އިއްޔެ ރަސްމީކޮށް ހުޅުވި ކްރޮސްރޯޑް ރިސޯޓްގެ 60 ޕަސެންޓް މުވައްޒަފުންނަކީ ދިވެހިންނަށް ވެެގެން ދިއުމަކީ ބޮޑު ކާމިޔާބީއެއްގެ ގޮތުން ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ސިފަކުރައްވައިފި އެވެ.
އެނބޫދޫ ފިނޮޅުގައި ގާއިމްކޮށްފައިވާ ކްރޮސް ރޯޑްގައި ގާއިމްކޮށްފައިވާ މެރީނާ، އަލީ ވަހީދު ރޭ ވަނީ ހުޅުއްވައިދެއްވައިފަ އެވެ.
ރޭގެ ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ ރިސޯޓްތަކުގައި ދިވެހިން މަދުކަމަށް ދެކެވުނު ވާހަކަތަކަކީ މާޒީގެ ވާހަކަތަކެއް ކަމަށެވެ. އަދި ރައްޔިތުން މި ސަަރުކާރު އިންތިހާބުކުރީވެސް އެކަން ބަދަލުކުރަން ބޭނުންވާތީ ކަމަށް އޭނާ ވިދާޅުވި އެވެ.
"ކްރޮސްރޯޑްގެ 60 ޕަސެންޓް މުވައްޒަފުންނަކީ ދިވެހިން. އޭގެ ތެރެއިން 20 ޕަސެންޓަކީ އަންހެން ބޭފުޅުން. އަޅުގަނޑުމެން ސަރުކާރާ ހަވާލުވިއިރު ޓޫރިޒަމް ދާއިރާގައި އުޅެނީ އެންމެ ހަތް ޕަސެންޓް އަންހެން ބޭފުޅުން. އަދި 45 ޕަސެންޓުން 60 ޕަސެންޓަށް [ކްރޮސްރޯޑް ފަދަ ރިސޯޓެއްގައި] މުވައްޒަފުންނަކީ ދިވެހިން ކަމަށްވެފައި މަސައްކަތް ނިންމާފައި އެބަ ދެވޭ އާއިލާތައް ކައިރިއަށް. މިއީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވައުދުވެވަޑައިގެންނެވި ކަމެއް،" އަލީ ވަހީދު ވިދާޅުވި އެވެ.
ރޭގެ ރަސްމިއްޔާތުގައި މޯލްޑިވިއަން އައިޑަލްއިން ވިދާލި މަރިޔަމް މައިޝާ (ރާޅު މަރިޔަނބު)ވެސް ވަނީ ހިތްގައިމު ލަވަތަކެއް ހުށަހަޅައިދީފަ އެވެ. މިނިސްޓަރު ވަނީ މައިޝާގެ ހުށަހެޅުންތަކަށްވެސް ވަރަށް ބޮޑު ތައުރީފްކުރައްވައިފަ އެވެ.
"މިރަށުގައި އޭޓީއެމްއެއް ހުރުމަކުންނެއް ނޫން ހަމައެކަނި އުފާވަނީ. ރާޅު މަރިޔަނބު ކަހަލަ ދިވެހި އާޓިސްޓުންވެސް ފެންނާތީ އުފާވަނީ. ފަތުރުވެރިކަމުގެ ދާއިރާއިން ދިވެހި އާޓިސްޓުން ފެނިގެންދާނެ ރައްޔިތުންވެސް ބޭނުންވޭ،" އަލީ ވަހީދު ވިދާޅުވި އެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ ޓޫރިސްޓު ހުރިހާ ފެސިލިޓާތައް އިންސްޕެކްޓުކުރުމުގެ މަސައްކަތް މާދަމާ ނިމޭނެ ކަމަށެވެ. އަދި ޑިސެމްބަރު މހަު ޕޮލިސީތައް ބަދަލުކުރުގެ މަސައްކަތް ނިމޭނެކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.