މަގުބޫލު ބްރޭންޑްތަކާ އެކު ކްރޮސްރޯޑް ދިވެހިންނަށް ހުޅުވާލައިފި

ކްރޮސްރޯޑް ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން--- ފޮޓޯ: ރައީސް އޮފީސް

ތައިލެންޑުގެ ރިއަލްއެސްޓޭޓްގެ ވިޔަފާރި ކުންފުނި ސިންހާ އެސްޓޭޓުން އެނބޫދޫ ފިނޮޅުގައި ތަރައްގީކުރި ކްރޮސްރޯޑް ރިސޯޓުގައި ފުރަތަމަ ފިޔަވަހީގެ ދަށުން ނިމުނު ތަންތަން ރަސްމީކޮށް އިއްޔެ ހުޅުވައިފަ އެވެ.

އިއްޔެ މެންދުރު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެ ރިސޯޓް ރަސްމީކޮށް ހުޅުއްވައިދެއްވީ ނާއިބު ރައީސް ފައިސަލް ނަސީމް އެވެ.

ފުރަތަމަ ފިޔަވަހީގެ ދަށުން ހުޅުވާލާފައިވަނީ ދުނިޔޭގެ މަޝްހޫރު ބްރޭންޑް ހާޑްރޮކް ހޮޓެލް" އާއި "ހިލްޓަން ކަލެކްޝަންގެ ސައި ލެގޫން މޯލްޑިވްސް" އަދި ޔޮޓް މެރީނާ "ދަ މެރީނާ މޯލްޑިވްސް" އެވެ. ހާޑް ރޮކްގެ ރިސޯޓްގައި 178 ރޫމާއި ހިލްޓަންގެ ސައި ލެގޫންގައި 198 ރޫމް ވަނީ ތަރައްގީކޮށްފަ އެވެ.

ކްރޮސްރޯޑް ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން--- ފޮޓޯ: ރައީސް އޮފީސް

ކްރޮސްރޯޑްސްއިން ބުނީ އެ ޕްރޮޖެކްޓްގެ މުޅި މަސައްކަތް ނިންމުމަށް އަދިވެސް ފަސްއަހަރެއްހާ ދުވަސް ނަގާނެ ކަމަށެވެ. ދެ ފިޔަވައްސަކަށް ބަހާލައިގެން ކުރިއަށްގެންދާ އެ ޕްރޮޖެކްޓުގެ ދަށުން ނުވަ ރަށެއް ތަރައްގީކުރުމަށް ވަނީ ހަމަޖެހިފަ އެވެ. މުޅި ޕްރޮޖެކްޓަށް 700 މިލިއަން ޑޮލަރުވަރު ހަރަދުވާނެކަމަށްވެސް ކްރޮސްރޯޑުން ބުންޏެވެ.

ކްރޮސްރޯޑު ދިވެހިންނަށް މިއަދުން ފެށިގެން ހުޅުވާލައިފައިވާއިރު ފެރީއަށް ބޮލަކަށް 80 ރުފިޔާ ކޮޅަކަށް އަދި ދެކޮޅަށް 180 ރުފިޔާ ނަގަ އެވެ.

ކްރޮސްރޯޑުން ބުނީ މާލެ، ހުޅުމާލެ، އަދި ވެލާނާ އެއާޕޯޓް އަދި މާފުށިން ކޮންމެ 20 އަދި 25 މިނެޓަކުން އެރަށަށް ފެރީ އޮންނާނެ ކަމަށެވެ. ދަތުރު ހަމަޖެހިފައިވާ ގޮތާ ބެހޭ މައުލޫމާތު ލިބޭ އެޕެއް "ކްރޮސް ރޯޑްސް މޯލްޑިވްސް" ގެ ނަމުގައި ވަނީ ލޯންޗްކޮށްފަ އެވެ.

ކްރޮސްރޯޑް ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން--- ފޮޓޯ: ރައީސް އޮފީސް

ކްރޮސްރޯޑުން ބުނީ އެ ރިސޯޓުން ދުވާލަކު 2000 މީހުން ހިދުމަތް ހޯދާނެކަމަށް ބެލެވޭ ކަމަށެވެ. އަދި ހަފްތާ ބަންދުގައި ނަމަ އެ އަދަދު 3000 މީހުންނަށް އިތުރުވާނެކަމަށް ބެލެވޭ ކަމަށްވެސް އެ ރިސޯޓުން ބުންޏެވެ. އެ ރިސޯޓުގެ ދެވަނަ ފިޔަވަހި ނިމިގެންދާއިރު ދިވެހިން ދަތުރުދާނެ ޕިކްނިކް ދާނެ ރަށެއްވެސް ހުންނާނެ އެވެ.

ކްރޮސްރޯޑުގައި ކުޑަކުދިންނަށް ހާއްސަ ކިޑްސް ކްލަބަކާއި މެރިން ޑިސްކަވަރީ ސެންޓަރެއްގެ އިތުރުން ރާއްޖޭގެ ސަގާފަތް ދައްކުވައިދޭ ކަލްޗަރަލް ސެންޓަރެއްވެސް ހިމެނެ އެވެ. މީގެ އިތުރުން މަޝްހޫރު ބްރޭންޑްތަކުގެ ކެފޭތަކާއި ފިހާރަތައް ވެސް އެތަނުގައި ވަނީ ގާއިމްކޮށްފަ އެވެ. އަދި ކޮންވެންޝަން ހޯލެއް ވެސް ހުރެ އެވެ.

comment ކޮމެންޓް