ދަރިފުޅުގެ ގާތިލް މަރާކަށް ބޭނުމެއް ނޫން: ނައީމައްތަ

ނައީމާ މުހައްމަދު (ކ)، އަދި މަރުވެފައި އޮއްވާ ފެނުނު އޭނާގެ ދަރިފުޅު (ވ): ގާތިލަށް މަރު ހިފަން ބޭނުން ނުވާ ކަމަށް ނައީމައްތަ ވަނީ ބުނެފައި -- ސަން ފޮޓޯ

ލ. ގަން ބާބުލްއަވާލީ ހައްވާ ޒުހާ މަރާލި ކަމަށް އިއުތިރާފްވެފައިވާ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ ސުމޮން މިއާގެ މައްޗަށް އެ ކުށް ސާބިތުވި ނަމަވެސް މަރަށް މަރު ހިފަން ބޭނުން ނުވާ ކަމަށް ޒުހާގެ މަންމަ ނައީމާ މުހައްމަދު (ނައީމައްތަ) ވިދާޅުވެއްޖެ އެވެ.

ޒުހާ މަރާލާފައި އޮތްވާ ފެނިފައިވަނީ 2016 ވަނަ އަހަރުގެ ޖެނުއަރީ މަހުގައި، މާލޭ ގޯޅި ގަނޑެއްގެ ތެރޭގަ އެވެ. އެ މައްސަލައިގަ ގަސްދުގައި މީހަކު މެރުމުގެ ދައުވާ އުފުލާފައިވާ ސުމޮން މިއާ ވަނީ ހަމަ އެހަރުގެ އޭޕްރިލް 25 ގައި އޮތް އިބްތިދާއީ އަޑުއެހުމުގައި ޒުހާ މަރާލި ކަމަށް އިއުތިރާފް ވެފައެވެ.

މިއަދުގެ އަޑުއެހުމުގައި ކުރިއަށް ގެންގޮސްފައިވަނީ ޒުހާގެ ވާރިސުންގެ ބަސް ނެގުމެވެ. އެގޮތުން ޒުހާގެ ޒުހާގެ މަންމަ ނައީމައްތަ ބުނީ، އެއްވެސް މީހަކު މަރާކަށް އޭނާ ބޭނުން ނުވާ ކަމަށާއި ދަރިފުޅު މަރާލީ ކާކުކަމެއް އޭނާއަށް ނޭންގޭ ކަމަށެވެ.

ނައީމައްތަ އެހެން ވިދާޅުވުމުން، މައްސަލަ ބައްލަވާ ގާޒީ އިބްރާހިމް އަލީ ވިދާޅުވީ، ކުށް ސާބިތުވޭތޯ ނިންމާނީ ޝަރީއަތުން ކަމަށެވެ. އަދި މަރަމަށް މަރު ހިފުމަށް ވާރިސުންގެ ތެރެއިން އެކަކު ވެސް ދެކޮޅު ހަދައިފި ނަމަ ދެން އޮންނާނީ މަރުގެ ދިޔަ ދިނުން ކަމަށެވެ.

ޒުހާއާ އެކު ނައީމައްތައަށް ނުވަ ދަރިން ލިބިފައިވާއިރު އޭގެ ތެރެއިން ދެ ދަރިން ފިޔަވައި ދެން ތިބި ދަރިންގެ ބައްޕަ އަކީ ޒުހާގެ ބައްޕަ އެވެ. އެގޮތުން ދެން ތިބި ކުދިންގެ ތެރެއިން މިއަދު ވަނީ ޒުހާގެ އެއްބަޑު އެއްބަފާ އަންހެން ކޮށްކޮ އެއްގެ ބަސް ވެސް ނަގާފަ އެވެ. މަންމައެކޭ އެއްގޮތަށް އޭނާ ވެސް ބުނެފައިވަނީ ދައްތަގެ މަރުގެ ބަދަލުގައި މަރަށް މަރު ހިފަން ބޭނުން ނުވާ ކަމަށެވެ.

މިއަދުގެ އަޑުއެހުމުގައި ގާޒީ ވިދާޅުވީ، ޒުހާގެ ބައްޕަގެ ބަހެއް ހޯދުމަށް ޝަރީއަތުން ބޭނުންވާ ކަމަށާއި އެހެން ނަމަވެސް އޭނާ ހުރީ އެހެން ރަށެއްގައި ކަމަށްވުމުން އެ ރަށުގެ ކޯޓު މެދުވެރިކޮށް ބަޔާން ނެގުމުގެ މަސައްކަތް ކުރިއަށް ދާ ކަމަށެވެ.

އެ މައްސަލައިގެ ދެން އޮންނަ އަޑުއެހުމެއްގައި އޮންނާނީ ދެ ފަރާތުން ހުލާސާ ބަޔާން ހުށަހެޅުން ކަން ގާޒީ ފާހަގަ ކުރެއްވި އެވެ. އަދި އެއަށްފަހު ހުކުމާއި ހަމައަށް ދާނެ ކަމަށް ވެސް ގާޒީ ވިދާޅުވި އެވެ.

ހ. ލާލުކުރި ގޭގެ ކޮޓަރިއެއްގެ ތެރޭގައި ޒުހާއާ ބަދުއަހުލާގީ އަމަލު ހިންގި ކަމަށް ސުމޮން މިއާ ވަނީ އެއްބަސްވެފަ އެވެ. ޒުހާއާއެކު ބަދުއަހުލާގީ އަމަލު ހިންގީ ފައިސާ ދީގެން ކަމަށާއި އެގޮތުން ޒުހާއަށް 700 ރުފިޔާ ދީފައިވާނެ ކަމަށް ވެސް އޭނާ ބުންޏެވެ. އެއަށްފަހު އިތުރަށް ފައިސާ ހޯދަން ޒުހާ އުޅުނު ކަމަށާއި ލާލުކުރި ގޭގެ ކޮޓަރިން ނުކުމެގެން ދާން އުޅުމުން އަވަގުރާނަ ގޮވުމަށްފަހު ލާރި ނުދީ ނުދެވޭނެ ކަމަށް ޒުހާ ބުނި ކަމަށް ސުމޮން މިއާ ބުންޏެވެ.

ސުމޮންމިއާ ބުނީ، ލާރި ހޯދަން ޒުހާ އޭނާގެ އަތުގައި ހިފި ކަމަށާއި އެވަރުން ވެސް ލާރި ނުލިބުމުން ޒުހާގެ ކަރުގައި ހިފި ކަމަށެވެ.

އޭގެފަހުން ޒުހާ ސިޓިން ރޫމަށް ވެއްޓުމުން އޭނާ ނަގައިގެންގޮސް ލާލުކުރި ގޭގެ ގޯޅިގަނޑުގެ ތެރޭގައި ބޭއްވުމަށްފަހު ލާރިކޮޅު ހިފައިގެން ދިޔައީ ކަމަށް ވެސް ސުމޮން މިއާ ބުންޏެވެ.

comment ކޮމެންޓް