ބިދޭސީންގެ މައްސަލަ ހައްލު ނުކުރެވިއްޖެ ނަމަ އިސްތިއުފާ ދޭނަން: ފައްޔާޒު

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އަދި އިކޮނަމިން މިނިސްޓަރު ފައްޔާޒު: ފައްޔާޒު ވިދާޅުވީ ބިދޭސީންގެ މައްސަލަ ހައްލު ނުކުރެވިއްޖެ ނަމަ އިސްތިއުފާ ދެއްވާނެ ކަމަށް -- ފައިލް ފޮޓޯ/ ރައީސް އޮފީސް

ރާއްޖެއަށް ކުރިމަތިވެފައިވާ ބިދޭސީންގެ މައްސަލަ ހައްލު ނުކުރެވިއްޖެ ނަމަ މަގާމުން އިސްތިއުފާ ދެއްވާނެ ކަމަށް އިކޮނަމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ.

ފައްޔާޒު އެހެން ވިދާޅުވެފައިވަނީ، ގާނޫނާއި ހިލާފަށް އުޅޭ ބިދޭސީން ގާނޫނުގެ އިމުގެ ތެރެއަށް ވެއްދުމަށް މިއަދު ފެށި 'ރެގިއުލަރަޒޭޝަން ޕްރޮގްރާމް' މައުލޫމާތު ދިނުމަށް ސިވިލް ސާވިސް ކޮމިޝަން ބިލްޑިންގްގައި ހުންނަ އިކޮނަމިކް މިނިސްޓްރީގެ ލޭބާ ޑިޕާޓްމެންޓްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުންނެވެ.

ބިދޭސީންގެ މައްސަލަ ހައްލު ކުރުމަކީ މި ސަރުކާރުގެ ރިޔާސީ ވައުދަކަށްވާއިރު އެ ވައުދު ފުއްދުމަށް ފެއްލި ވެއްޖެ ނަމަ ދެން ކަން ކުރާނީ ކިހެނެއްތޯ "ސަން"އިން ފައްޔާޒުއާ ސުވާލު ދެންނެވުމުން އޭނާ ވިދާޅުވީ މަގާމުގައި ނުހުންނަވާ އިސްތިއުފާ ދެއްވާނެ ކަމަށެވެ.

"އަޅުގަނޑު މިކަމުގައި (ބިދޭސީންގެ މައްސަލަ) މިކަން ހައްލު ކުރާނަން. ހައްލު ނުވެއްޖެ ކަމުގައިވެއްޖިއްޔާމުން އަޅުގަނޑު މި މަގާމަކު ނުހުންނާން،" ފައްޔާޒު ވިދާޅުވި އެވެ.

ގާނޫނާ ހިލާފަށް އުޅޭ ބިދޭސީންގެ ސީދާ އަދަދު ނޭންގޭ ކަން ފައްޔާޒު ފާހަގަ ކުރެއްވި އެވެ. ނަމަވެސް އަންދާޒާ ކުރެވޭ ގޮތުގައި އެ އަދަދު މަދުވެގެން ފަންސާސް ހާހަށް ވުރެން މައްޗަށް އަރާނެ ކަމަށް ފައްޔާޒު ވިދާޅުވި އެވެ.

އިމިގްރޭޝަނުން މީގެ ކުރިން ކުރަމުން އައި ބިދޭސީ މަސައްކަތްތެރިން ރާއްޖެ އެތެރެކުރުމަށް ދެވޭ ހުއްދައިގެ މަސައްކަތްތައް އިކޮނަމިކް މިނިސްޓްރީގެ ދަށަށް ބަދަލުކޮށްފައި ވަނީ މިއަހަރުގެ މާޗް 21 ވަނަ ދުވަހު އެވެ.

comment ކޮމެންޓް