ގާނޫނާ ހިލާފް ބިދޭސީންނަށް ދޭ ދެވަނަ ފުރުސަތު ޕްރޮގްރާމް ފަށައިފި

ގާނޫނާއި ހިލާފަށް އުޅޭ ބިދޭސީން ގާނޫނުގެ އިމުގެ ތެރެއަށް ވެއްދުމުގެ ޕްރޮގްރާމް ފެށުމުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން --- ސަން ފޮޓޯ: ފަޔާޒު މޫސާ

ގާނޫނާއި ހިލާފަށް ރާއްޖޭގައި މަސައްކަތް ކުރަމުންދާ ބިދޭސީން ގާނޫނީ އިމުގެ ތެރެއަށް ވަނުމުގެ ފުރުސަތު އިކޮނަމިކް މިނިސްޓްރީން ހުޅުވާލައިފި އެވެ.

އިމިގްރޭޝަނުން މީގެ ކުރިން ކުރަމުން އައި ބިދޭސީ މަސައްކަތްތެރިން ރާއްޖެ އެތެރެކުރުމަށް ދެވޭ ހުއްދައިގެ މަސައްކަތްތައް އިކޮނަމިކް މިނިސްޓްރީގެ ދަށަށް ބަދަލުކޮށްފައި ވަނީ މިއަހަރުގެ މާޗް 21 ވަނަ ދުވަހު އެވެ.

ގާނޫނާއި ހިލާފަށް އުޅޭ ބިދޭސީން ގާނޫނުގެ ތެރެއަށް ވެއްދުމަށް މިއަދު ފެށި 'ރެގިއުލަރަޒޭޝަން ޕްރޮގްރާމް' މައުލޫމާތު ދިނުމަށް ސިވިލް ސާވިސް ކޮމިޝަން ބިލްޑިންގް ގައި ހުންނަ އިކޮނަމިކް މިނިސްޓްރީގެ ލޭބާ ޑިޕާޓްމެންޓްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވީ، ގާނޫނާ ހިލާފަށް އުޅޭ ބިދޭސީންގެ އަދަދު މަދުވެގެން 50،000 އަށް ވުރެ މައްޗަށް އަރާނެ ކަމަށެވެ.

ގާނޫނާއި ހިލާފަށް އުޅޭ ބިދޭސީން ގާނޫނުގެ އިމުގެ ތެރެއަށް ވެއްދުމުގެ ޕްރޮގްރާމް ކުރިއަށްދާ، އިކޮނަމިކް މިނިސްޓްރީގެ ލޭބާ ޑިޕާޓްމެންޓް --- ސަން ފޮޓޯ: ފަޔާޒު މޫސާ

އެގޮތުން އޭގެތެރެއިން ގިނަ މީހުންނަކީ އެ މީހުނަށް ވަޒީފާ ދޭނެ ކަމަށް ބުނެ ގިނަ އަދަދެއްގެ ފައިސާ ނެގުމަށްފަހު މަގުމައްޗަށް ދޫކޮށްލާފައިވާ މީހުން ކަން ފައްޔާޒު ފާހަގަކުރެއްވި އެވެ. އަދި ވިދާޅުވީ، ބިދޭސީންއަށް އެ 'ލަނޑު' ދެމުން އަންނަނީ ދިވެހިން ކަން ވެސް ފާހަގަ ކުރެވިފައިވާ ކަމަށެވެ.

"އެހެންވީމަ އަޅުގަނޑުމެން މި ހުޅުވާލަނީ ރެގިއުރައިޒޭޝަން ނުވަތަ ގާނޫނުގެ އިމަށް ވައްދައި ދައުލަތައް ވެސް ލިބެންވާ ފައިސާ ލިބި އަދި ގާނޫނީ އިމުގެ ތެރޭގައި އެ މީހުނަށް ވެސް ލިބެންޖެހޭ ރައްކާތެރިކަން ފޯރުކޮށްދެވޭނެ ނިޒާމެއް ގާއިމް ކުރުމަށް ރެގިއުލައިޒޭޝަން ޕްރޮގްރާމެއް މި ފަށަނީ،" ފައްޔާޒު ވިދާޅުވި އެވެ.

