ފަތުހު ޖަމާއަތުގެ ވެރިޔާގެ އިސްތިއުނާފު ހައިކޯޓުގައި ކުރިއަށް ގެންދެވޭނެކަމާ މެދު ސުވާލު އުފެދިއްޖެ

ފަތުހު ހައްޖު ގުރޫޕްގެ ވެރިޔާ މުސްތަފާ: އޭނާގެ މައްޗަށް ކްރިމިނަލް ކޯޓުން ކުރި މަކަރާއި ހީލަތް ހެދުމުގެ ދައާވާއިން ވަނީ ސަލާމަތް ވެފައި

ފަތުހު ހައްޖު އަދި އުމްރާ ގްރޫޕްގެ މެނޭޖިންގ ޑިރެކްޓަރު މ. އެކްސަލް، މުސްތަފާ މުހައްމަދު ދީދީގެ މައްޗަށް ދައުލަތުން އުފުލި މަކަރާއި ހީލަތް ހެދުމުގެ ކުށުގެ ދައުވާ ކްރިމިނަލް ކޯޓުން ސާބިތު ނުވާ ކަމަށް ނިންމުމުން، ހައި ކޯޓުގައި ވަނީ އިސްތިއުނާފް ކޮށްފަ އެވެ.

މީގެ ފަސް އަހަރުން ކުރިން 2015 ވަނަ އަހަރު، މުސްތަފާގެ މައްޗަށް އެ ދައުވާ އުފުލާފައިވަނީ ހައްޖަށް ގެންގޮސްދޭނެ ކަމަށް ބުނެ 112 މީހެއްގެ އަތުން 6.7 މިލިއަނަށް ވުރެ ގިނަ ރުފިޔާ ނެގުމަށް ފަހު އެ މީހުން ހައްޖަށް ގެންގޮސްދީފައި ނުވާތީ އެވެ.

ހައްޖަށް ގެންގޮސްދޭނެ ކަމަށް ބުނެ ފައިސާ ދެއްކި މީހުން ހައްޖަށް ގެންގޮސް ނުދިނުމުން ސަރުކާރުން އެ މީހުން ހައްޖަށް ފޮނުވަން ހަރަދުގެ ގޮތުގައި ހިނގި 6.6 މިލިއަނަށް ވުރެ ގިނަ ރުފިޔާ މުސްތަފާ އަތުން ހޯދުމަށް ވެސް ދައުލަތުން ވަނީ ކޯޓުގައި އެދިފަ އެވެ.

ނަމަވެސް އެ މައްސަލަ މުސްތަފާގެ މައްޗަށް ސާބިތުނުވާ ކަމަށް ހުކުމް ކޮށްފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގަ އެވެ. ކްރިމިނަލް ކޯޓުގެ ގާޒީ އާދަމް އާރިފް ކޮށްފައިވާ އެ ހުކުމުގައި ބުނެފައިވަނީ، ޝަރީއަތުގެ މަޖިލީހުގައި މުސްތަފާ ދެއްކެވި ވާހަކަތަށް ބާރުލިބޭ ގޮތަށް ދިފާއީ ހެކިން ހެކިބަސް ދީފައިވާ ކަމަށާއި އެކަން ނަފީކުރުމަށް ދައުލަތުން އެއްވެސް ހެއްކެއް ގަރީނާއެއް ހުށަހަޅާފައި ނުވާ ކަމަށެވެ.

އެ މައްސަލައިގެ އަޑުއެހުންތައް ހައި ކޯޓުގައި އިއްޔެ ފަށާފައިވާއިރު، މުސްތަފާގެ ދިފާއި ވަކީލް ނޫރުއްސަލާމް ވަނީ އެ މައްސަލައިގެ އިސްތިއުނާފް ކުރިއަށް ނުގެންދެވޭނެ ކަމަށް ވިދާޅުވެފަ އެވެ.

ސަބަބެއްގެ ގޮތުގައި ނޫރުއްސަލާމް ފާހަގަ ކުރެއްވީ އިސްތިއުނާފް ކުރުމަށް އޮތް މުއްދަތު ފަހަނައަޅާ އެތައް ދުވަހެއް ފަހުން އެ މައްސަލަ ހައި ކޯޓަށް އިސްތުއުނާފަށް ހުށަހަޅާފައިވުމެވެ. އެގޮތުން މިދިޔަ އަހަރުގެ އޮކްޓޯބަރު ނުވަ ވަނަ ދުވަހު ކްރިމިނަލް ކޯޓުން ކުރި ހުކުމް އިސްތިއުނާފަށް ހުށަހަޅާފައިވަނީ މި އަހަރުގެ ޖޫން މަހުގެ 27 ގައި ކަން އެނގެން އޮންނަ ކަން ނޫރުއްސަލާމް ފާހަގަކުރެއްވި އެވެ.

