އިންޑޮނޭޝިއާއިން ފެތުރެމުންދާ ދުމުގެ އަސަރު ތައިލޭންޑާ ހަމަޔަށް

މެލޭޝިއާގައި ދުން ބޯވުމުގެ ސަބަބުން އެތައް ހާހަކަށް ވުރެ ގިނަ ސްކޫލު ވަނީ ބަންދުކޮށްފަ -- ފޮޓޯ: އޭޕީ

ޖަކާޓާ (ސެޕްޓެމްބަރު 19): އިންޑޮނޭޝިއާގެ ޖަންގަލިތަކުގައި ރޯވެފައިވާ އަލިފާންގަނޑުތަކުން ފެތުރޭ ދުމުގެ އަސަރު ތައިލޭންޑާ ހަމަޔަށް ފޯރައިފި އެވެ.

ތައިލޭންޑުގެ ޕޮލިއުޝަން ކޮންޓްރޯލް ޑިޕާޓްމެންޓުން ބުނި ގޮތުގައި އެގައުމުގެ ދެކުނުގައި އޮންނަ ޔާލާ ޕްރޮވިންސާއި ސޮންކްލާ ޕްރޮވިންސުގައި މިއަދު ވަނީ ދުންބޯވެފަ އެވެ. އެގޮތުން އެދެ ޕްރޮވިންސުގައި ވައިގެ ކޮލިޓީ ދައްކުވައިދޭ ޕީއެމް2.5 ރީޑިން ވަނީ ރައްކާތެރި މިންވަރަށް ވުރެ އިތުރުވެފަ އެވެ.

އަދި ތައިލޭންޑުގެ ދެކުނުގައި އެޑިޕާޓްމެންޓުން މޮނިޓާ ކުރަމުންދާ ނުވަ ޕްރޮވިންސުގެ ތެރެއިން އެންމެ ބޮޑަށް ވައި ތަޣައްޔަރުވެފައި ވަނީ މެލޭޝިއާގެ ބޯޑަރު ކައިރީ އޮންނަ ސޮންކްލާގައި ކަމަށްވެސް އެޑިޕާޓްމެންޓުން ބުންޏެވެ.

އޭގެ ސަބަބުން އެ ދެ ޕްރޮވިންސުގެ ހެލްތް އޮފިޝަލުން ވަނީ އެތައް ހާސް މާސްކު ބަހާފަ އެވެ. އަދި މިމަހުގެ ފަހެކުން ފެށިގެން އެގައުމުގައި ވައި ތަޣައްޔަރުވެފައިވާ މިންވަރު އިތުރުވާން ފަށާފައިވާ ކަމަށާއި ނަމަވެސް ފާއިތުވި ދުވަސްތަކުގެ ތެރޭގައި އެމައްސަލަ އިތުރަށް ގޯސްވެފައިވާ ކަމަށް ބުނެފަ އެވެ.

ތައިލޭންޑުގެ އިތުރުން މެލޭޝިއާ އާއި ސިންގަޕޫރަށް ދުމުގެ އަސަރު ކުރަމުން ދަނީ އިންޑޮނޭޝިއާގެ ސުމަތުރާ އާއި ބޯނިއޯ އައިލެންޑުގެ ޖަންގަލިތަކުގައި ރޯވެފައިވާ އަލިފާންގަނޑުތަކުގެ ސަބަބުންނެވެ. އޭގެ ސަބަބުން މެލޭޝިއާގައި 2،500 ސްކޫލު ބަންދުކޮށްފައިވާ އިރު އިންޑޮނޭޝިއާގެ 2،100އަށް ވުރެ ގިނަ ސްކޫލު ވަނީ ބަންދުކޮށްފަ އެވެ.

އިންޑޮނޭޝިއާގެ ޖަންގަލިތަކުގައި ރޯވެފައިވާ އަލިފާންގަނޑުތައް ނިއްވުމަށް އެގައުމުން ދަނީ މަސައްކަތް ކުރަމުން -- ފޮޓޯ: ރޮއިޓާސް

މީގެ އިތުރުން ދުންބޯވުމުގެ ސަބަބުން ބޯނިއޯ އައިލެންޑުގެ ބައެއް އެއާޕޯޓުތައް ބަންދުކޮށް، ފްލައިޓުތައް ޑައިވާޓުކޮށްފައިވެ އެވެ.

ވޯލްޑް އެޔާ ކޮލިޓީ އިންޑެކްސްއިން ދައްކާ ގޮތުގައި އިންޑޮނޭޝިއާ އާއި މެލޭޝިއާގެ ބައެއް ސަރަހައްދުތަކުގައި ވައި ތަޣައްޔަރުވެފައިވާ މިންވަރު ވަނީ ސިއްހަތަށް ގެއްލުން ހުރި މިންވަރަކަށް އިތުރުވެފަ އެވެ.

ދަނޑުވެރިކަމަށް ބިން ސާފު ކުރުމަށްޓަކައި އިންޑޮނޭޝިއާގެ ޖަންގަލިތަކުގައި ގަވާއިދާ ހިލާފަށް ރޯކުރާ އަލިފާންގަނޑުތައް ފެތުރުމުގެ ސަބަބުން، އެއަލިފާންގަނޑުތައް ނިއްވާލުމަށް އިންޑޮނޭޝިއާގެ ސަރުކާރުން ދަނީ ސަލާމަތީ ފައުޖުތައް ފޮނުވައި، ފެން ޖަހާ މަތިންދާބޯޓުތައް ބޭނުން ކުރަމުންނެވެ.

އިންޑޮނޭޝިއާގައި ކޮންމެ އަހަރަކުވެސް ހޫނު މޫސުމުގައި ޖަންގަލިތަކުގައި ރޯވުމުގެ ސަބަބުން އަވަށްޓެރި ގައުމުތަކަށް ދުން ފެތުރެ އެވެ. ނަމަވެސް މިއީ ފާއިތުވި ހަތަރު އަހަރު ތެރޭ އެމައްސަލަ އެހާވަރަށް ގޯސްވި ފުރަތަމަ ފަހަރެވެ.

comment ކޮމެންޓް