އިންޑިއާގައި އީ-ސިނގިރެޓު މަނާކުރަން ސަރުކާރުން ނިންމައިފި

އިންޑިއާގެ ފިނޭންސް މިނިސްޓަރު ނިރުމަލާ ސިތާރަމަން ވިދާޅުވި ގޮތުގައި އެގައުމުގެ ކެބިނެޓުން ވަނީ އީ-ސިނގިރެޓު މަނާ ކުރަން ތާއިދުކޮށްފަ -- ފޮޓޯ: އިންޑިއާޓުޑޭ

ދިއްލީ (ސެޕްޓެމްބަރު 18): އިންޑިއާގައި އީ-ސިނގިރެޓު އުފެއްދުމާއި، އެތެރެކުރުމާއި، ވިއްކުމާއި، އިޝްތިހާރު ކުރުން މަނާ ކުރަން އެގައުމުގެ ޔޫނިއަން ކެބިނެޓުން ފާސްކޮށްފިއެވެ.

އިންޑިއާގެ ފިނޭންސް މިނިސްޓަރު ނިރުމަލާ ސިތާރާމަން ވިދާޅުވި ގޮތުގައި އީ-ސިނގިރެޓު މަނާ ކުރަން ނިންމީ ޒުވާނުންގެ މެދުގައި އޭގެ މަގުބޫލުކަން އިތުރުވެފައި އޮތުމުންނާއި އެކަމަށް ހެލްތު މިނިސްޓްރީން ލަފާ ދިނުމުންނެވެ.

"އީ-ސިނގިރެޓު ޕްރޮމޯޓުކޮށްފައި ވަނީ ދުންފަތުގެ އިސްތިއުމާލު ކުރުމާ ދުރުހެލިވުމަށް ބޭނުން ކުރާ އެއްޗެއްގެ ގޮތުގަ. ނަމަވެސް ރިޕޯޓުތަކުން ދައްކާ ގޮތުގައި ގިނަ ބަޔަކު ދަނީ އީ-ސިނގިރެޓަށް ދެވި ހިފަމުން،" މިނިސްޓަރު ވިދާޅުވިއެވެ.

އަދި އީ-ސިނގިރެޓުގެ 400އަށް ވުރެ ގިނަ ބްރޭންޑުތައް އުފައްދާ ކަމަށާއި އޭގައި 150 ވުރެ ގިނަ ފްލޭވާތައް ހިމެނޭ ކަމަށް ނިރުމަލާ ވިދާޅުވިއެވެ.

ފޮރިން މިނިސްޓަރު ވިދާޅުވި ގޮތުގައި ކެބިނެޓުން ފާސް ކުރި "ޕްރޮހިބިޝަން އޮފް އީ-ސިނގިރެޓް އޯޑިނެންސް" މިހާރު ވަނީ ރައީސް ރާމް ނާތު ކޯވިންދަށް ފޮނުވާފައެވެ. އަދި މިވަގުތު ޗުއްޓީގައި އޮތް ޕާލިމެންޓު، އަންނަ ނޮވެމްބަރު މަހު ފެށުމުން އެގަރާރު ޕާލިމެންޓަށްވެސް ހުށަހަޅާނެއެވެ.

އިންޑިއާގެ ޕާލިމެންޓް ޗުއްޓީގައި އޮންނަ އިރު، ޔޫނިއަން ކެބިނެޓުން ފޮނުވާ ގަރާރެއްގައި އެގައުމުގެ ރައީސް ސޮއިކުރައްވައިފިނަމަ، އެގަރާރެއް ޕާލިމެންޓުން ފާސް ކުރާ ބިލަކާ އެއްގޮތަށް ގާނޫނަކަށް ވާނެއެވެ. ނަމަވެސް ޕާލަމެންޓު އަލުން ފެށުމުން، އެ ގާނޫނަކަށް ޕާލަމެންޓުގެ ރުހުން އޮތްތޯވެސް ބަލަން ޖެހޭނެއެވެ.

ނިރުމަލާ ވިދާޅުވި ގޮތުގައި މިވަގުތު ކެބިނެޓުން އެކުލަވާލާފައިވާ ޑްރާފްޓް ގަރާރުގައި ވަނީ އީ-ސިނގިރެޓު މަނާކުރުމާ ބެހޭ ގާނޫނާ ހިލާފުވާ ފަރާތްތައް އެއް ލައްކަ ރުޕީސް (1,404 ޑޮލަރު)އިން ޖޫރިމަނާ ކުރަން ނުވަތަ ގިނަ ވެގެން އެއް އަހަރަށް ޖަލަށް ލުމަށެވެ. އަދި ތަކުރާރުކޮށް ގާނޫނާ ހިލާފުވާނަމަ ޖަލު ހުކުމް އިތުރު ކުރުމަށެވެ.

އިންޑިއާ ސަރުކާރުގެ ކެބިނެޓުން އެގަރާރު ފާސް ކުރީ، އެމެރިކާގައި އެކި ފްލޭވާތަކުގެ އީ-ސިނގިރެޓު މަނާކުރާނެކަމަށް އެގައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވި ފަހުންނެވެ.

ޓްރަމްޕް އެފަދައިން ވިދާޅުވީ އީ-ސިނގިރެޓް ބޭނުންކުރުން ނުވަތަ ވޭޕް ކުރުމާ ގުޅުން ހުރި ފުއްޕާމޭގެ ބައްޔައްގެ ސަބަބުން މިދިޔަ އޮގަސްޓު މަހުގެ ފަހުން އެމެރިކާގައި ހަ މީހަކު މަރުވުމާ ގުޅިގެންނެވެ.

ބައެއް ފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި، އީ-ސިނގިރޭޓު އުފައްދާ ކުންފުނިތަކުން އޭގައި އަނބާއި ކޮޓަން ކޭންޑީއާއި އެހެނިހެން ފްލޭވާތައް ބޭނުން ކުރަނީ އެއަށް ކުޑަކުދިން ޝައުގުވެރި ކުރުވުމަށްޓަކައެވެ. އަދި އޭގައި އާންމު ގޮތެއްގައި ނިކޮޓިން އެކުލެވޭތީ ކުދިން އީ-ސިނގިރެޓަށް ދެވިހިފަނީއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް