ޓެރަރިޒަމަށް ފަންޑު ކުރާ ވިޔަފާރިތައް އާންމު ކުރާނަން: ރައީސް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ބޭއްވެވި ނޫސްވެރިންގެ ބައްލަދަލުވުމުގެ ތެރެއިން -- ފޮޓޯ/ ރައީސް އޮފީސް

ރާއްޖޭގައި އުޅޭ ޓެރަރިސްޓް ޖަމާއަތްތަކަށް ފަންޑު ކުރާ ދިވެހި ވިޔަފާރިތަކާއި އެކަމުގައި ބައިވެރިވާ އެންމެންގެ މައުލޫމާތު އެނގުނު ވަރަކުން އާންމު ކުރައްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރާއްޖޭގައި ޓެރަރިޒަމަށް ފަންޑު ކުރާ ވިޔަފާރިތަކުގެ މައުލޫމާތު ހާމަ ކުރަން ޖެހޭ ކަމަށް ގަބޫލު ކުރައްންތޯ "ސަން" އިން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން، ރައީސް ސޯލިހު ވިދާޅުވީ، އެފަދަ ވިޔަފާރިތަކާއި އެ ވިޔަފާރިތަކަށް އެހީވާ ފަރާތަކުގެ މައުލޫމާތު އާންމު ކުރަން ޖެހޭނެ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ. އަދި އެގޮތަށް އަމަލު ކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވި އެވެ.

"އެ ފަރާތްތައް [ވިޔަފާރިތައް] ހާމަވެސް ކުރެވެން ޖެހޭނެ. އެހީވާ ފަރާތްތައްވެސް ހާމަކުރެވެން ޖެހޭނެ. އެކަމުގައި ބައިވެރިވަނީ ކޮން ފަރާތްތަކެއްކަންވެސް އެނގެން ޖެހޭނެ. އެއީއަކީއެއް ސިއްރުކޮށްފައި ބާއްވަން ޖެހޭނެ އެއްޗެއް ނޫން،" ރައީސް ވިދާޅުވި އެވެ. "އެގޮތުން އަޅުގަނޑު ފުރަތަމަ ޓެރަރިސްޓު ޖަމާއަތްތަކުގެ ލިސްޓު މި ހާމަ ކުރީ. މިއާ ގުޅިގެން މިކަމަށް އެހީވާ ފަރާތްތަކާއި މިކަމުގައި ބައިވެރިވާ ފަރާތްތައް އެނގުނު ވަރަކުން އަޅުގަނޑުމެން ހާމަކުރަމުންދާނަން،"

ނޫސްވެރިޔާ އަހުމަދު ރިލްވާން ގެއްލުވާލި މައްސަލައިގައި މަރު ކޮމިޝަނުން އެކުލަވާލި ރިޕޯޓުގައި ބުނެފައި ވަނީ ރާއްޖޭގައި ހިންގާ ޓެރަރިސްޓު ޖަމާއަތްތަކަށް ފަންޑު ކުރަން ވިޔަފާރިތަކެއް ހިންގާ ކަމަށެވެ. އެ ތަފްސީލު ރިޕޯޓު ރައީސަށް ވަނީ އަރުވާފަ އެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސަށާއި ޕީޖީ ލީޑަރުންނަށްވެސް ތަފްސީލު ރިޕޯޓު ވަނީ އަރުވައިފަ އެވެ.

ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނުގެ ދަށުން ރައީސް އެކުލަވާލަން ޖެހޭ ޓެރަރިސްޓު ޖަމާއަތްތަކުގެ ލިސްޓު އެ ގާނޫނު ތަސްދީގު ކުރިތާ އަހަރުތަކެއް ފަހުން އެކުލަވާލައި މިއަދު ރައީސް ވަނީ އާންމު ކުރައްވައިފަ އެވެ.

އެމަނިކުފާނު ވިދާޅުވީ، ޓެރަރިސްޓް ޖަމާއަތްތަކުގެ ލިސްޓެއް އެކުލަވާލުމުން އެ ޖަމާއަތްތަކަށް ފައިސާ ހޯދައިދޭ ފަރާތްތައްވެސް ދެނެގެނަންނަން ފަސޭހަވެގެންދާނެ ކަމަށެވެ.

މިއަދުގެ ޕްރެސްގައި، ރާއްޖެއިން ބޭރަށް ހަނގުރާމައަށް ދާ ފަރާތްތަކާއި ޓެރަރިޒަމަށް މާލީ އެހީތެރިކަން ފޯރުކޮށްދޭ ފަރާތްތަކުގެ މައްސަލަތައް ކޯޓުން ސާބިތު ނުވާ ކަމަށް ވިދާޅުވެ، ރައީސް ކަންބޮޑުވުންވެސް ފާޅުކުރެއްވި އެވެ.

comment ކޮމެންޓް