އަލިފާނުގެ ހާދިސާއާ ގުޅިގެން ރައީސް ސޯލިހް ހިތާމަ ފާޅުކުރައްވައިފި

ހ. ފެހިއާބާދުގޭގައި ރޯވެފައިވާ އަލިފާންގަނޑު އެ ސަރަހައްދަށް ފެތުރެމުން ދަނީ --- ސަން ފޮޓޯ: ފަޔާޒު މޫސާ

ހ. ފެހި އާބާދުގޭގައި މިރޭ ރޯވެ އަލިފާން ފެތުރުން ހާދިސާއާ ގުޅުގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ހިތާމަ ފާޅުކުރައްވައިފި އެވެ.

ރައީސް ސޯލިހް ދެންމެ ކުރެއްވި ޓުވީޓެއްގައި ވަނީ އަލިފާނުގެ ހާދިސާގައި އަސަރުކުރި އެންމެނަށް ހަމްދަރުދީގެ މެެސެޖެއް ފޮނުއްވައިފަ އެވެ.

"ފަސްޓް ރެސްޕޯންޑާސްއިން މިހާރު އެ ވަނީ އަލިފާން ރޯވި ސަރަހައްދަށް ގޮސް އަލިފާންގަނޑު ކޮންޓްރޯލް ކުރުމަށް މަސައްކަތް ކުރަމުން. އެހީއަށް ބޭނުންވާ އެންމެނަށް އެހީވުމަށް މިހާރު އެހީ ތެރިކަން ފޯރުކޮށްދިނުމަށް މިދަނީ މަސައްކަތް ކުރަމުން." ރައީސް ސޯލިހް ވިދާޅުވި އެވެ.

ފެހިއާބާދުގޭގައި ރޯވެފައިވާ އަލިފާންގަނޑު ފެތުރިގެން އެހެން ގޭގެއަށް ވެސް ވަނީ ފެތުރިފަ އެވެ. އަދި އެ ސަރަހައްދުގައި ހުރި ސައިކަލްތަކުގައި ވެސް ވަނީ ރޯވެ އެވެ.

އެއްވެސް މީހަކަ ފިހުނު ކަމުގެ މައުލޫމަތެއް އަދި ލިބިފައި ނެތް ނަމަވެސް ދުމުގެ އަސަރު ކޮށްގެންނާއި ބައެއް އެހެން ހާނިއްކަ ވެގެން ބައެއް މީހުން މިހާރު ވަނީ ހޮސްޕިޓަލަށް ގެންގޮސްފަ އެވެ.

ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރުގެ ޗީފް އެގްޒެކެޓިވް އޮފިސާ ހިސާން ހަސަން ވިދާޅުވީ، މިހާރު ހާލުގައި ޖެހުނު ފަރާތްތަކަށް އެހީތެރިވުމަށް އެމަޖެންސީ ސެންޓަރު ކަލާފާނު ސްކޫލުގައި ގައިމުކޮށްފައިވާ ކަމަަށެވެ. އެހީތެރިކަން ބޭނުންވާ ފަރާތްތަކުން އެ ސެންޓަރަށް ރިޕޯޓު ކުރުމަށް ހިސާން ވިދާޅުވި އެވެ.

comment ކޮމެންޓް