އަދީބު ފިލި މައްސަލައިގައި ތިން މަހަށް ޖަލަށްލާން ހުކުމް ކޮށްފި

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު -- ސަން ފޮޓޯ/ އަހްމަދު އަވްޝަން އިލްޔާސް

ޕާސްޕޯޓް ހިފަހައްޓާފައި ވަނިކޮށް ފިލި މައްސަލައިގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ތިން މަހާއި 18 ދުވަހަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމް ކޮށްފި އެވެ.

އަދީބުގެ މައްޗަށް އެ ހުކުމް އައީ، މިދިޔަ އަންގާރަ ދުވަހު އެ މައްސަލަ ފެށުމަށް ބޭއްވި ޝަރީއަތުގެ މަޖިލީހުގައި އޭނާ ކުށަށް އިއުތިރާފް ވުމުން އެވެ. އެ ޝަރީއަތުގެ މަޖިލީހުގައި އަދީބު ވަނީ އެކަމަށް މާފަށް އެދިވަޑައިގަންނަވާ ކަމަށް ވިދާޅުވެ، ދެން އެފަދަ ކަމެއް ތަކުރާރު ނުކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.

ޕާސްޕޯޓް ހިފަހައްޓާފައި ވަނިކޮށް ރާއްޖެއިން ފިލި މައްސަލައިގައި އަދީބުގެ މައްޗަށް އުފުލާފައި ވަނީ ގާނޫނު ހިންގުމަށް ހުރަސް އެޅިކަމުގެ ކުށުގެ ދައުވާ އެވެ.

މި ދައުވާއަށް އިއުތިރާފް ވުމުން އަދީބުގެ މައްޗަށް ތިން މަހުގެ ޖަލު ހުކުމެއް އައީ، މި ކުށަކީ ޖުނަހުގެ އެއްވަނަ ދަރަޖައިގެ ކުށަކަށްވުމުން އެވެ.

އަދީބުގެ ސިއްހީ ހާލުކޮޅަށް ބަލައި އޭނާ ހުންނެވީ ގޭ ބަންދަށް ބަދަލުކޮށްފަ އެވެ. އެހެން ނަމަވެސް އޭނާ ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމުގެ އަމުރެއް ސުޕްރީމް ކޯޓުން ވަނީ މީގެ ކުރިން ނެރެފަ އެވެ.

ސްޕްރީމް ކޯޓުން އަދީބުގެ މައްޗަށް ހައްޔަރުގެ އަމުރެއް ނެރެ އަދި ޕާސްޕޯޓު ހިފެހެއްޓީ، އެ ކޯޓުގައި މިހާރު ހިނގަމުންދާ ޅ. މާބިންހުރާ ކުރެއްދޫ ހޯލްޑިންގްސްއަށް ކުއްޔަށް ދީގެން ދައުލަތަށް ލިބެން ޖެހޭ އެކުއިޒިޝަން ކޮސްޓްގެ ފަސް މިލިއަން ޑޮލަރަށް އަދީބު ހިޔާނާތްތެރިވި މައްސަލައިގައި އިސްތިއުނާފް މައްސަލައިގައި ގޮތެއް ކަނޑައަަޅަންދެނެވެ.

comment ކޮމެންޓް