ބަންގާޅު ވަޑީގެ މުއްސަނދި ވުމުގެ ހިތްދަތިކަން

މިދިޔަ ހުކުރު ދުވަހު ރާއްޖެއިން ޑީޕޯޓްކޮށްލި ދެ ބިދޭސީން --

ވަޑިއެއްގެ ގޮތުގައި ރާއްޖޭގައި މަސައްކަތް ކުރަން އައި ބަންގާޅު މީހެއްގެ މުއްސަނދި ކަމުގެ ވާހަކަ ފަލަ ސުރުޚީ އަށް އެރި ފަހުން ޤާނޫނާ ޚިލާފަށް މަސައްކަތް ކުރާ ބިދޭސިންނާ މެދު ހިތްހަމަނުޖެހިގެން މީސް މީޑިއާގައި ވަރަށް ގިނަ މީހުން އެ މީހުންގެ ޝުޢޫރު ފާޅު ކޮށްފައި ހުއްޓެވެ. އޭގެ ތެރެއިން ބައެއް ބިދޭސީންގެ މުއްސަނދި ދިރިއުޅުމަށެވެ. ބިސްނަސް ކުލާހުގައި ދަތުރު ކުރާ ތީވެ އެވެ. މަނީ ލޯންޑަރިންގުގެ މަސައްކަތުގައި އުޅޭތީވެ އެވެ. މީސް މީޑިއާގައި އެކަކު މިދަންނަވާ ގޮތަށް އޭނާގެ ކަންބޮޑުވުން ފައުޅު ކޮށްފައި އޮތެވެ.

ކަންމަތީ ފިހާރާގައި ސޭޓަކަށް އިންނަނީ ބަންގާޅު މީހެކެވެ. ކުއްޔަށް ދޭ ގެސްޓުހައުސްތަކުގެ ވެރިން ނަކީ ބަންގާޅު މީހުންނެވެ. ގެސްޓުހައުސް ހިންގަނީ ބަންގާޅު މީހުން ނެވެ. އެ ތަންތާގައި މަސައްކަތް ކުރާ ދިވެހި މުއައްޒަފުންނަށް މުސާރަ ދެނީ ބަންގާޅު މީހުން ނެވެ. ނާލު ބޯޓުގައި މަސައްކަތް ކުރާ މީހުންނަށް ތިބެނީ ބަންގާޅު މީހުންނެވެ. އަދި ބައެއް ސަރަހައްދުތަކުގައި، ބައެއްފަހަރު ދޯނި ނުވަތަ ބޯޓުގެ ހުންގާނު ހިފަން ވެސް ބަންގާޅު މީހުންނަށް ދޭ ކަމުގައިވެ އެވެ. މަސް ދޯނި ފަހަރުގައި މަސައްކަތް ކުރަނީ ވެސް ބަންގާޅު މީހުން ނެވެ. އަތޮޅުގެ ތެރެއިން ގެންނަ ދަނޑު ގޮވާމުގެ ބާވަތް ތައް ގެންނަނީ ވެސް ބަންގާޅު މީހުން ހައްދާ ދަނޑުން ނެވެ. އަނބު މޫސުމުގައި އަނބު އެޅުމުން އަނބުގަސް އެކީގައި ގަނެލަނީ ވެސް ބަންގާޅު މީހެކެވެ. އަނބުތައް ސަޕްލައި ދޯނީގައި މާލެ ފޮނުވާ ލަނީ ވެސް ބަންގާޅު މީހެކެވެ. މާރުކޭޓުގެ ގޮޅީގައި މުދާ ވިއްކަން އިންނަނީ ވެސް ބަންގާޅު މީހެކެވެ. ބަނދަރުމަތީގެ ފިހާރަތައް ވެސް ބަންގާޅު މީހުން ހިންގާ ކަމުގައިވެ އެވެ. ފުޑްކޯޓާއި ހޮޓާ ފަދަ ތަންތަން ވެސް ބަންގާޅު މީހުން ހިންގާ ކަމުގައިވެ އެވެ. އަދި ދިވެހި ކަނބަލުންނާ ބަންގާޅު މީހުން ކައިވެނި ކުރާ ކަމުގައި ވެސްވެ އެވެ. މީސް މީޑިއާގައި އޭނާގެ އުދާސްތައް އޮއްސާލި މީހާ ނިންމާލި އެވެ."މިއީ ތަންކޮޅެއް ބޮޑު ވަރެވެ."

އަވައްޓެރި ޤައުމުތަކުގެ މީހުން ރާއްޖެ އަށް މަސައްކަތް ކުރަން އަންނަނީ ރަށުގައި އޮންނަ ދިރިއުޅުމަށް ވުރެ ރަނގަޅު ދިރިއުޅުމެއް ހޯދާށެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގެ މީހުން އެމެރިކާ އަށް ހިޖުރަ ކުރަނީ އެމީހުންގެ އެމެރިކާ ހުވަފެން ޙަޤީޤަތަކަށް ހަދާށެވެ. އެމެރިކާގައި ކުރިއަށް ދާން ގިނަ ފުރުޞަތުތަކެއް ލިބޭތީވެ އެވެ. މަަސައްކަތް ކުރަން ކެރިފައި ޤާބިލު ކަން ހުރެއްޖެ ނަމަ އިމެއް ނެތި ކުރިއަށް ދެވޭނެތީވެ އެވެ. ވަރަށް އާދައިގެ ދިރިއުޅުމެއް ރާއްޖޭގައި ހޭދަ ކުރި ބައެއް ދިވެހިން އެމެރިކާ އަށް ދިއުމަށް ފަހު ބޮޑެތި މަހުޖަނުން ނަށް ވެފައި އެބަ ތިއްބެވެ. މިލިއަނަރުންނަށް ވެފައި އެބަ ތިއްބެވެ. އެ މީހުންގެ މަސައްކަތުން ނެވެ. ދިވެހިން ވެސް އަވައްޓެރި ޤައުމުތަކުގެ ކަނބަލުންނާއި ކަލުންނާ ކައިވެނި ކުރެ އެވެ. އަދި ހުޅަނގުގެ ޤައުމުތަކުގެ ދޮން ކަނބަލުންނާއި ދޮން ބޭކަލުންނާ ވެސް ކައިވެނި ކުރެ އެވެ. ގަދަ ކަމުންނެއް ނޫނެވެ. ދެ މީހުން ވެސް ރުހިގެން ނެވެ. ބޭރު މީހުންނާއި ކައިވެނި ކުރެވޭ ދިވެހިންނާއި ބިދޭސިންނަށް ވެސް ރާއްޖެ އާއި ރާއްޖެ އިން ބޭރުގައި ވެސް ބޮޑެތި މައްސަލަތަކާ ކުރިމަތި ވެފައި ވެސް އެބަހުއްޓެވެ.

އަޅުގަނޑު ވެސް އެއްބަސް ވަމެވެ. "މިއީ ހަމަ ތަންކޮޅެއް ބޮޑުވަރެވެ." ބިދޭސިންގެ ކަންތައްތައް ބަލަހައްޓަން ޤާނޫނުން މުއައްސަސާއަކާ ހަވާލު ކުރެވިފައިވެ އެވެ. ވިޔަފާރި ކުރާ ފަރާތްތަކުގެ ކަންތައްތައް ބަލަހައްޓަން ވެސް ޤާނޫނުން ބަޔަކާ ހަވާލު ކުރެވިފައިވެ އެވެ. ޤަވައިދާ ޚިލާފަށް މަސައްކަތްކުރާ ދިވެހިން ހޯދަން ވެސް ޤާނޫނުން ބަޔަކު މަތިކޮށްފައިވެ އެވެ. ޤަވައިދާ ޚިލާފަށް ރާއްޖެ އަށް ބިދޭސިން އެތެރަވިޔަ ނުދިނުމަށް ވެސް ޤާނޫނުން ބަޔަކު މަތި ކޮށްފައިވެ އެވެ. މަނީ ލޯންޑަރިންގެ ކަންތައް ބަލަހައްޓަން ވެސް ބަޔަކު ތިބޭކަން އެނގެ އެވެ. ބޭންކުން ތަންކޮޅެއް ބޮޑު އަދަދެއްގެ ފައިސާކޮޅެއް ނަގަން އުޅުމުން ކުރާ ސުވާލު ތަކުން ނެވެ.

ބަންގާޅު މީހުންނަށް ގެސްޓު ހައުސް ގަނެވެނީ ދިވެހިން ވިއްކީމަ އެވެ. މާރުކޭޓުގެ ގޮޅީގައި ބަންގާޅު މީހާ އަށް އިދެވެނީ ދިވެހިން ބޭތިއްބީމަ އެވެ. މަސްބާނަން ބަންގާޅު މީހުން ދަނީ ދޯނީގެ ވެރިފަރާތުން އޭނާ އަށް ވަޒީފާ ދިނީމަ އެެވެ. ބޯޓުގެ ފަޅުވެރިންނަށް ބަންގާޅު މީހުން ތިބެނީ ދިވެހިން ވަޒީފާ ދިނީ މަ އެވެ. އަޅުގަނޑުމެންގެ ކަނބަލުންނާ އެ މީހުން ކައިވެނި ކުރަނީ ކަނބަލުންގެ ރުހުމުން ނެވެ. ދަނޑުވެރިކަން ކުރަނީ، ދިވެހިން އެ މީޙުންނަށް އެ ފުރުޞަތު ދިނީ މަ އެވެ. ބަންގާޅު މީހުން ތަފާތު މަސައްކަތްތަކުގައި އުޅެނީ ދިވެހިން، އެ މީހުންނަށް އެ ފުރުޞަތު ހޯދައި ދިނީމަ އެވެ. އަމިއްލަ މަސައްކަތްތަކަށް ދިވެހި މަސައްކަތްތެރިން ލިބުން އުނދަގުލެވެ. ބޭނުންވާ ވަރަކަށް ނުލިބެ އެވެ. ވަޒީފާ ނުލިބިގެން ދަތި ވެގެން ޝަކުވާ ކުރާ ގިނަ ދިވެހިން އުޅެނީ މޭޒުދޮށުގައި ތިބެގެން މަސައްކަތް ކުރާ ވަޒީފާތަކަށެވެ. ގިނަ ފަހަރަށް ސަރުކާރުގެ ނުވަތަ ސަރުކާރާ ގުޅުން ހުންނަ ތަންތަނުގެ ވަޒީފާ ތަކަށެވެ. ރާއްޖޭގެ އާބާދީގެ ގާތްގަނޑަކަށް ދެބައި ކުޅަ އެއްބަޔަކީ އަންހެނުން ނެވެ. އެކަމަކު ބޭނުންވާ އަދަަދަށް ތަމްރީނު ވެފައި ތިބި ދިވެހި އަންހެން ނަރުހުން ނުލިބެ އެވެ. ހަމަ އެގޮތަށް މުޅި ރާއްޖެ އަށް ބޭނުންވާ ވަރަށް ދިވެހިން، މުދައްރިސް ކަމުގެ މަޤާމަށް ވެސް ނުލިބެ އެވެ. ދަށު ފަންތީގެ އިމްތިޙާނުތަކުގެ ނަތީޖާ އަށް ބަލާލާ އިރު ޚާއްޞަ ތަމްރީނުތައް ހެދުމަށް ޢިލްމީ ފެންވަރު ނެތިގެން ބޭނުންވާ ދާއިރާތަކަށް މީހުން ތަމްރީނު ކުރަން ނުލިބެނީ ކަމަށް ޤަބޫލު ކުރަން އުނދަގުލެވެ. ވަޒީފާތައް ދިވެހި ކުރުމުގައި ކޮންމެވެސް ހިސާބެއްގައި މައްސަލަތައް އެބަހުއްޓެވެ. މިއީ ޤައުމީ މައްސަލަ އެކެވެ. ވަޒީފާ ބޭނުންވާ މީހުންނަށް އަމާޒު ކޮށްގެން ވެބްސައިޓް ހަދައިގެން، ސިޔާސީ ބައްދަލުވުންތަކުގައި އަަޗާ ކަނޑައިގެން އެކަމަށް ހައްލެއް ނުހޯދޭނެ އެވެ. މައްސަލަ އެ އަށް ވުރެ ސީރިއަސް އެވެ. ފަތުރުވެރިކަމުގެ ދާއިރާ އަށް އަނެއްކާ ވެސް އިތުރު ރަށްތަކެއް ތަރައްޤީ ކުރާ ވާހަކަ ދެކެވެ އެވެ. އެތައް ސަތޭކަ ނުވަތަ އެތައް ހާސް ވަޒީފާ އިތުރުވާނެ ކަމަށް ބުނެ އެވެ. ދިވެހިންނަށްތޯ އެވެ. ބޮޑަށް ލަފާ ކުރެވެނީ އަވައްޓެރި ޤައުމުތަކުގެ މީހުންނަށް ކަމަށެވެ. މަދު ދިވެހިން މަސައްކަތަށް ލިބިދާނެ އެވެ. ގިނަވާނީ ލަންކާ މީހުންނާއި އިންޑިއާގެ މީހުން ނެވެ. ސާފު ކުރުމުގެ މަސައްކަތުގައި ބަންގާޅު މީހުންނެވެ.

