ޕީޕީއެމް ދޫކޮށްދާ ދާބަޔަކަށް ރުހުމެއް ނޯންނާނެ: ރައީސް ޔާމީން

ކުރީގެ ރައީސް ޔާމީން --- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް

ޕީޕީއެމް ދޫކޮށްފައިދާ ބަޔަކަށް ރުހުމެއް ނޯންނާނެ ކަމަށް ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމު ވިދާޅުވެއްޖެ އެވެ.

މ. ދިއްގަރަށް ވަޑައިގެން އެރަށުގައި ތިބި ސަޕޯޓަރުންނާ މުހާތަބު ކުރައްވާ ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ޕީޕީއެމްގެ އިސްސަފުގައި ތިބި ބަޔަކު ޕާޓީދޫކޮށް ގޮސްފައިވާ ކަމަށާއި ޕާޓީއަށް ހިދުމަތްތެރި ބަޔަކު ޕާޓީ ދޫކޮށްލުމުން ދެރަވާ ކަމަށެވެ.

ނަމަވެސް އެ މެންބަރުން ޕާޓީ ދޫކޮށް ދިޔުމަށްފަހުވެސް ރައީސް ޔާމީންގެ ނަން ބޭނުންކޮށްގެން ވާހަކަ ދެއްކިނަމަވެސް އެ ވާހަކަތައް ގަބޫލު ނުކުރުމަށް ސަޕޯޓަރުންގެ ކިބައިން އެދިލައްވާ ކަމަށް ރައީސް ޔާމިން ވިދާޅުވި އެވެ.

"އަޅުގަނޑު އެދެނީ ކޮންމެވެސް ދުވަހަކު އެބޭފުޅުން އެނބުރި ޕީޕީއެމްއާ ގުޅިވަޑައިގެން ރައްޔިތުންނަށް ހިދުމަތް ކުރުން،" ޔާމީން ވިދާޅުވިއެވެ.

"އެބޭފުޅުން ޕާޓީ ދޫކޮށްދިޔައީ އަޅުގަނޑުގެ ރުހުން އޮވެގެންނެނެއް ނޫން. އަދި އަޅުގަނޑުގެ އަންހެނުންގެ ރުހުން އޮވެގެންނެއްވެސް ނޫން،" ކުރީގެ ފަސްޓްލޭޑީ ފާތިމަތު އިބްރާހިމް އާއެކު ސިޔާސީ މަސައްކަތުގައި އިސްކޮށް އުޅުއްވި ބައެއް ބޭފުޅުން ޕީޕީއެމްދޫކޮށް ޖުމްހޫރީ ޕާޓީއާއި ގުޅިފައިވާތީ އެ ކަމަށް އިޝާރާތް ކުރައްވާ ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ ޕީޕީއެމްގެ ސަރުކާރުން ރަށްރަށަށް ގެނެސްފައިވާ ތަރައްގީ ދަމަހައްޓަން މި ސަރުކާރުން މަސައްކަތްކުރަމުންދާތަން ފެންނަމުން ނުދާ ކަމަށެވެ. ސަރުކާރުން އާ ޕްރޮޖެކްޓެއް ނުފަސާތަނުގައި ފެންނަމުންދަނީ ކުރީ ސަރުކާރުން ފަށާފައިވާ ޕްރޮޖެކްޓުތައް ނުނިންމިގެން އުޅޭތަން ކަމަށްވެސް ރައީސް ޔާމީން ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ސަރުކާރުގައި 24 ގަޑިއިރު ކަރަންޓު ޔަގީންކޮށްދިނިން. މިއަދު އެތަނެއް ފެންނަމުންނެއް ނުދޭ. ދިއްގަރަކީ އެވްރެޖުކޮށް ބަލާނަމަ އާބާދީ ބޮޑު ރަށެއް. އާބާދީ ކުދި ރަށްރަށުގެ ހާލަތު މިއަށްވުރެ ދަށްވާނެ،" ޔާމީން ވިދާޅުވިއެވެ.

ޔާމީން ވިދާޅުވީ ޕީޕީއެމް އަކީ ސަރުކާރާ އިދިކޮޅު ޕާޓީއެއްގެ އިތުރުން ރައްޔިތުންނާއެކު މަސައްކަތްކުރާ ހަމައެކަނި ޕާޓީކަމަށެވެ. ރައްޔިތުންނާއެކު، ރައްޔިތުންގެ ހާލަތު ރަނގަޅު ކުރުމަށް މަސައްކަތްކުރާ ހަމައެކަނި ސިޔާސީ ޕާޓީއަކީ ޕީޕީއެމް ކަމަށް ވިދާޅުވެ، ޔާމީން ވަނީ ރައްޔިތުންގެ ސުވާލުތަކަށް މި ސަރުކާރުން ޖަވާބުދާރީ ނުވާކަމަށްވެސް ވިދާޅުވެފަ އެވެ.

ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބަށް ޕީޕީއެމް އިން ވަރުގަދައަށް ތައްޔާރުވާނެ ކަމަށް ޔާމީން ވިދާޅުވިއެވެ. ޕާޓީ ވަރުގަދަކޮށް ޕާޓީއަށް މެންބަރުން އިތުރު ކުރުމުގެ މަސައްކަތް ކޮށްދިނުމަށްވެސް ދިއްގަރު ރައްޔިތުންގެ ކިބައިން ރައީސް ޔާމީން އެދިލެއްވިއެވެ.

comment ކޮމެންޓް