ޓްރަމްޕް އަލުން އިންތިހާބުވުން ވާނީ މުސީބާތަކަށް: ޖިމީ ކާޓާ

އެމެރިކާގެ ރައީސް ޓްރަމްޕް ދެވަނަ ދައުރަކަށް އިންތިހާބުވުން ވާނީ މުސީބާތަކަށް ކަމަށް ކުރީގެ ރައީސް ޖިމީ ކާޓާ ވިދާޅުވި -- ފޮޓޯ: ގެޓީ

ވޮޝިންޓަން (ސެޕްޓެމްބަރު 20): އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެވަނަ ދައުރަކަށް އިންތިހާބުވުން ވަނީ "މުސީބާތަކަށް" ކަމަށް އެގައުމުގެ ކުރީގެ ރައީސް ޖިމީ ކާޓާ ވިދާޅުވެއްޖެ އެވެ.

އަންނަ އަހަރުގެ ނޮވެމްބަރު މަހު އެމެރިކާގައި ބާއްވާ ރިޔާސީ އިންތިހާބާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން ކާޓާ ވިދާޅުވި ގޮތުގައި އެއިންތިހާބުގައި އޭނާ ވޯޓު ދެއްވާނެ މެމްބަރަކާ ބެހޭ ގޮތުން އަދި ގޮތެއް ނުނިއްމަވަ އެވެ. ނަމަވެސް އޭނާ ވޯޓު ދެއްވާނީ ޓްރަމްޕްގެ މައްޗަށް ކުރި ހޯދޭނެ ކަމަށް ގަބޫލު ކުރެވޭ މެމްބަރަކަށެވެ.

"އަދި [ވޯޓު ދޭނެ މެމްރަކާ ބެހޭ ގޮތުން] ގޮތެއް ނުނިންމަން. ނަމަވެސް އެންމެ މުހިއްމު އެއް ކަމަކަށް ބަލާނީ ޓްރަމްޕް ބަލި ކުރެވޭނެ ކެނޑިޑޭޓަކަށް. އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި ޓްރަމްޕަށް އިތުރު ހަތަރު އަހަރު ދިނުން ވާނީ މުސީބާތަކަށް،" ކާޓާ ވިދާޅުވި އެވެ.

އަދި 94 އަހަރުގެ ކާޓާ ވަނީ ރައީސްކަން ކުރެވޭނެ ވަކި އުމުރެއް ކަނޑައެޅުމަށް އޭނާ ތާއިދު ކުރައްވާ ކަމަށް ވިދާޅުވެފަ އެވެ.

ދެހާސްސަތާރަ ވަނަ އަހަރު، އުމުރުން 71 އަހަރުގައި ޓްރަމްޕް ރައީސްކަމުގެ ހުވާ ކުރެއްވުމާ އެކު އޭނާ ވަނީ އެންމެ ދޮށީ އުމުރުގައި ރައީސްކަމުގެ ފުރަތަމަ ދައުރަކަށް ކުރިމަތިލެއްވި ބޭފުޅާއަށްވެ ވަޑައިގެންފަ އެވެ. އަދި މިހާރު ޓްރަމްޕްގެ އިތުރުން ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާ 70 އަހަރުން މަތީގެ ބޭފުޅުންގެ ތެރޭގައި 78 އަހަރުގެ ބާނީ ސޭންޑާސް އާއި 76 އަހަރުގެ ޖޯ ބައިޑެން އާއި 70 އަހަރުގެ އެލިޒަބެތް ވޮރެން ހިމެނެ އެވެ. އެހެންކަމުން 2020ގެ ރިޔާސީ އިންތިހާބާ ދިމާކޮށް އެގައުމުގައި ވަނީ ރައީސްކަން ކުރެވޭނެ އުމުރާ ބެހޭ ގޮތުން ބަހުސެއް އުފެދިފަ އެވެ.

ޑިމޮކްރެޓިކް ޕާޓީގެ މެމްބަރެއް ކަމަށްވާ ކާޓާ ވިދާޅުވި ގޮތުގައި 2016 ވަނަ އަހަރު އެޕާޓީގެ ޕްރައިމަރީގައި އޭނާ ވޯޓު ދެއްވީ ވާމަންޓުގެ ސެނެޓަރު ކަމަށްވާ ސޭންޑާސްއަށެވެ. ނަމަވެސް އެފަހަރުގެ ޕްރައިމަރީ ކާމިޔާބު ކުރެއްވީ ކުރީގެ ސެކްރެޓަރީ އޮފް ސްޓޭޓް ހިލަރީ ކްލިންޓަން އެވެ.

އެއަހަރު ރިޔާސީ އިންތިހާބުގައި ޓްރަމްޕާ ވާދަ ކުރައްވާ ނާކާމިޔާބުވި ކްލިންޓަން ވަނީ އަންނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަ ނުކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.

ކާޓާ ވަނީ އެމެރިކާގެ ރައީސްކަން 1977އިން 1981އަށް ކުރައްވާފަ އެވެ.

comment ކޮމެންޓް