މި ހުރިހާ ކަމެއް ހިގާ އިރު ރާއްޖޭގައި ވަޒަންވެރި ވެގެން އުޅޭ ދިވެހިން ކޮބައިތޯ އެވެ. އާބާދީ ދުވަހެއް ދުވަހަކަށް ބޮޑު ވަމުން ދާ ކަމުގައި، ބޯހިމަނާ މީހުން ބުނެ އެވެ. ދިވެހިން ތިބެނީ ފާޑު ކިއާށެވެ. "ބިދޭސީންނާ ހުރެ އަަހަރުމެންނަށް ވަޒީފާއެއް ނުލިބެ އެވެ."ވަޒީފާ އެއް ލިބޭނީ ވަޒީފާ އެއްގައި މަސައްކަތް ކުރަން ބެނުން ނަމަ އެވެ. ގޭގައި މަސައްކަތް ކުރާ އެކަކު ނުވަތަ ދެމީހަކު ހުރެއްޖެ ނަމަ، ގޭގައި ތިބި އެހެން މީހުން ދިރިއުޅެން ނިންމަނީ އެ މީހުން ހޯދާ އާމްދަނީން ނެވެ. މިއީ ޙަޤީޤަތެވެ. އަޅުގަނޑުމެން އާ ރިޒޯޓްތައް ހުޅުވާ، ރެސްޓޮރަންޓުތަކާއި ގެސްޓުހައުސްތައް އިތުރު ކޮށް، މަސައްކަތަށް ގިނަ މީހުން ބޭނުންވާ ވިޔަފާރިތައް ފުޅާ ކުރަނީ އެވެ. ދިވެހިންގެ ވަޒީފާގެ ބާޒާރު ފުޅާ ކުރެވޭނެ ކަމަށް ހީ ކޮށެވެ. ނޭނގި ތިބެ އަޅުގަނޑުމެން އެހީތެރިވެދެނީ އަވައްޓެރި ޤައުމުތަކުގައި ވަޒީފާ ނެތިގެން އުޅޭ މީހުންނަށް ވަޒީފާގެ ފުރުޞަތު ތަނަވަސްކޮށް ދޭށެވެ. އެ ޤައުމުތަކުގެ ބައިތުލްމާލަށް ވަންނަ ބޭރު ފައިސާ އިތުރު ކޮށް ދޭށެވެ.

ކެރޭ ކުޅަދާނަ މީހުން މަސައްކަތް ކޮށްގެން މުއްސަނދި ވާނެ އެވެ. އެ މީހުންނަށް އެ މުއްސަނދިކަން ލިބުނީ ސަރުކާރުގެ ކަމާ ބެހޭ މުއައްސަސާތަކުގެ ފަރުވާ ކުޑަކަމުން، ނުވަތަ އަޅާނުލުމުން، ނުވަތަ ނާޤާބިލު ކަމުން، ނުވަތަ ނާޖާއިޒް ފައިދާ ތަކެއް ނެގުމުގެ ސަބަބުން ކަމަށްވާ ނަމަ އެކަން ރަނގަޅު ކުރުމަށް މަސައްކަތް ކުރެވެން ވީ އެވެ. ބަހުން ނެެއް ނޫނެވެ. އަމަލުން ނެވެ.

ގުޅޭ ޓެގު
comment ކޮމެންޓް