ވޯލްޑްކަޕް 2022: އެތައް ހާސް މަސައްކަތްތެރިންނަށް މުސާރަ ނުދޭ މައްސަލަ

ގަތަރުގައި ބިނާ ކުރަމުން އަންނަ ސްޓޭޑިއަމެއް --- ފޮޓޯ// ބީބީސީ

ގަތަރުގައި 2022 ވަނަ އަހަރު ބާއްވާ ވޯލްޑް ކަޕަށް ތައްޔާރުވުމުގެ ގޮތުން، އަލަށް ހަދާ ސްޓޭޑިއަމްތައް ބިނާ ކުރުމަށް އެކި ގައުމުތަކުން ގެންގޮސްފައިވާ ބިދޭސީ އެތައް ހާސް މަސައްކަތްތެރިންނަށް މުސާރަ ނުދޭ މައްސަލަ ބޮޑުވެއްޖެ އެވެ.

މިހާތަނަށް ދުނިޔޭގައި ބޭއްވޭ އެންމެ ފެންވަރު ރަނގަޅު ވޯލްޑްކަޕު ގަތަރުގައި ބޭއްވުމަށް އެގައުމުން އެތައް މިލިއަނުން ހަރަދުކުރަމުންދާ އިރު އެ މުބާރާތާއި ގުޅުވައިގެން ދުނިޔޭގައި ނެތް ފެންވަރުގެ އިތުރު ހަތް ސްޓޭޑިއަމެއް ހެދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. ކުރިން އެ ގައުމުގައި ހުރި ސްޓޭޑިއަމްތައް ވެސް އެންމެ ޒަމާނީ ފެންވަރަށް ބަދަލު ކޮށް ބޮޑެތި މަރާމާތުތަކެއް ކުރާ އިރު އެ މަސައްކަތް ކުރުމަށް އެކި އެކި ގައުމުތަކުން އެތައް ހާސް މަސައްކަތްތެރިންނެއް ވަނީ ގަތަރަށް ގޮސްފަ އެވެ.

ނަމަވެސް އެ މަސައްކަތްތެރިންނާ ދޭތެރޭ ކަންތައް ކުރަނީ ވަރަށް ވެސް ދަށު ދަރަޖައެއްގެ ކަމަށާއި ދޭން ޖެހޭ މުސާރަ ވެސް ނުދޭ ކަމަށް އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ބައިނަލް އަގުވާމީ ބޮޑު އިދާރާއެއް ކަމަށްވާ އެމްނެސްޓީ އިންޓަނޭޝަނަލުން ވަނީ ބުނެފަ އެވެ. އެ އިދާރާއިން އެކަމަށް ބޮޑެތި ދިރާސާތަކެއް ކުރި އިރު އެކަންކަން ފީފާއަށް ވެސް ހުށައަޅާފައިވާ ކަމަށް އެ އިދާރާއިން ވަނީ ބުނެފަ އެވެ. އަދި ގަތަރުގެ ކަމާ ބެހޭ އިދާރާތަކުން އެކަމަށް ވަގުތުން ވަގުތަށް ހައްލެއް ހޯދުމަށް ވެސް އެ އިދާރާއިން ވަނީ ގޮވާލައިފަ އެވެ.

ގަތަރުގައި ބިނާ ކުރަމުން އަންނަ ސްޓޭޑިއަމެއް --- ފޮޓޯ// ބީބީސީ

"ގަތަރުން ވަނީ ވޯލްޑް ކަޕާއި ދިމާކޮށް ބޮޑެތި ވައުދުތަކެއް ވެފައި. އޭގެ ތެރޭގައި މަސައްކަތްތެރިންގެ މުސާރައިގެ ކަންކަން ވަކި އުސޫލުތަކަކުން މޮނީޓަރ ކުރެވިގެން ބަލެމަށް ވަނި ވައުދުވެފަ. އެކަމަކު މިހާރު މިފެންނަނީ އެހެން މަންޒަރެއް. އެތައް ހާސް މަސައްކަތްތެރިންނަށް މުސާރަ ނުދީ އެބަތިބި." އެމްނެސްޓީ އިންޓަނޭޝަނަލްގެ ޑެޕިއުޓީ ޑިރެކްޓަރް އޮފް ގްލޯބަލް އިޝޫސް ސްޓީފިން ކްރީކް ވިދާޅުވެފައިވެއެވެ.

މީގެ އިތުރުން ބިދޭސީ މަސައްކަތްތެރިންނަށް ދޭންޖެހޭ ސަލާމަތާއި ރައްކާތެރިކަން ނުލިބޭ ކަމުގެ ޝަކުވާ ވެސް ގިނަ ބަޔަކު ކުރަމުންދާ ކަމަށް އެ އިދާރާއިން ވަނީ ބުނެފަ އެވެ. އެގޮތުން ގަތަރުގައި މަސައްކަތް ކުރާ 111 މަސައްކަތްތެރިއަކު ހަމަ އެކަނި މިއަހަރުގެ ތެރޭގައި ވެސް އެކި ހާދިސާތަކުގައި މަރުވެފައިވާ ކަން އެ އިދާރާއިން ވަނީ ފާހަގަ ކޮށްފަ އެވެ.

"އަހަރަމެން މިތިބީ ހައްޔަރު ވެފަ. ކޮންމެ ދުވަހަކު އަހަރަމެން ދިރިއުޅެނީ ހަމައެކަނި ފެނާއި ބްރެޑް ކައިގެން. މުސާރަ ނުލިބޭތާ ގިނަ ދުވަސްތަކެއް ވެއްޖެ. އެއް މަހުން އަނެއް މަހަށް ކަންތައް މިވަނީ ގޯސް. ބޭނުންވަނީ އެނބުރި ގައުމަށް ދާން." ގަތަރުގައި މަސައްކަތް ކުރަމުން އަންނަ ނޭޕާލުގެ މަސައްކަތްތެރިއެއް ކަމަށްވާ ދިލް ޕްރަޝާދް ބުނެފައިވެ އެވެ.

ޕްރަޝާދް ބުނީ އޭނަގެ ހުރިހާ ލިޔެކިޔުންތަކެއް ވީ އޭނާ މަސައްކަތައް ގެނައި ކުންފުނި އަތުގައި ކަމަށެވެ. އެހެން ކަމުން އެމީހުންގެ ހުއްދައާ ނުލައި އެނބުރި ގައުމަށް ވެސް ނުދެވޭނެ ކަމަށެވެ. އަދި އެ މައްސަލައިގައި އެކި ފަހަރުގެ މަތިން ކަމާ ބެހޭ އިދާރާތަކައް ހުށައެޅުނު ކަމަށް އޭނާ ބުންޏެވެ.

"އަހަރަމެންނަށް އަމިއްލަ އާއިލާއާއި ވެސް ގުޅޭނެ ގޮތެއް ނޯވޭ. ވަރަށް ހާލުގައި މިއުޅެން ޖެހެނީ." ޕްރަޝާދް ބުންޏެވެ.

ދެހާސް ބާވީސް ވަނަ އަހަރު ބާއްވާ ވޯލްޑް ކަޕަށް ތައްޔާރުވުމުގެ ގޮތުން ގަތަރުން މަދުވެގެން 2.2 ބިލިއަން ޑޮލަރު ހޭދަވާނެ ކަމަށް އެގައުމުން ވަނީ ބުނެފަ އެވެ.

comment ކޮމެންޓް