ހަތަރު ފަނޑިޔާރެއްގެ ސުލޫކީ މައްސަލަ ބަލަނީ

ޖޭއެސްސީގެ މެމްބަރުންތަކެއް -- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

ހަތަރު ފަނޑިޔާރަކާ ގުޅޭ ފަސް ސުލޫކީ މައްސަލައެއް ބަލަން ޖުޑިޝަލް ސާވިސް ކޮމިޝަނުން ނިންމައިފި އެވެ.

މިއަދު ބޭއްވި ޖޭއެސްސީގެ ބައްދަލުވުމެއްގައި ހަތަރު ގާޒީއަކާ ބެހޭ ފަސް މައްސަލައެއް ބަލަން ވަނީ ނިންމާފައެވެ.

ޖޭއެސްސީއިން ބަލަން ނިންމީ ސިވިލް ކޯޓުގެ ގާޒީ ހުސެއިން ފާއިޒް ރަޝާދާ ގުޅޭ މައްސަލައަކާއި ކްރިމިނަލް ކޯޓުގެ ގާޒީ ހަސަން ނަޖީބާ ގުޅޭ މައްސަލައަކާއި، ސިވިލް ކޯޓުގެ ގާޒީ ހަސަން ފަހީމާ ގުޅޭ މައްސަލައަކާއި ލ. ދަނބިދޫ މެޖިސްޓްރޭޓު ކޯޓުގެ އިސް މެޖިސްޓްރޭޓް އަލީ ޝަރީފާ ގުޅޭ ދެ މައްސަލައެކެވެ.

އެ ބޭފުޅުންގެ ތެރެއިން ހުސެއިން ފާއިޒް ފިޔަވައި އެހެން ހުރިހާ ގާޒީންގެ އިތުރު މައްސަލަތަކެއްވެސް މިހާރު ޖޭއެސްސީއިން އަންނަނީ ބަލަމުންނެވެ.

މިއަދު މި ނިންމުންތައް ނިންމި ޖޭއެސްސީގެ ބައްދަލުވުމުގެ ރިޔާސަތު ބެލެހެއްޓެވީ ކޮމިޝަނުގެ ރައީސް އަބްދުﷲ އަރީފެވެ. ދެން ބައްދަލުވުމުގައި ހާޒިރުވެ ތިއްބެވީ ކޮމިޝަނުގެ ނައިބު ރައީސް މަސްތޫރު ހުސްނީއާއި މެމްބަރުން، އަބްދުއްރައޫފް އިބްރާހިމް، ހިސާން ހުސެއިން، ޑރ. އަލީ ޝަމީމް އަދި އަބްދުލްމާނިއު ހުސެއިންއެވެ.

comment ކޮމެންޓް