ސަރުކާރު މަޝްރޫއުތައް ލަސްވާ ވާހަކަ ނުބުނަން: ރައީސް ނަޝީދު

ރައީސް ނަޝީދު -- ފައިލް ފޮޓޯ/ މަޖިލިސް

ސަރުކާރު މަޝްރޫއުތަކުގައި ލަސްތަކެއް ނެތް ކަމަށާއި ލަސްތަކެއް ހުރީ ބައެއް އިދާރީ ކަންކަމުގައި ކަމަށް ރައްޔިތުންގެ މަޖިލިސް ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައީސް ނަޝީދު މަޖިލީހުގައި ތަމްސީލު ކުރައްވާ މައްޗަންގޮޅި މެދު ދާއިރާގެ ރައްޔިތުންނާ މިދިޔަ ހުކުރު ދުވަހު ބައްދަލު ކުރައްވައި ވިދާޅުވެފައިވަނީ، ސަރރުކާރު ތެރޭގައި ބައެއް ކަންތައް ކުރުމުގައި ލަސްވުމާއި ފަރުވާކުޑަވުން އެބަހުރި ކަމަށެވެ.

އެވާހަކަތައް އިތުރަށް ތަފްސީލުކޮށްދެއްވަމުން ރައީސް ނަޝީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެމަނިކުފާނުގެ ދާއިރާގެ ރައްޔިތުންނާ ބައްދަލުކުރުމުގައި ދެއްކި ވާހަކައިގެ މާނައަކީ، ސަރުކާރުގެ އިދާރާތަކުގެ ލަސްތަކެއް އުޅޭ ކަމުގެ ވާހަކަ ކަމަށެވެ. އަދި ސަރުކާރުގެ މަޝްރޫއު ތަކުގައި ލަސްކަމެއް އުޅޭކަން ނުދެކޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"އަޅުގަނޑު ދެންނެވީ، ބައެއް އިދާރީ ހިންގުމެއް ލަސްކަމެއް އުލޭ ވާހަކަ. އަދިވެސް ތަކުރާރުކުރަން، މަޝްރޫއުތައް ލަސްކަމަކަށް ނުދެކެން،" ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ދާއިރާގެ ރައްޔިތަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ބައްދަލުވުމުގައި އެމަނިކުފާނު ވިދާޅުވީ، މަޖިލީހުގެ ސްޕީޑާ އެއްވަރަށް ސަރުކާރުގެ މަސައްކަތް ކުރިއަށް ގެންދެވޭނީ، ހުރިހާ ވުޒާރާތަކެއް އެކުގައި މަސައްކަތް ކޮށްގެން ކަމަށެވެ.

"އެއްތަނުން އަނެއް ތަނަށް ސިޓީ ފޮނުވުމުގައި ދިމާވާ ލަސްވުމާއި ފަރުވާކުޑަކަމުން ދިމާވާ ލަސްވުމާއި ކަންކަމާ އަޅާނުލެވޭތީއާ ކަންކަން ނުބަލަހައްޓާތީއާ މިހެން ގޮސް މި ހުރިހާ ކަމެއް އެބަހުރި،" މަޖިލީހުގެ ސްޕީޑާ އެއްވަރަށް ސަރުކާރުގެ ސްޕީޑު ހިނގައިގަންނަން ކިހާ ދުވަހެއް ނަގާނެތޯ މީހަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ނަޝީދު ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ކުރިއަށް އޮތް ދުވަސްތަކުގައި ސަރުކާރުގެ ސްޕީޑު ހަލުވި ވެގެންދާނެކަމަށް ގަބޫލުކުރައްވާ ކަމަށާއި، ސަރުކާރުގެ ޕްލޭންތައް ވެސް ވަރުގަދަވާނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. ނަމަވެސް ކޮންމެ ސަރުކާރަކަށްވެސް ބާރު ސްޕީޑުގައި ކަންކަން ކުރަން ވަގުތުކޮޅެއް ނަގާނެކަން ނަޝީދު ފާހަގަކުރެއްވިއެވެ.

https://sun.mv/124356

comment ކޮމެންޓް