އެހެންކަމުން ނޫރުއްސަލާމް އެދިފައިވަނީ ކްރިމިނަލް ކޯޓުން މުސްތަފާގެ މައްޗަށް އެ ކުށް ސާބިތުނުވާ ކަމަށް ކޮށްފައިވާ ހުކުމަކީ ނިހާއީ ހުކުމެއް ކަމަށް ކަނޑައަޅައިދެއްވުމަށް އެދިފަ އެވެ.

ހައި ކޯޓުގެ ގަވާއިދުގައި ބުނާ ގޮތުން މާލޭގެ ކޯޓެއްގެ ނިންމުމެއް އިސްތިއުނާފް ކުރާ ނަމަ، ހުކުމްކުރުރިތާ 90 ދުވަހުގެ ތެރޭގައި ހުށަހަޅަން ޖެހޭނެ އެވެ. އަދި އެ މުއްދަތު ހަމަވެފައިވީ ނަމަވެސް ގަބޫލުކުރެވޭ ފަދަ ސަބަބެއް ހުށަހަޅައިފި ނަމަ އެމައްސަލައެއްގެ އިސްތިއުނާފް ގަބޫލުކުރުމުގެ އިހްތިޔާރު ކޯޓަށް ލިބިގެންވާ ކަމަށް ވެސް އެ ގަވާއިދުގައި ވަނީ ބުނެފަ އެވެ.

އަދި ޕްރޮސިކިއުޓާ ޖެނަރަލް އޮފީސް (ޕީޖީ) ގެ ވަކީލާ މަރިޔަމް ޝަހުމާ ވެސް ވަނީ އެކަން ފާހަގަކޮށްފަ އެވެ. އަދި ވިދާޅުވީ، ލިޔެކިޔުންތައް ލިބުމުން އިސްތިއުނާފަށް ހުށަހަޅާނެ ކަން އޮކްޓޯބަރު 17 ގައި ހައި ކޯޓަށް ސިޓީ އަކުން ދަންނަވާފައިވާނެ ކަމަށެވެ. އެ ސިޓީގެ ޖަވާބު އެ މަހުގެ 21 ވަނަ ދުވަހު ލިބިފައިވާއިރު އޭގައި އޮތީ ލިޔެކިޔުންތައް ލިބުމުން އިސްތިއުނާފަށް ހުށަހެޅުމުގެ ފުރުސަތު އޮތް ކަމަށް، ކަން ޝަހުމާ ފާހަގަ ކުރެއްވި އެވެ.

ކްރިމިނަލް ކޯޓުން ކުރި ހުކުމުގެ ލިޔެކިޔުންތައް ޕީޖީއަށް ލިބިފައިވަނީ 13 ޖެނުއަރީ 2019 ގައި ކަމަށާއި ލިޔެކިޔުންތައް ލިބުނު ދުވަހުން ފެށިގެން 10 ދުވަސް ތެރޭގައި ހައި ކޯޓަށް އިސްތިއުނާފަށް ހުށަހެޅި ކަން ޕީޖީގެ ވަކީލް ވަނީ ވިދާޅުވެފަ އެވެ.

އެހެން ނަމަވެސް އެ މައްސަލަ އިސްތުއުނާފަށް ހުށަހަޅާފައިވަނީ ޖޫން މަހުގެ 27 ގައި ކަން ފާހަގަކޮށް ނޫރުއްސަލާމް ވިދާޅުވީ، ދައުލަތުން ދައްކާ ވާހަކަ އެއް ގޮތަކަށް ވެސް ދިމާ ނުވާ ކަމަށާއި އެ ވާހަކަތަކުގެ ސައްހަ ކަމެއް ނެތް ކަމަށެވެ.

އިސްތިއުނާފްގެ ތާރީހުތަކުގައި އޮޅުމެއް އުޅޭ ކަން ފާހަގަކޮށް މައްސަލަ ބަލާ ބެންޗުން ނިންމެވީ، އިޖުރާއީ ގޮތުން އެ މައްސަލަ ކުރިއަށް ގެންދެވޭނެތޯ އިތުރަށް ބެލުމަށް ޝަރީއަތް މެދުކަނޑާލުމަށެވެ. އަދި ދެން އޮންނަ އަޑުއެހުމެއްގައި އެ މައްސަލަ އިތުރަށް ކުރިއަށް ގެންދިއުމާއި ގުޅޭ ގޮތުން ގޮތެއް ނިންމާނެ އެވެ.

comment ކޮމެންޓް