އަމިއްލަ ކުންފުނިތަކަށް މަސް ކިރުމުގެ ވަގުތީ ހުއްދަ ދެނީ

ފެލިވަރަށް މަސް ކިރަން ގޮސް އޮތް ދޯންޏަކުން މަސް ކިރަނީ -- ސަން ފޮޓޯ/ ނަޖާހު މަސްުއޫދު

މަހުގެ ސަޕްލައިއާ އެއްވަރަށް މަސް ކިރަން ދަތިވެފައިވާ މައްސަލަ ހައްލު ކުރަން އަމިއްލަ ކުންފުނިތަކަށް މަސް ކިރުމުގެ ހުއްދަ ވަގުތީ ގޮތުން ދޭން ސަރުކާރުން ނިންމައިފި އެވެ.

މިދުވަސްވަރު އުތުރާއި މެދު ރާއްޖެ ތެރޭގެ އަތޮޅުތަކަށް މަސްވެރިކަން ވަނީ އިންތިހާއަށް ރަނގަޅުވެފަ އެވެ. އެހެންކަމުން، ހުވަދު އަތޮޅާއި އައްޑު އަތޮޅުގެ ދޯނިތައްވެސް މިހާރު އެހިސާބުގައި މަސްވެރިކަން ކުރަމުންދެ އެވެ.

އުތުރުގައި މަސް ކިރެން އޮންނަ މައި ތަނަކީ ފެލިވަރަށް ވާއިރު، ފެލިވަރުގެ ކެޕޭސިޓީ ކުޑަ ކަމުން މަސްވެރިން ގެންނަ ވަރަށް މަސް ނުކިރެ އެވެ. އެހެންކަމުން، މިހާރު މަސްދޯނިތައް މަސް ކިރަން ޖެހިފައި ވަނީ ދިގު ކިއުއެއްގައި ޖެހިގެންނެވެ. ބާނާ މަސް ކިރެނީ މަސް ބާނާތާ ހައެއްކަ ދުވަސް ފަހުންނެވެ.

ލަސްކޮށް ކިރުނު ނަމަވެސް މިފްކޯއިން ދަނީ ހުރިހާ ދޯންޏެއްގެ މަސް ކިރަމުންނެވެ. އެގޮތުން، ކޫއްޑޫގެ ދެ މަސް ބޯޓެއް ފެލިވަރަށް ގެންގޮސްގެން، އެ ބޯޓުތަކުގައި މަސް ކިރައިގެން ކޫއްޑޫއަށް މަސް ގެންދިޔުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ.

އިއްޔެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ، މަސްވެރިންނަށް މަސް ކިރަން ދަތިވެފައިވާ މައްސަލަ ހައްލު ކުރުމަށް އަމިއްލަ ކުންފުނިތަކަށް ރާއްޖޭގެ އެކި ސަރަހައްދުތަކުން މަސް ގަތުމުގެ ވަގުތީ ހުއްދައެއް ދޫކުރުމަށް ނިންމަވާފައިވާ ކަމަށެވެ. އަދި މަސްވެރިކަމުގެ ސިނާއަތް ފުޅާކުރުމުގެ ގޮތުން މިފްކޯ އާއި ފެލިވަރާއި ކޫއްޑޫއަށް ތަރައްގީތައް ގެންނަވާނެ ކަމަށް ވިދާޅުވި އެވެ.

"ފުރަތަމަ ކަމަކަށް އަޅުގަނޑުމެން ވަގުތީ ހުއްދައެއް މި ދޭން މި ނިންމަނީ އެކި އެކި ސަރަހައްދުތަކުން އެސްއެމްއީ ކުންފުނިތަކަށް މަސް ގަނެވޭ ގޮތަށް. އެއަށް ފަހު ފެލިވަރު ފެކްޓްރީއާ ކޫއްޑޫއާ ހުޅުމީދޫގައި ހުރި ފެކްޓްރީ އަޕްގްރޭޑުކޮށް އެތަންތަން ބޭނުން ކުރެވޭ ގޮތް އަވަހަށް ހެދުމުގެ މަސައްކަތް އަޅުގަނޑުމެން ފަށައިގެން މި ގެންދަނީ،" ރައީސް ސޯލިހު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ، މިއަހަރަކީ ރާއްޖޭގައި އެންމެ މަސްވެރިކަން ރަނގަޅު އަހަރު ކަމަށް ވާނެ ކަމަށް ލަފާކުރެއްވޭ ކަމަށެވެ. މިހާރު މަސްވެރިކަން ރަނގަޅުވެފައިވާ ވަރުން، މި އަހަރަކީ މިފްކޯގެ ތާރީހުގައި އެންމެ ގިނައިން މަސް ގަންނަ އަހަރަށްވެސް ވެދާނެކަން ރައީސް ފާހަގަކުރެއްވި އެެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި، މަސްވެރިކަން ރަނގަޅުވެގެން އުޅެނީ އިންޑިއާ ކަނޑުގައި ދާ އަޅައިގެން މަސްވެރިކަން ކުރުން ލިމިޓު ކުރަން އެއްބަސްވެވި އެކަން ތަންފީޒު ކުރަން ފެށުމުންނެވެ. އެހެންކަމުން ކުރިއަށް އޮތް ތަނުގައި ރާއްޖެއަށް މަސްވެރިކަން ރަނގަޅުވާނެ ކަމަށް އެމަނިކުފާނު ލަފާ ކުރެއްވި އެވެ.

comment ކޮމެންޓް