ކްރޮސްރޯޑް ފަދަ މަޝްރޫއުތަށް ކުރިއަށް ގެންދިއުމަކީ މި ސަރުކާރުގެ އަމާޒެއް: ނައިބު ރައީސް

ކްރޮސްރޯޑް ހުޅުވުމުގެ ރަސްމިއްޔާތުގައި ފައިސަލް ވާހަކަ ދައްކަވަނީ--- ފޮޓޯ: ރައީސް އޮފީސް

އެނބޫދޫ ފިނޮޅުގައި ތަރައްގީކޮށް އިއްޔެ ހުޅުވި ކްރޮސްރޯޑް ރިސޯޓް ފަދަ ބޮޑެތި މަޝްރޫއުތައް ކުރިއަށްގެންދިއުމަކީ މި ސަރުކާރުގެ އަމާޒެއްކަމަށްވެސް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ.

ނިމިގެން ދިޔަ ސަރުކާރުގައި ފެށި ކްރޮސްރޯޑްސް ޕްރޮޖެކްޓަށް ޖުމްލަ 700 މިލިއަނެއްހާ ޑޮލަރު ހަރަދުވެ އެވެ. ދެ ފިޔަވައްސަކަށް ބަހާލައިގެން ކުރިއަށްގެންދާ އެ ޕްރޮޖެކްޓުގެ ދަށުން ނުވަ ރަށެއް ތަރައްގީކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

ކްރޮސްރޯޑްގެ ފުރަތަމަ ފިޔަވަހި އިއްޔެ ހުޅުވައިދެއްވުމަށްފަހު ފައިސަލް ވިދާޅުވީ ކްރޮސްރޯޑަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި އެޅުނު ވަރަށް ހިތްގައިމު އާ ބޮޅެއް ކަމަށެވެ.

އެ ރިސޯޓްއަށް ވަރަށް ބޮޑަށް ތައުރީފްކުރައްވައި ފައިސަލް ވިދާޅުވީ އެފަދަ ބިޔަ މަޝްރޫއެއް ރާއްޖޭގައި މިހާތަަނަށް ފެނިފައިވާ ނުވާ ކަމަށެވެ.

" މުޅިތަނަށް ނަޒަރު ހިންގާލައިރު ފެނިގެން ދިޔައީ ގަބޫލުވެސް ނުކުރެވޭފަދަ މަންޒަރެއް، މިފަދަ ތަނެއް ބިނާކުރުމަށް އިންޖިނިއަރިންގެ ގޮތުން ކުރި މަަސައްކަތާ ދޭތެރޭ ވަރަށް ބޮޑަށ ހިތްހަމަޖެހޭ." ފައިސަލް ވިދާޅުވިއެވެ.

ފައިސަލް ވިދާޅުވީ ކްރޮސްރޯޑާއެކު ރާއްޖޭގެ ޓޫރިޒަމް ސިނާއަތަށްވެސް ވަރަށް ބޮޑު ކުރިއެރުމަށް އަންނާނެ ކަމަށާއި އޭގެ ސަބަބުން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު މިލިއަނުން އިތުރުވެގެންދާނެ ކަމަށެވެ.

"ފަތުރިވެރިންގެ އަދަދު އިތުރުކުރަން މިސާރުކާރުގެ އަމާޒަކީވެސް މިފަދަ ބޮޑެތި މަޝްރޫއުތައް ހިންގުން. ބޭނުންވަނީ ރާއްޖޭގެ ޓޫރިޒަމް މާކެޓް އިތުރަށް ފުޅާކޮށް މުޅި ދުނިޔޭގެ އެކި ކަންކޮޅުތަކުން ރާއްޖެއަށް ގަވައިދުން ފަތުރުވެރިން ޒިޔާރަތްކުރާ ތަނަކަށް ހެދުން." ފައިސަލް ވިދާޅުވި އެވެ.

ފައިސަލް ވިދާޅުވީ ފަތުރުވެރިކަމުގެ ދާއިރާއަކީ ރާއްޖޭގެ އިގްތިސާދުގެ އިންޖީނު ކަމަށާއި އަދި އެޅުގަނޑުމެންގެ އިގްތިސާދަށް ކެނޑިނޭޅި އަންނަމުންދާ ހެޔޮ ބަދަލުތަކުގައިވެސް އެ ދާއިރާ ހިއްސާވާ ކަމަށެވެ. އަދި މިސަރުކާރުންވެސް ބޭނުންވަނީ ފަތުރުވެރިކަމުގެ ދާއިރާ އިތުރަށް ތަރައްގީކޮށް އާ ހަރުފަތަކަށް ގެންދިއުމަށް ކަމަށް ވިދާޅުވި އެވެ.

"ރާއްޖޭގެ ވިޔަފާރީގައި ދާއިރާގައު ހުރި ފުރުސަތުތައް މުޅި ދުނިޔޭގެ ހުރިހާ ވިޔަފާރިވެރިންނަށްވެސް ވަނީ ހުޅުވާލެވިފައި. އެއްވެސް ޕްރޮޖެކްޓަކީ ރާއްޖޭގައި ނުހިންގޭނެ ނުވަތަ މާބޮޑު ޕްރޮޖެކްޓެކޭ ބުނެވޭނެ ޖާގައެއް ނޯންނާނެ." ފައިސަލް ވިދާޅުވި އެވެ.

comment ކޮމެންޓް