމާލީ. ދެން އޭރު ވަރަށް ބިރުން ހުރީ. ބަނގުލަދޭޝް މީހުން އޭރު އަޅުގަނޑުމެން ފެނިގެން ތިބީ ފުރާޅުމަތީގައި ގޮދަޑި އަޅާފައި،" މުބީން ބުންްޏެވެ.

ހ. ފެހިއާބާދުގޭގައި ރޯވެފައިވާ އަލިފާންގަނޑު އެ ސަރަހައްދަށް ފެތުރެމުން ދަނީ --- ސަން ފޮޓޯ: ފަޔާޒު މޫސާ

އެ ހާދިސާ ހިނގި އިރު މުބީން ހުރި ފަންގިފިލާގައި 10 މީހުން ދިރިއުޅުނު ނަމަވެސް ގޭގައި އެވަގުތު ތިބީ ހަ މީހުންނެވެ. އެ ގޭގައި އޭރު ޝިނާންގެ އަންހެނުންނާއި ދަރިފުޅާއި އެއްބަނޑު އެއްބަފާ ދެކޮއްކޮ ވެސް ގޭގައި އުޅެނެވެ.

"ތިރިިއަށް ފޭބި އިރު ސަލާމަތްކުރިން ތިރީ ބައިގައި އުޅޭ މުސްކުޅި ނުހިނގޭ ބޭބެއަކާއި މާމައަކާ ވެސް. ފިރިހެނަކު ނެތް އަބައިތަކުގައި. އެއްޗިއްސަށް ވުރެ މީހުން ބޭލުވޭތޯ އަޅުގަނޑުމެން ބެލީ. މާތް ﷲގެ ރަހުމަތް ފުޅުން އަޅުގަނޑުމެންގެ އާއިލާ މީހަކަށް ކަމެއް ނުވޭ." ޝިނާން ބުންޏެވެ.

comment ކޮމެންޓް