ގަވާއިދާ ހިލާފަށް އުޅޭ ގިނަ ބިދޭސީން އަކީ ބަންގާޅު މުސްލިމުންކަން ފާހަގަކޮށް ފައްޔާޒު ވިދާޅުވީ، އެ މީހުނަށް ވެސް އަނިޔާއެއް ދޭން ބޭނުން ނުވާ ކަމަށެވެ.

ގާނޫނާއި ހިލާފަށް އުޅޭ ބިދޭސީން ގާނޫނުގެ އިމުގެ ތެރެއަށް ވެއްދުމުގެ ޕްރޮގްރާމް ކުރިއަށްދާނީ ސިވިލް ސާވިސް ކޮމިޝަން ބިލްޑިންގ ގައި ހުންނަ އިކޮނަމިކް މިނިސްޓްރީގެ ލޭބާރ ޑިޕާޓްމެންޓްގެ އެއްވަނަ ފަންގިފިލާގައި --- ސަން ފޮޓޯ: ފަޔާޒު މޫސާ

ބިދޭސީން ގާނުނުގެ އިމަށް ވެއްދުމުގެ މަސައްކަތް ކުރަމުން ދާނީ ސިވިލް ސާވިސް ކޮމިޝަން ބިލްޑިންގް ގައި ހުންނަ އިކޮނަމިކް މިނިސްޓްރީގެ ލޭބާ ޑިޕާޓްމެންޓްގަ އެވެ. އެހްނަކަމުން އެތަނަށް އައިސް ބިދޭސީން ރަޖީސްޓްރީ ވުމަށް މިނިސްޓަރު ވަނީ އެދިވަޑައިގެންފަ އެވެ. އަދި ވިދާޅުވީ ބޭރުން ހޯދައިގެން ވެސް ރެޖިސްޓާ ކުރުމަށްފަހު ގާނޫނީ އިމުގެ ތެރެއިން އެ މީހުން ބޭނުންވާ އެމްޕްލޯޔަރުންނަށް 'އެ ދަފްތަރުން' މަސައްކަތްތެރިން ނެގުމުގެ ފުރުސަތު ދޭނެ ކަމަށެވެ.

އެ ޕްރޮގްރާމްގެ ދަށުން ރެގިއުލަރަޒް ވެވޭނީ އެއްވެސް އިރެއްގައި ރާއްޖޭގައި މަސައްކަތް ކުރުމަށް 'އެމްޕްލޯއިމަންޓް އެޕްރޫވަލް' ދޫކޮށްފައިވާ ބިދޭސީންނަށެވެ. އެއްވެސްއިރެއްގައި 'އެމްޕްލޯއިމަންޓް އެޕްރޫވަލް' ދޫކުރެވިގެން ރާއްޖެ އެތެރެވެފައިވާ ބިދޭސީންގެ ތެރެއިން ކާކުކަން އަންގައިދޭ ލިޔުމެއް ނެތް ފަރާތްތަކަށްވެސް އެ ޕްރޮގްރާމްގެ ދަށުން ރެގިއުލަރައިޒް ކުރުމަށް ހުށަހެޅޭނެ އެވެ.

ވަޒީފާ ދޭނެ ފަރާތެއް ލިބި ރެގިއުލަރައިޒްވާން އެދޭ ބިދޭސީން ރެގިއުލަރައިޒްކުރުމަށް ހުށަހަޅާނީ، 'އެކްސްޕެޓް އޮންލައިން ސިސްޓަމް' މެދުވެރިކޮށް ވަޒީފާދޭ ފަރާތުންނެވެ. މިގޮތުން ވަޒީފާދޭ ފަރާތަކީ ބިދޭސީ މަސައްކަތްތެރިން ރާއްޖެ ގެނައުމަށް ދޫކުރެވޭ ކޯޓާއެއް އޮތް ފަރާތެއް ނަމަ، ވަޒީފާދޭ ފަރާތުގެ އަތުގައި ބޭނުންނުކޮށް ބާކީއޮތް ކޯޓާއަށް ބިދޭސީން ރެގިއުލަރައިޒް ކުރުމަށް އެދެވޭނެ އެވެ. އަދި ކޯޓާ ނެތް ފަރާތްތަކުން ވެސް ކޯޓާއަށް އެދޭ ވަގުތު ބިދޭސީން ރެގިއުލަރައިޒް ކުމަށް ހުށަހެޅޭނެ އެވެ.

comment ކޮމެންޓް